ހަގީގީ ތަރައްގީއަކީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށާއި މި ފެށުނު އާ އަހަރަކީ، ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށްވުރެ އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއް ކަމުގައި ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހްރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް، އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މި އަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.
"އަދި އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށޭނެ އެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުއްމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއް ކަމުގައި ޔަގީން ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.
"އަހަރަކަށް އަލްވަދާއު ކިޔައި، އައު އަހަރަކަށް މަރުހަބާ ކިޔާއިރު، އަޅުގަނޑުމެން ކޮންމެ މީހަކުމެ ކުރާ އުންމީދުތަކަކާއި، ދެކޭ ހުވެފެންތަކެއް ހުންނާނެކަން ޔަގީނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއަދު ކޮންމެ ފަރުދެއްގެވެސް އުއްމީދަކަށް ވާނީ، ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުމެވެ. ގައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމައު އެކުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ އެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ވެސް، މާތް ﷲގެ ވާގިފުޅާއި އެކަލާނގެ އޯގާވަންތަކަމުން، ދިވެހިރާއްޖެ މިއަދު މިވަނީ، އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައި ކަމަށެވެ. ދިރިއުޅުމުގެ އާއްމު ހާލަތަށް އެނބުރި ރުޖޫަވެވިފައިވިޔަސް، ކޮވިޑުގެ ނުރައްކާތެރިކަން ތެރެއިން މުޅިން ފިލައިގެންދިޔައީ ނޫންކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެ ކަމަށް ރައީސް ވިދަޅުވި އެވެ.
"އެހެންކަމުން، މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ،" ރައީސް ވިދަޅުވި އެވެ.
ރައީސް ވިދާޅުވީ މި ފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވުން ކަމަށެވެ. ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވިވަރަކަށް، ތަރައްގީގެ ދަތުރުގައި ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަން ޔަގީން ކަމަށް ވިދާޅުވި އެވެ.
"ތަރައްގީއަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލްކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ މަންފާ ގައުމަށް ކުރާނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށްވުރެ ހަރުދަނާވެގެންނެވެ،" ރައީސް ވިދާޅުވި އެވެ.
ހަމައެފަދައިން، އެކަންވާނީ އިސްލާމީ ދިވެހި އުންމަތް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، މިއަދުގެ ދިރިތިބީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ ވަށައިގެންވާ ގުދުރަތީ ނިޒާމު ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ލިބޭ އެންމެހައި އަމަލުތަކުން ދުރުހެލިވެ، ތިމާވެށި ހިމާޔަތް ކުރުމަކީ ދިރިއުޅުމުގެ އެއްބައި ކަމުގައި ގަބޫލުކޮށް، އެގޮތަށް އަމަލުކުރުމެވެ،" ރައީސް ވިދާޅުވި އެވެ.










