ދެކޮމަންޑޫ ގުޅާލައި، ގޮނޑުދޮށް ހިމާޔަތްކުރަން 250 މިލިޔަން ރުފިޔާއަށް އެމްޓީސީސީއަށް

ދެ ކޮމަންޑޫ ފެންނަ ގޮތަށް ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް: އެ މަސައްކަތް ނިންމަންޖެހެނީ 730 ދުވަހުގެ ތެރޭގައި -- ފޮޓޯ: ފައިލް

ދެ ކޮމަންޑޫ ފެންނަ ގޮތަށް ނަގާފައިވާ ސެޓަލައިޓް ފޮޓޯއެއް: އެ މަސައްކަތް ނިންމަންޖެހެނީ 730 ދުވަހުގެ ތެރޭގައި -- ފޮޓޯ: ފައިލް

ށ. ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ފަޅު ރަށް، މަތިކޮމަންޑޫ ގުޅައިލުމާއެކު ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ގާތްގަނޑަކަށް 250 މިލިޔަން ރުފިޔާއަށް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ދެ ކޮމަންޑޫ ގުޅައިލުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސަައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ (2 އަހަރާއި 10 ދުވަހުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. ޕްރޮޖެކްޓުގެ އަގަކީ 249.9 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީއާ އެކު ސަރުކާރުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާނެ އެއް މަސައްކަތަކީ 16.7 ހެކްޓަރުގެ ބިން ހިއްކުމެވެ. އެއާއެކު ދެކޮމަންޑޫ ގުޅައިލާ ލިންކްގެ ދިގުމިނަކީ 200 މީޓަރެވެ. ގުޅައިލާ ސަރަހައްދާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި ޖެހުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. މަތިކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާނީ 112 މީޓަރުގެ ޖިއޯ ބޭގް ތޮށްޓެކެވެ.

ބިމުގެ ދަތިކަން ވަރަށް ބޮޑަށް އޮންނަ ކޮމަންޑޫ މަތިކޮމަންޑުއާ ގުޅައިލުމަކީ އެރަށު ރައްޔިތުންނާއި ކައުންސިލްތަކުން ވަރަށް ކުރިއްސުރެ ގެންގުޅޭ ތަސައްވުރެކެވެ. އެ މަސައްކަތް އަވަސް ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ފަށަން ބޭއްވި ޖަލްސާގަ އެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ކޮމަންޑޫގައި ބޭއްވި އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، އެ ރަށް އިތުރަށް ހިއްކި ނަމަވެސް ބޯހިޔާވަހި ކަމަށް ދާއިމީ ހައްލެއް ނާންނާނެ ކަމަށާއި އެކަމަށް އޮތް ހައްލަކީ ދެ ކޮމަންޑޫ ގުޅުވާލުން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ވީ ވައުދެއް، މިއީ އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމެއް. މިއަކާ ކެމްޕޭނަކާ ގުޅުމެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތަކީ "ފުލް ސްޕީޑް" ގައި އަވަހަށް ނިންމަން ޖެހޭ މަސައްކަތެއް ކަމަށާއި އެ މަޝްރޫއުގެ ޕްލޭން އޮތީ ނިމިފައި ކަމަށާއި އެ މަސައްކަތުގެ [އަމަލީ މަސައްކަތް ހިނގާ މަންޒަރު] ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެރަށުގެ ހިއްކި ބިމުން ގޯތި ދޫކުރުމަކީ ވެސް ރައީސް ވިދާޅުވި ގޮތުގައި ދެން ލަހެއްނުވެ ކުރިއަށްދާނެ ކަމެކެވެ. އެއީ ގާނޫނީ ގޮތުން މިހާރު އެެރަށު ކައުންސިލްގެ އަތްމަތީގައި އޮތް އިހްތިޔާރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox