ކުޑަ ކްލިނިކަކުން ފެށި އޭޑީކޭ، 35 އަހަރުތެރޭ ބޮޑު ހޮސްޕިޓަލަކަށް ބަދަލުވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވަރަށް އާދައިގެ ގޮތަކަށް މާލޭގައި އޭޑީކޭ ނަމުގައި އެންމެ ފުރަތަމަ ހުޅުވީ ކުޑަ ކްލިނިކެކެވެ. އެއީ 1987 ވަނަ އަހަރެވެ.
އެޑީކޭއަށް 35 އަހަރު ފުރުމުގެ ގޮތުން އެކުވެނި ދުވާ ޓްރެކްގައި ކުރިއަށްދާ ޗެރިޓީ ރަން "ދުވާހިތުން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީވުމަކީ، ރާއްޖޭގެ ސިއްހީ ދުޅަހެޔޮކަމަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އޭޑީކޭން އަންނަނީ ޒަމާނީ ސިއްހީ ހިދުމަތް ދިނުމުގައި ބޮޑެތި ކާމިޔާބީތައް ހާސިލްކުރަމުން ކަމަށެވެ. އަދި އެއިން ކޮންމެ ކާމިޔާބަކީ އާންމު ރައްޔިތުންގެ ސިއްހަތަށް ލިބޭ ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"އޭޑީކޭއަށް 35 އަހަރުވެގެން ދާއިރު، ރާއްޖޭގައި ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަށް ވާނެ ކަމަށް މާގިނަ ބަޔަކު އޭރު އުންމީދުކުރާނެ ހެނެއް ހިޔެއް ނުވޭ. އެއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް. ވަރަށް ވިސްނުންތެރި ރޭވުންތަކެއްގެ ނަތީޖާ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ އޭޑީކޭން ޒަމާނީ ސިއްހީ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުމުގައި ވެސް އެ ހޮސްޕިޓަލުން ހޯދާފައިވާ ކާމިޔާބީތަކަށް އަލި އަޅުވާލައްވާފަ އެވެ.
އެގޮތުން އެމްއާރްއައިގެ ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ރާއްޖޭގައި އަލަށް ތައާރަފްކުރީ އެ ހޮސްޕިޓަލުން ކަމަށާއި ފުއްޕާމެޔާއި ހިތުގެ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި އޭޑީކޭން ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ބޮލާއި ސިކުނޑި އާއި ނާރުގެ އޮޕަރޭޝަންތައް ވެސް ކުރެވެން ހުރި ހަމައެކަނި ހޮސްޕިޓަލަކީވެސް އެއީ އެވެ.
ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު، އޭޑީކޭ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އަށާއި އޭޑީކޭ ގްރޫޕްގެ އެންމެހައި ހިންގުންތެރިންނަށާއި މުވައްޒަފުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.













