ރިޕޯޓު2021 ގެ ޘަޤާފަތުގެ ތެރެއިން "ކޮތަރުކޮށި"، "ޖާބިރު"، "ކޯވަރެއް"، "ސާފް"...

2021 ގެ ޘަޤާފަތުގެ ތެރެއިން "ކޮތަރުކޮށި"، "ޖާބިރު"، "ކޯވަރެއް"، "ސާފް"...

ޘަޤާފަތަކީ، މީހުންގެ ފިކުރާއި، އެމީހުން ބަޠަލުންގެ ގޮތުގައި ބަލައިގަންނަ މީހުންނާއި، އެމީހުން ކިޔާ ލިޔުންތަކާއި އަޑުއަހާ ތަޤުރީރުތަތަކުން އެމީހުންގެ ޝަޢުޤުވެރިކަން ފާޅުކުރާ ކަންކަމެވެ. މި އަހަރު ފެނިގެން ދިޔަ އެފަދަ ޘަޤާފަތްތަކަކީ ކޮބާ ހެއްޔެވެ؟

2021 ގެ ޘަޤާފަތުގެ ތެރެއިން "ކޮތަރުކޮށި"، "ޖާބިރު"، "ކޯވަރެއް"، "ސާފް"...

ޘަޤާފަތޭ ބުނަމުން މި ދައްކަނީ ބޮޑުމާލޫދު ކިޔުމާއި، ބޮޑުބެރު ޖެހުމާއި، ލިބާސްލެއްވުމުގެ ވާހަކަ އެވެ. މި ފަހަރު އަހަރެން މި އިޚުތިޔާރު ކުރަނީ ޒަމާނީ ނޫސްވެރިކަމުގެ ބާނީކަމުގައި ސިފަކުރާ ވޯލްޓަރ ލިޕްމަން އެ ލަފުޒު މާނަކުރާ ކުރުމަށެވެ. އޭނާ ވިދާޅުވާގޮތުން، ޘަޤާފަތަކީ، މީހުންގެ ފިކުރާއި، އެމީހުން ބަޠަލުންގެ ގޮތުގައި ބަލައިގަންނަ މީހުންނާއި، އެމީހުން ކިޔާ ލިޔުންތަކާއި އަޑުއަހާ ތަޤުރީރުތަތަކުން އެމީހުންގެ ޝަޢުޤުވެރިކަން ފާޅުކުރާ ކަންކަމަށެވެ. އެހެންގޮތަކަށް ބުނާނަމަ، ޕޮޕިއުލަރ ކަލްޗަރއެވެ. ޢާއްމު މަންސަތަކުގައި ދިވެހި ދިރިއުޅުމުން، ދިވެހިން އެހާ ޢާއްމުކޮށް މިންކޮށް، ބައި އަޅާ ބާވަތެއްގެ ފިކުރެއް ނޫނެވެ. އެހެންނަމަވެސް ޒާތީ ދިރިއުޅުމުގައި، ދޭދޭ މީހުންގެ ޗުކުޗުކުތެޅުވުމުގައި އަބަދު ދައްކާ ވާހަކަތަކެވެ.

ދަންބެރަށްވުރެ ތަގުޑި ދިގުނުކޮށް ދިވެހި ދިރިއުޅުމުގެ ތެރެއިން 2021 ވަނަ އަހަރު އަހަރެންނަށް ފާހަގަކުރެވުނު ޘަޤާފީ އުސްއަލިތަކަށް ނަޒަރު ހިންގާލާނަމެވެ.

