ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން މިއަދު ކޮމަންޑޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ނިކުމެ މަރުހަބާ ކިޔައިފި އެވެ.
ނަޝާ ކޮމަންޑުއަށް ވަޑައިގެންނެވީ އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ފޯކައިދޫއިން ނަޝާ އަށް މަރުހަބާ ކިޔަން ގޮސް ތިބި މީހުންނަށް އޭނާ ފެނުމުން، ހުސައިންގެ ހަނދާން އާވެ، ޖަޒުބާތުގައި ޖެހުނު ބައެއް ސަޕޯޓަރުން ނަޝާގެ ގައިގައި ބައްދައިލީ ރޮމުން ކަރުނަ އަޅަމުންނެވެ. އެމީހުން ހަމަޖައްސަވަން ޖެހިވަޑައިގެންނެވީ ނަޝާ އަށެވެ.
ދައުލަތުގެ ބައެއް ވަޒީރުންގެ އަރިހުގައި ދާއިރާއަށް ނަޝާ ކުރެއްވި ދަތުރުގައި ކޮމަންްޑޫއިން ބައެއް މީހުން އޭނާއަށް ކީ އާދައިގެ މަރުހަބާއެއް ނޫނެވެ. ނަޝާއާ ބައްދަލުވެލުމަށް ރަށުގެ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިން ވެސް ގޮސް ތިއްބެވެ. އަދި ވަރަށް ގިނަ ބަޔަލު ތިބީ ޕާޓީ ކުލައިގެ ހެދުމާއި ދިދަ ހިފައިގެނެވެ.
މެމްބަރު ހުސައިން އަކީ އެ ދާއިރާގައި އަދި ވަކިން ހާއްސަކޮށް، ދާއިރާގެ މައިރަށް ކޮމަންޑޫގައި އެހާވެސް މަގުބޫލު ބޭފުޅެކެވެ.

ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން ހުސައިން އަވަހާރަވީ މިދިޔަ ޑިސެމްބަރުމަ 14، ގައި މާލޭގަ އެވެ. ދެހާސް ވިހި ވަނަ އަހަރުން ފެށިގެން ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހުސައިން ވަހީދު މާލެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ މިދިޔަ އަހަރުގެ މާޗު 29، ގަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ވަހީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
ފޯކައިދޫ އަށް ނިސްބަވްތްވާ ހުސައިން ވަހީދު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފަސް އަހަރު ކުރެއްވި އެވެ.
މަޝްހޫރު ޓިމްބަ ހައުސް ޕްރައިވެޓް ލިމިޓެޑާއި ޔުނައިޓެޑް ފުޑް ސަޕްލައި ޕްރައިވެޓް ލިމިޑެޓްގެ އިތުރުން ހުސައިން ވަހީދު ގެންދެވީ ތަފާތު ވިޔަފާރިތައް ހިންގަވަމުންނެވެ.
އޭނާގެ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅުން އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.










