ކޮވިޑު-19 ގެ ބިރުވެރިކަމުގައި ތިއްބައި މުޅި ގައުމު ސިއްސުވާލި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއިންނެވެ. އޭގެ ފަހުން ވެކްސިނާއެކު ކޮވިޑުން އަރައިގަތުމަށް ކުރެވުނު މަސައްކަތާއި މަރުވެފައި އޮތް އިގުތިސޯދަށް ދިރުން ލިބުނު ގޮތްތަކާއިި، ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލުމާއި ރައީސް ޔާމީން މިނިވަންވެ، އިންޑިއާ އައުޓް ކެމްޕޭން ފެށުމާއި، ދެ ރައީސުންގެ ފެކްޝަންގެ ހަބަރުތަކާއި ވާހަކަތައް 2021 ގެ މުހިންމު ސުރުހީތަކާއި މައުލޫތަކަށް ވެގެންދިޔަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ.
ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ބައްޔެއް
އޭޕްރީލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބު ކުރި ނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އާއި މޭޔަރުގެ ގޮނޑި ގެއްލި، މުހިންމު ރަށްތަކާއި އަތޮޅުތަކެއްގެ މެޖޯރިޓީ ވެސް ގެއްލިފައިވެ އެވެ. އެމްޑީޕީގެ އަނަސް އަބްދުއްސައްތާރާ ވާދަކޮށް، މާލޭ ސިޓީގެ މޭޔަރަކަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރުމާއެކު، އެ ބަލި އެމްޑީޕީ އަށް ހަޖަމްކުރަން ފަސޭހައެއް ނުވި އެވެ. އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބުވީ އެމްޑީޕީގެ ވެރިން ފެއިލްވެގެން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް ސަރުކާރުން ބަލައިގަނެ، އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިންގުން ކުރިއަށް ގެންދާނެ ކަމަށެވެ.
ނިޒާމު ބަދަލުކުރުމުގެ ވާހަކަ އަދި ދެ ރައީސުންގެ ގުޅުން ގޯސްވުން
މަޖުބޫރުކުރުވި ހާލަތާއެކު 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރުސަތު ލިބުނެވެ. އެއާއެކު، ރިޔާސީ އިންތިހާބުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް ފެތުރެން ފަށާފައި އޮތް ނިޒާމު ބަދަލުކުރެއްވުމުގެ ވާހަކަ އާއި ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ވާހަކަ އެންމެ ފަހުން ރައީސް ނަޝީދުގެ ދޫފުޅުން ފާޅުގައި ދައްކަވަން ފެއްޓެވި އެވެ. ކޮރަޕްޝަންގެ ވާހަކަތައް ދައްކަވައި، އެމްޑީޕީއަށް ސަރުކާރާއެކު ކުރިއަށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ. އެންމެ ފަހުން ބޮޑުވަޒީރުކަން ބޭނުންފުޅުވާ ވާހަކަ އާއި 2023 ގެ ކުރިން ނިޒާމު ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ސޯލިހްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށްނަޝީދު ވިދާޅުވުމުން އެ ދެބޭފުޅުންގެ ދެމެދުގައި ގުޅުން ގޯސްވެގެން ގޮސްފައި އޮތް މިންވަރު އެނގުނެވެ. އެކަން ސުލުހަ ކުރުމުގެ މަސައްކަތް އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ކުރައްވަން ޖެހިވަޑައިގަތެވެ. ރައްޔިތުންގެ ވޯޓަކަށް ނުގޮސް ނިޒާމް ބަދަލުނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
ވެންޓިލޭޓަރު މައްސަލަ ހޫނުވުން
ދެހާސް އެކާވީހުގެ އެންމެ ހޫނު މައުލޫގެ ތެރޭގައި ވެންޓިލޭޓަރުގެ މައްސަލަ ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެ ކަމުގެ ބިރު އޮތް ވަގުތެއްގައި ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ ދޫކުރި އެވެ. ނަމަވެސް އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ. އެ މައްސަލައިގައި އޭސީސީން މައްސަލަ ތަހުގީގުކޮށް އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. މައްސަލައިގެ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް އުންސުރުތައް ނެތް ކަމަށް ޕްރޮސިކުއުޓާ ޖެނެރަލް ވިދާޅުވެފައިވާއިރު، އަދި ވެސް އެ މައްސަލަ އޮތީ އޭސީސީ އާއި ޕީޖީއާ ދެމެދު ދެކޮޅަށް ތެޅިތެޅި އެވެ. މި މައްސަލައިގައި މިނިސްޓަރު އަމީނާއި ހެލްތުގެ އިސް ބައެއް ވެރިން އިސްތިއުފާ ދެއްވި އެވެ.