2021 ވަނަ އަހަރަކީ ދިވެހިންގެ ތެރޭގައި ސެލެބްރިޓީ ގޮސިޕް ވައިގައި ހިފާލި އަހަރެކެވެ. "ޓިކްޓޮކް" ޝިފާގެ ބުރުގާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުﷲ ޖާބިރު ތުރުކުރައްވާ ސޫޓްގެ ކުލައާ ހަމައަށް، ދިވެހި ނޫސްތަކުގެ ސުރުޚީތަކުން ޖާގަ ހޯދަމުންދިޔަ އެވެ. ފިލްމީ ތަރިއެއް، އިންފުލުއެންސަރެއް، ސިޔާސީ ލީޑަރެއް ތަފާތުކުރުމެއް ނެތެވެ. އެބައެއްގެ ފަތިފުށާއި، ދިރިއުޅުމާއި، ޒާތީ އުޅުން ގުޅުންތަކަކީ، އަހަރެމެން އެންމެންގެ މަސްލަޙަތު އޮންނަ ކަމެއް ކަމަށް، 2021 ވަނަ އަހަރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ތެދެކެވެ. މި ފަދަ މީހުންގެ ވާހަކަތައް ހޮޅުއަށީގައްޔާއި، ވައިބަރ ގްރޫޕްތަކާއި ސައިމޭޒުތަކުގައި ދައްކަނީކީ އަލަކަށް ނޫނެވެ. އެހެންނަމަވެސް، އެފަދަ މީހުންނަށް އަހަރެމެން މި ދޭ "ޒާތެއްގެ ތާއީދެއްގެ" ސަބަބުން، ތިމާ ހިތްހަމަ ނުޖެހޭ ކަމެއް ކުރާތީ މަޝްހޫރުވާ މީހާއަށްވެސް ތިމާގެ ހިތުގައި ގާތްކަމެއް އުފެދޭ ހިސާބަށް ސެލެބްރިޓީ ގޮސިޕް އަދި އެ ވާހަކަތަކަށް ރައްދު ދިނުމުގެ ޘަޤާފަތް މި އަހަރު މި ވަނީ ހިނގައިގަނެވުނު ދައުރައް އަޅާފަ އެވެ. ނޫސްވެރިންނާއި ސޯޝަލް މީޑިއާ މަންސަތަކުގައިވެސް ޢަބުރުގެ ޤާނޫނުގެ ގޮޅިއަކަށް ނުފެތި މި ވާހަކަތައް ދައްކާނޭ ހުނަރުވެސް ދަނީ ހޯދަމުންނެވެ.

ވޭޕް
ވޭޕް

ވޭޕް

މި ނިމޭ 2021 ވަނަ އަހަރަކީ ދިވެހި އާބާދީގެ ފުއްޕާމެއަށާއި ނޭފަތަށް، ޖަމަޢީ ފެންވަރެއްގައި، ކުޑަ ލުޔެއް ލިބުނު އަހަރެކޭ މި ބުނަނީ، ރަސްމީ ދިރާސާއެއް ކޮށްގެނެއް ނޫނެވެ. ލޮލަށް ފެންނަ މަންޒަރުތަކަށް ބިނާކޮށްފަ އެވެ. ދިވެހިންގެ ތެރޭ ހިމެނޭ ދުންފަތުގެ އިސްތިޢުމާލުކުރާ އާބާދީ، މަޑުމަޑުން ދުންފަތް އެންދުން ދޫކޮށްލައި، އެ ހޫނުކޮށްގެން ނެރޭ އާތްވެއް އިޚުތިޔާރުކުރަން ފެށި މަންޒަރަށް 2021 ހެކިވާނެ އެވެ. ދޭއްޗަކީވެސް ދުންފަތެވެ. ދޭތިންވެސް ގެއްލުން ލިބެ އެވެ. އެހެންނަމަވެސް މި ތަކެތި ވިއްކާ ފަރާތްތައް ދެކޭ ގޮތުން، ވޭޕް ބޭނުންކުރާ މީހުންނަށް ލިބޭ ގެއްލުމުގެ މިންވަރު ކުޑަ އެވެ. ޔަޤީންވާކަމަކީ، ޢިމާރާތްތަކުގެ ބޭރުގައްޔާއި ދުވާރުމަތޫ ދުން އަރުވަން ތިބޭ އާބާދީގެ ބޮޑު ބައެއްގެ އަތުން މިހާރު ފެންނަ އާލާތް ބަދަލުވެފައިވާކަމެވެ. ދުންފަތް އެއްކޮށް އައުޓްޑޭޓްވާ ޒަމާން އައުމުގެ އަލާމާތެއް ތޯއްޗެކެވެ.

