ދިވެހިރާއްޖޭގައި ކޮވިޑުގެ ނުރައްކާ އަނެއްކާ ވެސް ބޮޑުވަމުންދާތީ އެކަމާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަބަރު ދިން ގޮތުގައި ކެބިނެޓް ބައްދަލުވުމުގައި މިނިސްޓަރުން ވަނީ ކޮވިޑް ޓެސްޓް އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން އަލުން ފަށައި ފުޅާކުރާއިރު ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސުމަށް ވެސް މަޝްވަރާކުރި އެވެ.
މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމުން އެޗްޕީއޭ އިން ވަނީ މާލޭން ރަށްރަށަށް ފުރުމުގެ ކުރިން ޓެސްޓް ހަދަން އަންގައިފަ އެވެ. އެއާ އެކު ޗުއްޓީ އަށް މިވަގުތު މާލެ އައިސް ތިބި ގިނަ ބަޔަކު ޓެސްޓް ހަދަން ދިއުމުން ބޮޑެތި ކިއޫތަކެއް ހެދި އާއްމުންނަށް ތަކުލީފު އުފުލަން ޖެހުނެވެ. މިއަދު މިނިސްޓަރުން މަޝްވަރާކުރި އެއް ކަމަކީ އެކަން ފަސޭހަކޮށް ކުރެވޭނެ ގޮތެއް ހޯދުމެވެ.
ބޫސްޓާ ޑޯޒް ޖެހޭ ވަރަށް ޑޯޒް ހަމަވެފައިވީ ނަމަވެސް ވެކްސިން ދޭން ނުފެށި އޮތީ ސާމާނު ނުލިބިގެންނެވެ. އެކަމަކު އެކަން ވެސް ހަމަޖެހި މިމަހު މެދެއްހާ ތަނުގައި ބޫސްޓާ ޖަހަން ފެށޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެއާ އެކު ވެކްސިން ޖަހަން ބާރުބޮޑުވާނެތީވެ ކުރިއާލާ އެކަމަށް ވެސް ގޮތްތަކެއް ހޯދުމަށް މިއަދު މަޝްވަރާކުރީ އެވެ.












