ރޭގެ ވަގުތެއްގައި ވ. އަތޮޅު ކައިރިން ގެއްލުނު އަލަމާ-5 މަސް ދޯނީގައި ތިބި ތިން ފަޅުވެރިންގެ ވަނަވަރު ފުލުހުން މިރޭ ހާމަކޮށްފި އެވެ.
ގެއްލިފައިވާ މީހުން ތެރޭގައި ހިމެނޭ ދިވެހި މީހާއަކީ ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް، 32 އެވެ. ދެން ދޯނީގައި ތިބީ ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ހަމަ އެ ގައުމަށް ނިސްބަތްވާ އިތުރު ފިރިހެނެކެވެ. އޭނާގެ މައުލޫމާތު ޔަގީންކުރުމަށްފަހު ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަލަމާ ދޯނި ހޯދަން ފަށާފައި ވަނީ "ދޯނި އަޑިއަށް ދަނީ" ކަމަށް ބުނެ ދޯނީގެ ކައްޕި ޝަފީގް ފޯނުން ގުޅައި އެންގި ހިސާބުންނެވެ. އެ ޖުމްލަ ބުނިފަހުން ޝަފީގުގެ ފޯނު ކޯލު ކެނޑުނެވެ. އަދި އޭގެ ފަހުން ދޯނީގެ ހަބަރެއް ނުވެ އެވެ.

ގެއްލުނު ދޯނީގައި ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކު: މީގެ ތެރެއިން ޝަފީގު އަދި ނުފެނޭ -- ފޮޓޯ: ފުލުހުން
ނަމަވެސް މިއަދު ހަވީރު ދޯނީގެ ބައިތަކެއް ފ. އަތޮޅު އުތުރުން ވަނީ ފެނިފަ އެވެ. ފެނުނު ތަކެތީގެ ތެރޭގައި ހިމެނީ މަސް ފިނި ކުރާ ފޮއްޓަކާއި ބައެއް އެހެން ތަކެއްޗެވެ. ކޯސްޓް ގާޑުން ދަނީ މެދުނުކެނޑި ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"ރޭ 9:45 އަޅުގަނޑުމެންގެ އެހެން ދޯންޏެއްގެ ކައްޕިއަކަށް ގުޅާފަ ބުނީ ދޯނި އަޑިއަށް ދަނީއޭ. ހަމައެކަނި އެހެން ބުނީ. ދެން ފޯނު ކެނޑިިއްޖެ،" ދޯނި ކުއްޔަށް ނަގައިގެން ދުއްވާ ހަސަން ފައުޒީ މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.











