ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 10:00 އަށް ތާވަލްކޮށްފި އެވެ.
މީގެ ހަތަރު އަހަރު ކުރިން އޭޕްރީލް 23، 2017 ގައި ވަޅިން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރައިލި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީމ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާންގެ އިތުރުން، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.
އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ ނޮވެމްބަރު 18، ގަ އެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރައްވާނެ ކަމަށެވެ.
ނަމަވެސް އާއިލާ މެމްބަރުން އެދުމުން ހުކުމް ކުރުމަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ އެ މައްސަލަ ސާބިތުވާނަމަ ވާރިޒުންގެ ބަސް ނަގަން ވެސް ޖެހޭނެތީ އެވެ.
ދައުލަތުން އެ މައްސަލައިގައި ބުނެފައި ވަނީ ޔާމީން ރަޝީދު މަރާލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އޭގެ ކުރިން މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ވެސް ދީފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ދައުލަތުން ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރީ ލިބިފަ އެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ދަށުން އެ މީހުންނަށް މަރުގެ އަދަބު ކޯޓަށް ދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް ދިފާއުން ގަބޫލުކުރާ ގޮތުގައި މި ހަ މީހުންނަށް ދައުވާ ސާބިތުވުން ނާދިރެވެ. އެގޮތުން މީހަކު މެރުމުގެ މަޝްވަރާއެއްގައި ނޫނީ ސައްލާއެއްގައި ބައިވެރިވެފައިވި ނަމަވެސް އެ މީހެއްގެ މައްޗަށް "ދިރިހުރި އިންސާނެއް މެރި ކަމުގެ ނުވަތަ މެރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ" ދައުވާއެއް ނުއުފުލޭނެ ކަމަށް ދިފާއީ ވަކީލުން ބުނެފައިވެ އެވެ.
އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލިއިރު އޭނާ ދިޔައީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި އިންސާފު ހޯދުމަށް އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް ވަރަށް އިސް ސަފުގައި މަސައްކަތް ކުރަމުންނެވެ.