2021 ވަނަ އަހަރު ދިވެހި ބަސްކޮށާރު އަނެއްކާވެސް އިތުރަށް މުއްސަނދިވިއެވެ. ކޮވިޑުގެ ސަބަބުން ގިނަ އާ ލަފުޒުތަކެއް ތަޢާރަފުވެ ޢާއްމުވެފައިވަނިކޮށް މި އަހަރު ފާހަގަކޮށްލާހިތް އޮތީ ސިޔާސީ މައިދާނުގައި މަޖާޒީގޮތުން އެކި މާނައިގައި ބޭނުންކުރާ ލަފުޒެކެވެ. ހިޔާ ފްލެޓުތަކަށް އެއްބަޔަކު "ކޮތަރުކޮށި" މި ކިޔަނީ، އެއީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ފެންވަރަށް ޢިމާރާތްކޮށްފައިވާ ތަނެއްކަމަށް ސިފަކުރުމަށެވެ. އެހެންނަމަވެސް ހިޔާ ފުލެޓުތަކަށް މީހުން ބަދަލުވުމަށްފަހު އެލަފުޒު ބޭނުންކުރަންފެށީ ކުރިން އެތަންތަނަށް ނިސްބަތްކޮށް ކޮތަރުކޮށްޓޭ ކީ މީހުންނަށް މަލާމާތް ރައްދުކުރުމުގެ ގޮތުންނެވެ. މީގެ ކުރިން ހުޅުމާލޭގައި އެޅި ފްލެޓްތައް ހުރި ސަރަޙައްދަށް ނުރަސްމީކޮށް "ޗައިނާ ޓައުން" ކިޔައި ހަރުކޮށްފައިވާ ބީދައިން، ހިޔާ ފުލެޓުތަކަށް "ކޮތަރުކޮށި" އެ ނަން ހަރުލުން އެކަށީގެންވެ އެވެ.

ދެވަނައަށް މި ބަލަލާނީ މަޝްހޫރު ލަވަ "ކޯވަރެއް"ގައި ކިޔާ "މިއަދި ބޯންދެނީ ކޯރެއްގެ ކޯވަރެއް" މި ބަސްކޮޅަށެވެ. ލަވައަކުން ފެށިގެން އައި މި ޖުމުލައަށް އެއް އަހަރު ވީ އިރު، ސިޔާސީ ޕޯޑިއަމްތަކުންވެސް މިއީ އަދި ކުޑަމިންވަރެކޭ ބުނުމަށް "މިއީ ކޯވަރެއް" ކަމަށް ބުނާ މަންޒަރު ފެންނަން ފަށައިފި އެވެ. ފެބްރުއަރީ މަހު ޒުވާނުންގެ ވަޒީރު އަޙްމަދު މަހުލޫފުގެ ޓްވީޓެއްގައި "އަޅުގަނޑުމެން ކުޅިވަރަށް މިގެންނަ އިންގިލާބީ ބަދަލުން މިއީ ކޯވަރެއް" ކަމަށް ވިދާޅުވެފައިވެ އެވެ. ނޫސްވެރިންނާއި ލިޔުންތެރިންވެސް މި ލަފުޒު މި މާނައިގައި، ހަރުކަށި ފިކުރާ ގުޅޭ މަޢުޟޫޢުތަކުން ފެށިގެންގޮސް، މުނިފޫހިފިލުވުމުގެ ދާއިރާއާ ގުޅޭ މަޢުޟޫޢުތަކުގައިވެސް ބޭނުންކުރަމުންދެ އެވެ.

ސިމްބޮލިކް ރެކޯޑްސްގެ ފަންނާނުން.
ސިމްބޮލިކް ރެކޯޑްސްގެ ފަންނާނުން.

ސިމްބޮލިކް ރެކޯޑްސްގެ ފަންނާނުން.

