މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިރު، ރައްޔިތުން ތިބީ އަސާސީ ގިނަ ހިދުމަތްތަކަކުން މަހުރޫމުވެފައި ކަމަށާއި ހުރިހާ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމު ކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަގޫދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަރުތީބުކޮށްފައި ވަނީ، ތަރައްގީގެ ލާބަ އާއި ނަފާ ސީދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތާއި، ސިއްހީ ފަރުވާގެ ހިދުމަތާއި، ތައުލީމީ ނިޒާމު ފުރިހަމަކުރުމާއި، ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމު ކުރުމަށް މި ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ އަމިއްލަ ރަށުން ލިބެން ނެތް ހިދުމަތްތައް، އެ ރަށެއް ހުރި ސަރަހައްދަކުން ފޯރުކޮށްދިނުމުގެ ގޮތުން ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ފަހަތުގައި އޮތީ މިފަދަ އަސާސީ ހިދުމަތަކީ ކޮންމެ ފަރުދެއްގެ އަސާސީ ހައްގެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ ކުރުން ކަމަށެވެ.
މި ވެރިކަމުގެ ފާއިތުވި ތިން އަހަރުގެ ތެރޭގައި ކަރަންޓުގެ ހިދުމަތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަރަންޓު އުފެއްދޭ މިންވަރު ރެކޯޑްކުރެވިފައި ވަނީ 70 މެގަވޮޓްގައި ކަމަށެވެ.

"މިހާރު އެ އަދަދު ދެގުނަކޮށް، 140 މެގަވޮޓަށް އިތުރު ކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުން:
133 ރަށަކަށް 213 އާ އިންޖީނު ފޯރުކޮށްދެވިއްޖެ.
- 112 ރަށެއްގެ ކަރަންޓް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރެވިފައި.
- 39 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމިފައި.
- 31 ރަށެއްގައި އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ.
- 14 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ރާވާފައިވޭ.
އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިސަރުކާރު ހަވާލުވީ އިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދޭ މިންވަރު އޮތީ 16 މެގަވޮޓުގައި ކަމަށެވެ. އެ އަދަދު މިހާރު 20 މެގަވޮޓަށް އިތުރުކޮށްފައިވާއިރު މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން އެ އަދަދު 52 މެގަވޮޓަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.