"ހިޔާނާތުގެ ލިސްޓު" އާންމުކުރި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީން ހާމަކުރި އެވެ. އެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައި ހިޔާނާތުގެ ލިސްޓުގައި ހިމެނޭ މީހުންގެ ނަންތަކާއި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބުގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ 12 މިނިސްޓަރުންނާއި މި ސަރުކާރުގެ ތިން މިނިސްޓަރަކާއި، ކުރީގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ހިމެނެ އެވެ. އެ ލިސްޓު ހަމާކުމާއެކު ލިސްޓުގައި ނަން އޮތް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. ލިސްޓްގައިވާ ގޮތުން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.

ޙަމަލާގައި ފިހާރައަކަށް ގެއްލުންވެފައި.
ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް، ފުރާނަ ސަލާމަތްވީ ކިރިޔާ
މެއި 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން އެ ސަރަހައްދުގައި ބޮމެއް ގޮއްވާލައި އެމަނިކުފާނަށް ހަމަލާ ދިނެވެ. އެ މަނިކުފާނު އަވަހާރަކޮށްލަން ރާވައިގެން ދިން އެ ހަމަލާގައި ބޮން ހަރުކޮށްފައި ހުރީ ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުގަ އެވެ. އެ ބޮމުގައި ބޭނުންކޮށްފައި ހުރި ގިނަ އަދަދެއްގެ ރޭޒާ ފުއްތަކުން 11 ފުކެއް އެ ނަޝީދުގެ ހަށިކޮޅުގެ އެތެރެއަށް ވަދެފައިިވެ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އެތައް ގަޑިއިރެއްގެ އޮޕަރޭޝަންތަކަށް ފަހު އެ ރޭޒާ ފުއްތައް ނެގި އެެވެ. މެއި 13 ވަނަ ދުވަހު އިތުރު ފަރުވާ ޖަރުމަނު ވިލާތަށް އެ މަނިކުފާނު ގެންދެވި އެވެ. މި ހަމަލާ ގައި ބައިވެރިވި ކަމަށް ތުހުމަތު ކުރުވޭ މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
މިނިމަމް ވޭޖު ކަނޑައެޅުން
ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ވެސް ކަނޑައެޅީ 2021 ގަ އެވެ. މިނިމަމް ވޭޖް ސަރުކާރުން ކަނޑައެޅީ، މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް ވުރެ ކުޑަކޮށް އަމިއްލަ ވިޔަފާރިތަކަށް މިނިމަމް ވޭޖު ކަނޑައަޅައިފަ އެވެ. މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކުން މަހަކަށް 4،500ރ.، މެދު ފަންތީގެ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އެވެ.

އ.ދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު.
ޝާހިދު އ.ދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހީދު، އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވެގެން ދިއުމަކީ ރާއްޖެ އަށް ލިބިގެން ދިޔަ ފަހުރެކެވެ. ޖޫން 7، 2021 ގައި ބޭއްވި އާންމު މަޖިލީހުގެ ރައީސްގެ އިންތިހާބުގައި ޝާހިދު ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ އާ އެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައި ހުންނެވި ޝާހިދު، އދ. ގެ ރިޔާސަތަށް ވަޑައިގަތީ، 48 ވޯޓުން އިންތިހާބު ކާމިޔާބުކޮށްގެންނެވެ. މިއީ ދިވެއްސަކު ދުނިޔޭގެ އެފަދަ މަގާމެއް ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ. އެ ކާމިޔާބީއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝާހިދަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް، ނިޝާން އިއްޒުއްދީން ވެރިކަމުގެ އިއްޒަތުގެ ލަގަބު އަރުވައިފަ އެވެ.
