ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ވ. ވަށުގިރީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމުން ހަ ލައްކައެއްހާ ރުފިޔާއިން ރިސޯޓު ހަދާ ކުންފުނި ޖޫރިމަނާކޮށްފި އެވެ.
ވަށުގިރީގައި ރިސޯޓު ހަދަމުންދަނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ރަށުގައި ރިސޯޓު ހަދަން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އޯގަސްޓު، 2015 ގަ އެވެ.
އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަށުގިރި ޕްރައިވެޓް ލިމިޓެ ޖޫރިމަނާ ކުރީ 593،750ރ. ކަމަށެވެ. އެއީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދާ ހިލާފަށް މަސައްކަތްކޮށްފައިވާތީ ކަމަށް އީޕީއޭއިން ބުނެ އެވެ.
އީޕީއޭގެ ބަޔާނުގައި ބުނެފައި ވަނީ ވަށުގިރި ޖޫރިމަނާ ކުރީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަމަށެވެ.
ވަށުގިރީގެ ޖޫރިމަނާ ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން، ގަވާއިދާ ހިލާފުވެގެން އދ. މާފުށިވަރާއި އޮޅުވެލި ބީޗް އެންޑް ސްޕާ އާއި ގިލި ލަންކަންފުއްޓާއި ފާރުފުށި ރިސޯޓު ވެސް އީޕީއޭއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އޮޅުވެލި ޖޫރިމަނާ ކުރީ 313,250ރ. އިންނެވެ. އަދި ގިލި ލަންކަންފުށި 562,980ރ. އިން ޖޫރިމަނާ ކުރިއިރު ފާރުފުށި ޖޫރިމަނާ ކުރީ 275،000ރ. އިންނެވެ.












