ކޮވިޑް-19 އިން ދިފާއުވާ ވެކްސިނުގެ ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި މިމަހުގެ މެދެއްހާ ތަނުގައި ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ އެއްލައްކަ ޑޯޒްގެ ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ އެހެން ތަކެތި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަަމަށެވެ.
"އެހެންވީމާ ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭނެއް ފުދޭވަރަކަށް ފާސްޓްކޮށް މިމަހު މެދެއްހާތާ އަޅުގަނޑުމެން ކުުރިއަށް ގެންދާނަން،" ޝާހު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރު. އޭނާ ވިދާޅުވީ މިމަހު މެދުތެރޭ ބޫސްޓާ ޑޯޒް ޖަހަން ފެށޭނެކަމަށް
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑްގެ ވެކްސިން ޖަހާ އުމުރުގެ މީހުންގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ވެކްސިނުގެ ދެ ޑޯޒް ޖަހައިފަ އެވެ. އެެހެން ނަމަވެސް ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު އަދި މަދެވެ. ކޮވިޑުން ދިފާއުވާ ވެކްސިނުގެ ބޫސްޓާ ޑޯޒް އަދި ޖަހައިދެމުން އަންނަނީ ހައި ރިސްކް ކެޓަގަރީތަކުގެ މީހުންނަށް އެކަންޏެވެ.

ކޮވިޑްގެ ވެކްސިން ޖެހޭ އެންމެ ހަގު އުމުރުގެ އާބާދީއަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ.
ކޮވިޑުން ދިފާއުވާ ވެކްސިންތަކުގެ ތެރެއިން ތިން ވަނަ ޑޯޒެއް ނުވަތަ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ. ކުޑަކުދިންނަށް ދެނީ ވެސް ވެކްސިނުގެ އެ ބާވަތެވެ.
ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު މިހާރު ވަނީ އަނެއްކާވެސް އެެބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑްގެ ސާޖެއް މިހާރު އައިސްފައިވާ ކަމަށާއި ކޭސްތަކުގެ އަދަދު އެންމެ މައްޗަށް ދާނެ ކަަމަށް ބެލެވެނީ މިމަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ކަމަށެވެ.
ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރީ 300 އިން މަތީގަ އެވެ. އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 3،000 އަށް ވުރެ މަތީގަ އެވެ. އެހެން ނަމަވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު އެހާ ގިނައެއް ނޫނެވެ. މިހާރު އެޑްމިޓްކޮށްފައި ތިބީ 21 މީހުންނެވެ.












