އެންޑްރޮއިޑް އެޗް ޑީ، ސެމްސަންގް އަދި އެލް ޖީ ސްމާޓް ޓީވީ ތަކުން ޑީކޯޑަރަކާއި ނުލައި ޗެނަލްތަކުގެ އިތުރުން ވީއޯޑީ ބެލޭނެ މުޅިން އާ ހިދުމަތެއް 'އެމް އެސް ލައިޓް' ނަމުގައި މީޑިއާނެޓުން ތައާރަފް ކޮށްފި އެވެ.
ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލް ޗެނަލްތަށް ހިމަނައިގެން ތައާރަފްކުރި އެ ހިދުމަތުގައި ޕެކޭޖް ތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެންމެ މަގުބޫލު ޗެނަލްތަކުގެ އިތުރުން އެކި ކަހަލަ ފިލްމާއި ވީއޯޑީ ސީރީސްތަށް މިހާރު 630ރ. އަށް ތަޖުރިބާ ކޮށްލެވޭނެ އެވެ.
އާ އަހަރާ ދިމާކޮށް މީޑިއާނެޓުން ތައާރަފް ކުރި އެ ހިދުމަތުން 70 އަށްވުރެ ގިން ލައިވް ޗެނަލް ގެ އިތުރުން ތަފާތު އެކި ވީއޯޑި ފިލްމު ތަކާއި ސީރީސް އެކަށޭނަ އަގެއްގައި ބަލާލެވޭނެ އެވެ.
އޭގެ ތެރޭގައި ދިވެހިންގެ މަގުބޫލުކަން ހޯދައިފައިވާ ސޮނީ، ސްޓާ، ޒީގެ ޗެނަލްތަކުގެ އިތުރުން ސީއެންއެން ހިމެނެ އެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު ދެ ފުޓްބޯޅަ ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގާއި ސްޕެނިޝް ލަ ލީގާ މުޅި ރާއްޖެއަށް ދައްކަމުންދާ ހަމައެކަނި ޗެނަލްތަކަކީ އައިސް ޓީވީ އަދި އައިސް ސްޕޯރޓްސް އެވެ. އެގޮތުން މި ތައާރަފް ކުރި ހިދުމަތުން މި ޗެނަލްތަށް ބަލާލެވިގެން ދާނެ އެވެ.
ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް މީޑިއާނެޓްގެ ހިދުމަތް ހޯދޭނެހެން ފަރުމާ ކުރެވިފައިވާ ހިދުމަތެކެވެ. އެގޮތުން ބަލައިލަން ބޭނުންވާ ޝޯވއެއް ނުވަތަ އިވެންޓެއްގެ ގަޑީގައި ނުބެލިއްޖެ ހާލަތެއްގައި، މި ހިދުމަތުގައި ހިމެނޭ ކެޗަޕް ފީޗާ މެދުވެރިކޮށް އެޝޯ އެއް ނުވަތަ އިވެންޓެއް ބަލައިލެވޭނެ އެވެ.
މީގެ އިތުރުން "ފޭވަރިޓް ޗެނަލް ލިސްޓް" ހެދުމާއި ބޭނުންތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް ލިސްޓު އަތުރާލުމާއި "ޔޫޒާ ޕްރޮފައިލް" ހެދުން ވެސް ހިމެނެ އެވެ.
އެމްއެސް ލައިޓް މެދުވެރިކޮށް މީޑިއާނެޓުގެ އަމިއްލަ އުފެއްދުންތައްް ކަމުގައިވާ ނަފްސު، ގިރިދާ ފަދަ ސީރީޒްތަކުގެ އިތުރުން މަޝްހޫރު ދިވެއްސާއި ހިންދީ ފިލްމުތައްވެސް ވީޑިއޯ އޮން ޑިމާންޑް ފީޗާ މެދުވެރިކޮށް ބަލައިލެވޭނެ އެވެ.
މީގެ އިތުރުންވެސް ބެލުންތެރިން ޝައުގުވެރިވާ ފަދަ އިތުރު ކޮންޓެންޓްތައް މި ފީޗާ މެދުވެރިކޮށް ކުރިއަށް އޮތްތަކުގައި ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
އެ ހިދުމަތް މިވަގުތު ބޭނުން ކުރެވޭނީ މާލެ އަދި ހުޅުމާލޭގަ އެވެ. ނަމަވެސް މުސްތަގުބަލުގައި އެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްތަކަށްވެސް މި ހިދުމަތް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ކުންފުނިން ބުނެ އެވެ.
ރަޖިސްޓާ ކުރުމަށް ޓީވީ އަށް އެޕްލިކޭޝަން ޑައުންލޯޑު ކުރުމުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިންކު ލިބިގެންދާނެ އެވެ. އަދި ޕެކޭޖްތަކުގެ އަގުތަކާއި ޗެނަލް ލިސްޓް ބަލާލެވޭނެ އެވެ.










