ރޭގެ ވަގުތެއްގައި ވ. އަތޮޅު ކައިރިން ގެއްލުނު އަލަމާ-5 ދޯނީގައި ތިބި ތިން ފަޅުވެރިންގެ ތެރެއިން ދެ މީހަކު ކަނޑުމަތިން މިރޭ ސަލާމަތްކޮށްފި އެވެ.
ހަންބުރިތަކެއްގައި އެލިގެން ތިއްބައި ސަލާމަތް ކުރީ ފަޅުވެރިންގެ ތެރެއިން ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ހަމަ އެ ގައުމަށް ނިސްބަތްވާ އިތުރު ފިރިހެނެކެވެ. މިހާތަނަށް ވެސް ނުފެންނަނީ ދޯނީގެ ކައްޕި ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް، 32، އެވެ.
ދޯނީގައި ތިބި ދެ ބިދޭސީ ފަޅުވެރިން ކަނޑުމަތިން މީގެ ކުޑައިރުކޮޅެއް ކުރިން ސަލާމަތްކޮށްފައިވާކަން ދޯނި ކުއްޔަށް ނަގައިގެން ދުއްވާ ހަސަން ފައުޒީ "އަދަދު" އާ ވާހަކަ ދައްކަމުން ޔަގީންކޮށްދިނެވެ.
"އެމީހުން ތިބީ ހަންތަކެއްގައި އެލިގެން. މިހާރު ސަލާމަތްކޮށްފި،" ފައުޒީ ބުންޏެވެ.
އަލަމާ ދޯނި ހޯދަން ފަށާފައި ވަނީ "ދޯނި އަޑިއަށް ދަނީ" ކަމަށް ބުނެ ދޯނީގެ ކައްޕި ޝަފީގް ފޯނުން ގުޅައި އެންގި ހިސާބުންނެވެ. އެ ޖުމްލަ ބުނިފަހުން ޝަފީގުގެ ފޯނު ކޯލު ކެނޑުނެވެ. އަދި އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެ އެވެ.

ނަމަވެސް މިއަދު ހަވީރު ދޯނީގެ ބައިތަކެއް ފ. އަތޮޅު އުތުރުން ވަނީ ފެނިފަ އެވެ. ފެނުނު ތަކެތީގެ ތެރޭގައި ހިމެނީ މަސް ފިނި ކުރާ ފޮއްޓަކާއި ބައެއް އެހެން ތަކެއްޗެވެ. ކޯސްޓް ގާޑުން ދަނީ މެދުނުކެނޑި ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"ރޭ 9:45 އަޅުގަނޑުމެންގެ އެހެން ދޯންޏެއްގެ ކައްޕިއަކަށް ގުޅާފަ ބުނީ ދޯނި އަޑިއަށް ދަނީއޭ. ހަމައެކަނި އެހެން ބުނީ. ދެން ފޯނު ކެނޑިިއްޖެ،" ދޯނި ކުއްޔަށް ނަގައިގެން ދުއްވާ ހަސަން ފައުޒީ މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.