13 އަހަރުގެ ކުއްޖާ އަދި ދަނގެތީ ވިޔަފާރި ވެރިޔާ މަރާލުން
ދެހާސް އެކާވީހުގައި ހިނގި ހާދިސާތަކުގެ ތެރެއިން އެންމެން ސިއްސުވާލި ދެ ހާދިސާގެ ތެރޭގައި ރަހީނުކޮށް، މަރާލުމަށް ފަހު ފޮށިގަނޑަކަށް ލައި ހުޅުމާލޭ ގޮނޑުދޮށަށް އެއްލާލާފައި އޮތް 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލަ އާއި، އދ. ދަނގެތީ ވިޔަފާރިވެރިޔެއްކަމުގައި މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލަ ހިމެނެ އެވެ.
އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފޮނުނީ ޖޫން 22 ވަނަ ދުވަހުގެ ރޭގަ އެވެ. އެ މައްސަލައިގައި އެ މައްސަލާގައި ދައުވާ ކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އާއި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ދަނގެތީ ވިޔަފާރީވެރިޔާ މަހުމޫދު މަރާލީ އޮކްޓޯބަރު މަހު އެވެ. އޭނާ މަރާލުމަށް ފަހު ގޯންޏަކަށް ލާ ވައްޓާލާފައި އޮތީ އެ ރަށުގެ ފަޅު ގޯއްޗެއްގައި ހުރި ވަޅަކަށެވެ. މަހުމޫދު މަރާލުމުގައި ބައިވެރިވީ ތުހުވާ ބިދޭސީ މީހާ ޝާ އަލޮމް މިއާ އެވެ. އޭނާ އުޅުނީ މަހުމޫދުގެ އަތުން ފައިސާތަކެއް ފޭރުމަށެވެ. އެ މައްސަލައިގައި އޭނާ ހުރީ ބަންދުކޮށްފަ އެވެ.
ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން ބޯޑުން ނިންމުން
ފުލުހުންގެ އެންމެ އިސް ހަތް އޮފިސަރަކު މަގާމުން ވަކިކުރަން ފެންނަ ކަމަށް، ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ކަނޑައަޅައި އެ ނަންތައް ޕޮލިސް ކޮމިޝަނަރަށް ފޮނުވި އެވެ. އެ ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ)، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އެވެ. މީގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދު (ޓޫފޯ) ވަނީ ވަކިކޮށްފަ އެވެ. ބައެއް އޮފިސަރުން ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށް ނުގެންދަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅާއި ސެކިއުރިޓީ
ތިން ބާރުގެ ތެރެއިން ދައުލަތުން ގެކޮޅާއި ސެކިއުރިޓީ ޒަމާނުއްސުރެ ހަމަޖައްސާފައި އޮންނަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަށެވެ. ނަމަވެސް މޭ 6 ވަނަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން، މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅު ދިނުމަށް ގާނޫނެއް އެކުލަވާލައި ފާސްކުރި އެވެ. ދާއިމީ ގެކޮޅު ހަމަޖެހެންދެން، މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅަކަށް ހަމަޖެއްސެވީ މ. މުރައީދޫގެ އެވެ. އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅެއް ގޮތަށް ހަމަޖެއްސެވީ ރެހެންދި ފްލެޓުގެ ދެ އެޕާޓްމެންޓެވެ. އެ ދެބޭފުޅުންނަށް ދައުލަތުން ދާއިމީ ގެކޮޅެއް ބިނާކުރަން ވަނީ ނިންމައިފަ އެވެ.
