"ހެރެތެރެ ހިންގަން އެބަ ޖެހޭ. އަަޅުގަނޑުމެންނަކަށް ނެތް ނެގޯޝިއޭޓްކުރަން ތިބެވޭކަށް، އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ނެގޯޝިއޭޓްކޮށްކޮށް، އަޅުގަނޑުމެން ބަލަބަލާ ތިބޭތާ،" މީގެ ދެމަހެއްހާ ދުވަސްކުރިން ރައްޔިތުންގެ މަޖިލީހުގައި ކުރި ބަޖެޓް ބަހުސްގައި އައްޑޫ މެމްބަރަކު ވިދާޅުވި އެވެ.
އެ މެމްބަރާއި އައްޑޫގެ އެހެން އެތައް ބަައެއްގެ ވެސް ކަންބޮޑުވުމަކީ އައްޑޫގައި އޮތް ތިން ރިސޯޓްގެ ތެރެއިން ދެ ރިސޯޓް ބަންދުކޮށްފައި އޮތުމެވެ. އެ ދެރިސޯޓް ހުޅުވައިފި ނަމަ ހާހެއްހާ މީހުންނަށް ވަޒީފާ ލިބޭނެ އެވެ. ހާހެއްހާ މީހުންގެ ވަޒީފާއަކީ އެއް ހާސް އާއިލާއަށް އޭގެ މަންފާ ކުރާނެ ކަމެކެވެ. އެ ރިސޯޓްގެ މެނޭޖްމަންޓާ ހަވާލާ ދެއްވައި އައްޑޫގެ މޭޔަރު އަލީ ނިޒާރު "އަދަދު" އަށް ވިދާޅުވީ ކެނެރީފް ރިސޯޓް މިމަހު 15 ގައި (އަންނަ ހޮނިހިރު ދުވަހު) ހުޅުވޭ ވަރަށް އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.
ރިސޯޓްތައް ނުހުޅުވި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް
އައްޑޫގެ އެކި އުމުރުގެ އެތައް ބަޔަކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އިރު އެ ސިޓީގެ ރިސޯޓްތައް ނުހުޅުވި އޮންނަ އޮތުމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އައްޑޫގެ ތަރައްގީއަށް މަސައްކަތްކުރާ އެންޖީއޯ އެއް ކަމަށްވާ އައްޑޫ ޑިވެލޮޕްމެންޓް ކޮމިޓީ (އޭޑީސީ) އިން މިދިޔަ އަހަރު ވެެސް އެތައް ފަހަރަކު އެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
އައްޑޫގެ އެކި ދާއިރާތަކުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ކަންބޮޑުވުން އަބަދުހެން ފާޅުކުރައްވަ އެވެ. މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ކުރި ބަހުސްގައި ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ހެރެތެރެ އާއި ޝަންގްރިއްލާ އަލުން ހުޅުވަން މަޝްވަރާކޮށްލަ ކޮށްލާ ތިބެވޭކަށް ނެތް ކަމަށެވެ.
"ހެރެތެރެ އާއި ޝަންގްރިއްލާއަކީ ގާތްގަނޑަކަށް އެއްހާސްމީހުންގެ ވަޒީފާ. އައްޑުއާއި ހާއްސަކޮށް އެ ސަރަހައްދުގެ މީހުން ވަޒީފާ ބޭނުންވޭ. އެތަނުގައި އެތައް ބަޔަކު ވަޒީފާއިން މަހުރޫމްވެފައި ތިބީ މި ކޮވިޑާ އެކީ. އެހެންވީމާ އެ ވަޒީފާގެ ފުރުސަތު ޝަންގްރިއްލާއާއި ހެރެތެރެއިން އުފެދެން ޖެހޭ. އެތަން ހުޅުވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ބަންދުކުރި ގޮތަށް ނުހުޅުވައި އޮތް ކެނެރީފް ހުޅުވުން ލަސްވެގެން، އޭގެ ކުރިން ޓޫރިިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެތަން ނުހުޅުވި ލަސްވާ ނަމަ އެެއްބަސްވުން ބާތިލުކުރުން ފަދަ އޮޕްޝަނަކަށް ދާން ޖެހޭ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވިދާޅުވި އެވެ.
"މިމަހު ހުޅުވޭނެކަމުގެ ޔަގީންކަން ދިން"
އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވީ ކެނެރީފް ރިސޯޓް އަލުން ހުޅުވުމަށްޓަކައި އެ ރިސޯޓްގައި ކުރަމުން އަންނަ މަސައްކަތްތައް އޭނާ މިދިޔަ ހޮނިހިރު ދުވަހު ބައްލަވައިލައްވާފައިވާ ކަަމަށާއި ކުރިން ވެސް ޕްލޭންކޮށްފައިވާ ތާރީހަށް ހުޅުވާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ދިން ކަމަށެވެ.
"އެ ރިސޯޓް ހުޅުވުމުގެ ތަައްޔާރީތަކުގެ ބޮޑު ބައެއް އޮތީ ނިމިފައި. އެބޭފުޅުން [މެނޭޖްމަންޓުން] ޔަގީންކަން ދޭ ކުރިން ދިން ތާރީހަށް [ޖެނުއަރީ 15 ގައި] ހުޅުވޭނެ ކަމުގެ،" އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އެ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ވެސް ހޯދައި، އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަޒީފާއަށް ވެސް ވަނީ ނެރެފަ އެވެ. އެކަމަކު 2020 ވަނަ އަހަރު އެ ރިސޯޓް ބަންދުކުރުމުން ވަޒީފާ ގެއްލުނު ޒުވާނުންގެ ގިނަ ބަޔަކު މިހާރު ވަނީ އެހެން ތަންތަނުން ވަޒީފާ ހޯދައިގެން ގޮސްފަ އެވެ.
"ފަންސާސް ޕަސެންޓަށް ވުރެ ގިނައިން ތިބޭނީ ދިވެހި މުވައްޒަފުން ކަމަށް މެނޭޖްމަންޓުން ބުނަނީ. އެކަމަކު ދިވެހި މުވައްޒަފުން ލިބުން ދަތިވެގެން އުޅޭ ކަމަށް ވެސް ބުނި،" އޭނާ ވިދާޅުވި އެވެ.
ކެނެރީފް ރިސޯޓް ހުޅުވުމަކީ ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި އައްޑޫގެ ޓޫރިޒަމަށް އިތުރު ދިރުމެއް ލިބޭނެ ކަމެކެވެ. އެހެން ނަމަވެސް ކޮވިޑްގެ ބަލިމަޑުކަން އަދިވެސް އޮތުމުން، އެ އިންޑަސްޓްރީއަށް ވާނެ ގޮތެއް ނޭނގެ އެވެ. މޭޔަރު ގެ ވެސް އެ ކަންބޮޑުވުން އެބަ އެބަ އޮތެވެ. އެހެން ނަަމަވެސް އައްޑޫގައި ޓޫރިޒަމްގެ މުސްގުބަލް އެބަ އޮތް ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބަ އޮތް ޓޫރިޒަމްގެ މަސައްކަތްތައް މިތަނުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމުގެ،" ނިޒާރު ވިދާޅުވި އެވެ.
އެކަމަކު އައްޑޫގެ ޓޫރިޒަމް ރަނގަޅަށް ހިނގައިގަންނާނީ ބަންދުކޮށްފައިވާ ޝަންގްރިއްލާ ވެސް ހުޅުވިގެންނެވެ. ސަރުކާރުން އަންނަނީ އެ ރިސޯޓް ހުޅުވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ.













