ފާނައިގެ މަސްވެރިކަން ކުރާ އަލަމާ-5 ދޯނި އަޑިއަށް ގޮސް ކަނޑަށް ގެއްލިފައިވާ އެ ދޯނީގެ ކެޕްޓަން ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް ހޯދުމަށް ކޯސްޓްގާޑުން މެދުކެނޑުމެއްނެތި ހަ ދުވަހު ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ހޮނިހިރު ހުއްޓާލައިފި އެވެ.
އެމްއެންޑީއެފުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖެނުއަރީ 3، ގައި ގެއްލުނު 65 ފޫޓުގެ އެ އަލަމާ ދޯނީގެ ކެޕްޓަން ޝަފީގް، 32، ހޯދުމުގެ އަމަލީ މަސައްކަތް ކޯސްޓްގާޑުން ނުކުރާނެ ކަމަށެވެ. ނަމަވެސް ކަނޑުދަތުރުކުރާ ފަރާތްތަކުގެ އެހީއާއެކު އަދިވެސް ސާފޭސް ސާޗެއް ކުރިއަށްދާނެ ކަމަށް ސިފައިން ބުންޏެވެ.
"ކޯސްޓްގާޑާއި އާންމު ފަރާތްތަކާ ގުޅިގެން ހޯދަމުންދިޔަ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކޯސްޓްގާޑުން ހިންގި ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަން، 2022 ޖަނަވަރީ 8 ވަނަ ދުވަހުގެ ރެއާ ހިސާބަށް ހިންގި އެކްޓިވް ސަރޗް ވަނީ ސަރފޭސް ސަރޗަކަށް ބަދަލުކުރެވިފަ،" އެ ބަޔާނުގައިވެ އެވެ.
މިދިޔަ ހަފްތާގައި ދޯނި ގެއްލުނުއިރު ޝަފީގުގެ އިތުރުން ދޯނީގައި ތިބީ ބަންގްލަދޭޝަށް ނިސްބަތްވާ އަސަދުލް އިސްމާލް، 37، އާއި އިތުރު ފަޅުވެރިއަކު ހަންބުރިތަކެއްގައި އެލިގެން އޮއްވައި 24 ގަޑިއިރު ފަހުން ސިފައިން ވަނީ ސަލާމަތްކޮށްފަ އެވެ.
ސަލާމަތްވި ފަޅުވެރިން ބުނީ ޝަފީގު ވެސް އެމީހުންނާއެކު ހުރި ކަމަށާއި އޭނާ ގެއްލުނީ އަލިކަމެއް ފެންނަ ކަމަށް ބުނެ އެ ދިމާލަށް ފަތާފައި ދިޔަ ހިސާބުން ކަމަށެވެ. ދޯނި އަޑިއަށްދާން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައެއްނުވެ އެވެ.

ސިފައިން ބުނީ ޝަފީގް ހޯދުމަށް 7000 އަކަނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ހޯދާފައިވާ ކަމަށެވެ. އޭނާ ހޯދުމަށް މަތިންދާބޯޓު ވެސް ބޭނުންކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ. އަދި ރިސޯޓުތަކާއި ކައިރި ރަށްތަކުގެ އެހީ ވެސް އެކަމުގައި ސިފައިންނަށް ލިބުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދޯނީގެ ކެޕްޓަން ނުފެންނާތީވެ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރެވިފައެވެ. މިގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުންް 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދެއް ވަނީ ބެލިފަ،" ކޯސްޓްގާޑުން ބުންޏެވެ.
ސިފައިން އެދެނީ ޝަފީގުގެ އެއްވެސް ނިޝާނެއް ފެނިއްޖެ ކޯސްޓްގާޑަށް އަވަހަށް ގުޅުމަށެވެ.
"ހޯދަމުންދާ ދޯނީގެ ކެޕްޓަންގެ އިތުރު މަޢުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ މި ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން ބައްލަވައިދެއްވައި، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ހިއްސާކޮށްދެއްވުން އެދެން،" އެ ބަޔާނުގައިވެ އެވެ.