ދެ މިނިސްޓަރަކަށް ދައުވާ
ދެހާސް އެކާވީގެ އެންމެ ހޫނު މައުލޫތަކުގެ ތެރޭގައި ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ އާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ތުހުމަތުވާ ހިޔާނާތުގެ މައްސަލަ ފާހަގަވެ އެވެ. އަލީ ވަހީދު މިނިސްޓަރު ކަމުގައި ހުންނަވައި 13 މުވައްޒަފަކާ މެދު ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލައިގައި ދައުވާ އުފުލާފައި އޮއްވައި އަލީ ވަހީދުގެ މައްޗަށް ދަށު ކޯޓުގައި ޝަރީއަތް ކުރިއަށްދަނިކޮށް، އޭނާ ރާއްޖޭން ފުރައިގެން ގޮސްފައިވަނީ ބޮޑެތި ތުހުމަތުތަކެއް އޮތުމުން ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލްކުރުމާ އެކު އެވެ. އިނގިރޭސި ވިލާތުގައި ހުއްޓައި އޭނާ ހައްޔަރުވެސް ކުރި އެވެ. އަދިވެސް ހުރީ ބަންދެއްގައި ކަމަށް އޭނާ ބުނެ އެވެ.
ޔޫތު މިނިސްޓަރު މަހްލޫފުގެ މައްޗަށް އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރިޝްވަތު ހިފުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ނުފަށަ އެވެ.
އިންޑިއާގެ އެއްބަސްވުންތަކުގައި ނުރައްކަލެއް ނެތް
އިންޑިއާއެކު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުން އަދި ރާއްޖޭގެ ޗާޓް ކުރެހަށް ހަދާފައިވާ ހައިޑުރޯގްރަފީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ހުށަހެޅުއްވީ، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އެވެ. އެއާ އެކު ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލުކުރާ 241 ކޮމިޓީ މައްސަލަ ދިރާސާކޮށް ނިންމީ އެ އެއްބަސްވުންތަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށެވެ. އެ އެއްބަސްވުންތަކުގެ ކޮޕީއެއް މެމްބަރުންގެ އަތަށް ނުދެ އެވެ. ދިރާސާކުރުން ކުރިއަށް ގެންދިޔައީ، އެމްއެންޑީއެފްގެ އޮފިސަރުން ކޮމިޓީއަށް ހާޒިރުވެ ޕްރެޒެންޓޭޝަނެއްގެ ގޮތުގައި އެއްބަސްވުންތައް ދައްކައިގެންނެވެ.

ވެކްސިން ޖަހަނީ.
އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑު ވެކްސިން، އިގުތިސާދަށް ދިރުން
ކޮވިޑްގެ ބިރުވެރިކަމުގެ ތެރެއިން ރާއްޖެ ހޯދި ކާމިޔާބީ ގުޅިފައި އޮތީ ވެކްސިން އާ އެވެ. ދެހާސް އެކާވީސް ނިމުނުއިރު 367،000 އަށް ވުރެ ގިނަ މީހުން ދެ ޑޯޒް ވެކްސިން ޖަހާފައިވާއިރު، އެއް ޑޯޒް ފުރިހަމަކޮށްފައި ވަނީ 396،000 މީހުންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2021 ވަނަ އަހަރު 79،500 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، މިއަހަރު 213 މީހުން ކޮވިޑުގައި މަރުވެފައިވެ އެވެ. ޖުމުލަ ކޮވިޑު މަރުގެ އަދަދަކީ 262 އެވެ.
ވެކްސިން ފުރިހަމަ ކުރުމުގެ ކުރިން އޭޕްރީލް މަހުގައި ދިން ލުޔާއެކު ހާލަތު ގޯސްވެ އަލުން ފިޔަވަޅުތައް ހަރުކަށިކުރި އެވެ. ނަމަވެސް 2021 ގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޮވިޑު ވަނީ ކޮންޓްރޯލްކުރެވިފަ އެވެ. އަދި ފިޔަވަޅުތައް ލުއިކޮށްފައިވާއިރު، އަންނަ ޓޫރިސްޓުންނާއެކު އިގުތިސޯދަށް ވެސް ވަނީ ދިރުން ލިބިފަ އެވެ.
