ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ވ. އަތޮޅު ކައިރިން ގެއްލުނު އަލަމާ-5 ދޯނީގައި ތިބި ތިން ފަޅުވެރިންގެ ތެރެއިން ދެ މީހަކު ކަނޑުމަތިން ސަލާމަތް ކުރީ މިއަދު ހެނދުނު ކަމަށް ކޯސްޓްގާޑުން ބުނެފި އެވެ.
ހަންބުރިތަކެއްގައި އެލިގެން ތިއްބައި ސަލާމަތް ކުރީ ފަޅުވެރިންގެ ތެރެއިން ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ހަމަ އެ ގައުމަށް ނިސްބަތްވާ އިތުރު ފިރިހެނެކެވެ. މިހާތަނަށް ވެސް ނުފެންނަނީ ދޯނީގެ ކައްޕި ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް، 32، އެވެ.
އެމީހުން ސަލާމަތް ކުރި ކަމަށް އިއްޔެ ދޯނި ކުއްޔަށް ނަގައިގެން ދުއްވާ ހަސަން ފައުޒީއާ ހަވާލާދީ ނޫސްތަކުން އޮތީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ފައުޒީ މިއަދު ބުނީ އެއީ އެރި އޮޅުމެއް ކަމަށެވެ.
"ރޭގަ އެމީހުންނާ ފޯނުން ގުޅުނީ. ގުޅައިގެން ކިޔައިދީގެން އެމީހުން ތިބި ހިސާބަކަށް ދުއްވަމުން ދިޔައީ،" އޭނާ ބުންޏެވެ.
އަލަމާ ދޯނި ހޯދަން ފަށާފައި ވަނީ "ދޯނި އަޑިއަށް ދަނީ" ކަމަށް ބުނެ ދޯނީގެ ކައްޕި ޝަފީގް ފޯނުން ގުޅައި އެންގި ހިސާބުންނެވެ. އެ ޖުމްލަ ބުނިފަހުން ޝަފީގުގެ ފޯނު ކޯލު ކެނޑުނެވެ. އަދި އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެ އެވެ.

ނަމަވެސް މިއަދު ހަވީރު ދޯނީގެ ބައިތަކެއް ފ. އަތޮޅު އުތުރުން ވަނީ ފެނިފަ އެވެ. ފެނުނު ތަކެތީގެ ތެރޭގައި ހިމެނީ މަސް ފިނި ކުރާ ފޮއްޓަކާއި ބައެއް އެހެން ތަކެއްޗެވެ. ކޯސްޓް ގާޑުން ދަނީ މެދުނުކެނޑި ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"ރޭ 9:45 އަޅުގަނޑުމެންގެ އެހެން ދޯންޏެއްގެ ކައްޕިއަކަށް ގުޅާފަ ބުނީ ދޯނި އަޑިއަށް ދަނީއޭ. ހަމައެކަނި އެހެން ބުނީ. ދެން ފޯނު ކެނޑިިއްޖެ،" ދޯނި ކުއްޔަށް ނަގައިގެން ދުއްވާ ހަސަން ފައުޒީ މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.