އިންޓަނެޓްގެ އަގުހެޔޮކުރުން
އިންޓަނެޓްގެ އަގު ބޮޑު ވާހަކަ އާއި މަހުގެ މަދަށް ނުދަނީސް ޑޭޓާ ހުސްވުމުގެ ޝަކުވާ ނިމުމަކަށް ގެނުވީ މި ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން އިންޓަނެޓްގެ އަގު ހެޔޮކޮށްގެންނެވެ. ދެހާސް އެކާވީހުގައި ގެނައި މި ބޮޑު ބަދަލުން އިންޓަނެޓް ޕެކޭޖްތަކުގައި ހިމެނޭ ޑޭޓާ ހުސްވުމުން ތްރޮޓަލް ވުމަށް ވެސް ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި އެވެ. އަދި ޑިޖިޓަލް ރާއްޖެ އަށް ބަދަލުވުމުގެ ފެށުން ކަމަށް ފާހަގަ ކުރެއްވެވި އެވެ.
ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުން
މުޅި ގައުމު އެއްބައިވަންތަކުރުވީ ސާފް ޗެމްޕިއަންޝިޕުންނެވެ. ކޮވިޑުގެ ސަބަބުން ކުޅިވަރު ހަރަކާތްތަކާ ރާއްޖެ ބީރައްޓެހިކޮށް އޮތުމަށް ފަހު އަލުން ފޯރި ފެށިގެން ދިޔައީ އެ މުބާރާތުންނެވެ. ގައުމީ ފުޓްބޯޅަ ޓީމު ފައިނަލަށް ނުގޮސް ކެޓި ނަމަވެސް އާއްމުން ވަނީ ޓީމަށް ފުރިހަމަ ތަރުހީބެއް ދީފަ އެވެ. ކިއޫގައި ޖެހިގެން ޓިކެޓް ހޯދި އެވެ.
ތިމާވެއްޓާ ގުޅޭ ބޮޑު ދެ ޖޫރިމަނާއެއް
ކ. ރަސްފަރި ފަރަށް އެރި "އެމްވީ ނަވިއޯސް އަމަރިލިސް" ގެ ކުންފުނީގެ ފަރާތުން 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) ޖޫރިމަނާ ދެއްކިކަން ޑިސެމްބަރު މަހު ސަރުކާރުން އިއުލާނު ކުރިއިރު، ށ. ނޫމަރާ ފަރަށް 2019 ގައި އުރުނު ބާޖުގެ ރާއްޖޭގެ އެޖެންޓް، ރޮހޮފް ޕްރައިވެޓް ލިމިޓެޑު 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އެންގި އެވެ. އަހަރު ނިމުނުއިރު އެ ފައިސާ ދައްކާފައެއް ނުވެ އެވެ.
ދެމަފިރިން ވިޔަސް ނުރުހުމުގައި ނަމަ ދެން ވާނީ ރޭޕްގެ ކުށަކަށް
ކައިވެނިކޮށްގެން ނަމަވެސް ނުރުހުމުގައި ޖިންސީ ގުޅުން ހިންގައިފިނަމަ، އެއީ ރޭޕް ކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު 6 ގައި ތަސްދީގު ކުރެއްވި އެވެ. ތާރީހީ އެ ބަދަލު ގެނައި އިސްލާހުތަކުގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާގެ އިތުރުން ޖިންސީ ގޯނާއަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާކޮށްފައިވެ އެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް.
އެމްއެންޕީ އުފެއްދުން
ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެ ޕާޓީން ވަކިވެ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދި އެވެ. އެ ދެ މެމްބަރުންގެ އިތުރުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ހުޝާމު އާއި ކުރީގެ ދެ މިނިސްޓަރުންކަމުގައިވާ ދުންޔާ މައުމޫން އަދި ޝީދާތާ ޝަރީފު ވެސް އެ ޕާޓީއާ ގުޅިވަޑައިގަތެވެ. 5،000 މެމްބަރުންނާއެކު ރަޖިސްޓްރީކުރި އެ ޕާޓީގައި މިހާރު 10،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވި އެވެ.
ރައީސް ޔާމީން މިނިވަންވުން
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ދަށު ކޯޓުން އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ބާތިލްކުރީ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަގުލަބިއްޔަތު ރައުޔަކާއެކު ހުކުމް ދެމެހެއްޓި އެވެ.
ޔާމީން މިނިވަންވުމާއެކު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޑިސެމްބަރު 3 ގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެއް ވާހަކައަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުވާންޖެހޭނެ ކަމެވެ. އޭރު ވެސް ފަށާފައި އޮތް "އިންޑިއާ އައުޓް" ކެމްޕޭނު އެމަނިކުފާނު އިސްވެ ހުންނަވައި ކުރިއަށް ގެންދަވަން ފެށުމާއެކު ސަރުކާރާއި ސަރުކާރުގައި ހިމެނޭ ކޯލިޝަންގެ ޕާޓީތަކުން ރައީސް ޔާމީނަށާއި އެ ކެމްޕޭނަށް ވަރުގަދަ ރައްދެއް ދިނެވެ. "އިންޑިއާ އައުޓް" ހަރަކާތް އެ ގޮތުގައި ހިންގިގެން ނުވާނެ ކަމާއި އެކަން ފުލުހުން ނުކުމެ ހުއްޓުވުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލެއްވިއިރު، އެމްއެންޕީ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެފައި ވަނީ އެ ކެމްޕޭނަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އެއީ ނޭއްގާނީ ހަރަކާތެއް ކަމަށް އަދާލަތުން ސިފަކުރިއިރު، ޖޭޕީން ބުނީ އެއީ ރާއްޖެއަށް ގެއްލުންދޭން ހިންގާ ހަރަކާތެއް ކަމަށެވެ.

ޝެއިޚް ހަސީނާ (ވ) އަށް ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ.
ހަސީނާގެ ތާރީހީ ދަތުރުފުޅު
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތީ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ބޭރުގެ ދައުލަތެއްގެ އެންމެ މަތީ ވެރިއަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ދަތުރުފުޅުގައި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމީ ދާއިރާއިން އެއްބަސްވުންތަކުގައި ސޮއިކުރެއްވެވި އެވެ. އަދި ރާއްޖެއަށް އަސްކަރީ އުޅަނދުތައް ވެސް ހަދިޔާކުރެއްވެވި އެވެ. ދަތުރު ނިންމާލުމަށް ފަހު ފުރާވަޑައިގަތީ ޑިސެމްބަރު 27 ގަ އެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުން
އޭސީސީގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔައީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންނެވެ. އެއަށް ފަހު އަލުން މައްސަލަ ކޮމިޓީއަށް ފޮނުވައި، އޭސީސީގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް ފަހު ކޮމިޓީން ޑިސެމްބަރު 26 ގައި ކޮމިޝަންގައި އޭރު ތިއްބެވި ތިން މެމްބަރުން ވަކިކުރުމަށެވެ. ޖެހިގެން އައި ދުވަހު އެ ބޭފުޅުން އިސްތިއުފާ ދެއްވި އެވެ. އޭގެ ކުރިން ކޮމިޝަންގެ މެމްބަރު އިބްރާހިމް ޝަކީލް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ގްރޭސް މަރާ ގުޅިގެން ފިރިމީހާ އާއި ލަމްހާ އަށް ބޮޑެތި ތުހުމަތުތަކެއް
އައިޖީއެމްްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް ޕިނޭޑާ، އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވާ ފެނުނީ އޮކްޓޯބަރު 19، 2021 ގަ އެވެ. ފުރަތަމަ ވަގުތުން ފެށިގެން ވެސް އެ މަރާމެދު ސުވާލު އުފެދިފައި އޮތްވައި، އޮކްޓޯބަރު 27 ވަނަ ދުވަހު ގްރޭސްގެ ފިރިމީހާ، މާވިން އެސްވައި، 29، ހައްޔަރުކުރި އެވެ. އެއަށް ފަހު އޭނާގެ މައްޗަށާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ޅ. ހިންވަރު މާފިނި، ހާލީމަތު ލަމްހާ އަބްދުއްރަހުމާން، 24، ވެސް ގްރޭސް މަރާލުމުގައި ބައިވެރިވާ ކަމަށް ފުލުހުން ތުހުމަތުކޮށް، ޑިސެމްބަރު 16 ގައި ކޯޓު އަމުރެއްގެ ދަށުން ލަމްހާ ވެސް ހައްޔަރުކުރި އެވެ. މާވިން އާއި ލަމްހާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ.