2021 ވަނަ އަހަރަކީ އަނެއްކާވެސް، "އަންހެނުންނަށް ވާނެ" ކަން އަންގައިދިން އަހަރެކެވެ. އެކި ދާއިރާތަކުގަ އެވެ. ފީނުމުގެ ދާއިރާގައި މަޝްހޫރު ޒޫނާ ބައިނަލްއަޤުވާމީ ފެންވަރެއްގައި ފާހަގަކުރެވިގެންމިދަނީ، ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ސައިކަލު ރޭސް ބާއްވައި އެ ރޭހުގެ ޗެމްޕިއަންކަން ޖޫލީ ހޯދިތާ އަދި މާ ގިނަ ދުވަހެއް ނުވަނީހެވެ. ކޮވިޑް19ގެ ކަންކަން ބެލެހެއްޓުމުގައި އިސްސަފުގައި އަދިވެސް ހަރަކާތްތެރިވަމުންދާ ޢިލްމީ، ފަންނުވެރި އަންހެނުން ގިނަ އެވެ. ފުލުހުންގެ ޚިދުމަތަށް އައި އިސްލާޙާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގައި މުޅިން އަލަށް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް 4 އަންހެނުން ޢައްޔަންކޮށްފައިވެ އެވެ. ހިތާމައަކީ، އަންހެނުންނަށް ކުރާ އަނިޔާއާއި ފުރައްސާރައަށް ހުއްޓުމެއް އަންނަ މަންޒަރު ނުފެންނަކަމެވެ. އެހެންނަމަވެސް އެ ވާހަކަ މިއަދު، ސުރުޚީ އަޅާފައި ދޫކޮށްލަމާ ހެއްޔެވެ.

ދެން މި ޖެހިލަނީ އަހަރެމެންގެ ދާއިރާއަށެވެ. 2021 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާގައި ފެނުނީ ފުޓުބޯޅަ ސީޒަނަކަށް ތައްޔާރުވަމުންދާއިރު ކުޅުންތެރިން ބަދަލުކުރާ ބީދައިން ނޫސްވެރިންގެ "ޓްރާންސްފަރ ބާޒާރެއް" ހުޅުވިގެންދިޔަ މަންޒަރެވެ. މަޝްހޫރު ގިނަ ނޫސްވެރިންތަކެއް އެއް ނޫހުން އަނެއް ނޫހަށް، އެއް މީޑިއާ ސްޓޭޝަނުން އަނެއް މީޑިއާ ސްޓޭޝަނަށް، ބައި ބަޔަށް ބަދަލުވަމުންދިޔަ ދިޔުމުގެ ސަބަބުން އެއްބަޔަކު ތިބީ ވާނުވާ ނޭނގޭ ހާލުގަ އެވެ. އަނެއް ބަޔަކު ދައްކަންފެށީ ތޯތޯ ވާހަކަތަކެކެވެ. އަހަރު ނިމިގެންދާއިރު، އެއްކަމެއް ޔަޤީންވެ އެވެ. އެއީ ނޫސްވެރިންގެ ޓްރާންސްފަރ މާކެޓުގެ ޘަޤާފަތް މި ފެށުނީ، އަވަހަށް އުވިގެންދާގޮތަކަށް ނޫންކަމެވެ. ދާއިރާއަށް އޮތް ކުރިއެރުމެކެވެ. ނޫސްވެރިންގެ އަގުކުރެވޭކަމުގެ ހެއްކެކެވެ.

2021 ވަނަ އަހަރު ފެށިގެން ދިޔައީ ނިއު ނޯމަލް އާ މެދު އެންމެންވެސް ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް އަހަރު ނިމޭ އިރު، "ނިއު ނޯމަލް"ގެ "ނިއު" ކަނޑާލާ، މިއީ އަހަރެމެން ބަލައިގަންނަ ޢާއްމު ޙާލަތަކަށް ޙަޤީޤަތުގައިވެސް ވެއްޖެއެވެ. ދެތިން މިސާލަކަށް ބަލާލަމާ ހިނގާށެވެ. ސަލާންކުރަން ދެ އަތް ޖޯޑުކުރުމުގެ ބަދަލުގައި މުސްކުޅި ފުރައިގެ މީހުންވެސް "ފިސްޓް ބަމްޕް"އެއް ދިނުމަށް ގޮށްމުއް ދިއްކޮށްލުމަކީ މިހާރު އައިބު ކަމަކަށް ނުވެ އެވެ. އަހަރެމެން ކުޑައިރު، ދަރިން ގޮވައިން ސްކޫލްދޮށަށް ދާ ބައެއް މަންމައިން އެންމެ ލަދުގަންނަނީ ދަރިފުޅު ފުނާއަޅުވާފައި އެ ފުނާ އަމިއްލަ އިސްތަށިގަނޑަށް ޖެހުމަށްފަހު، އެ ހުރި ގޮތަށް ސްކޫލް ދޮށަށް ދެވުނީމަ އެވެ. ނަމަވެސް މިހާރުގެ މައިންބަފައިން އަވަސްއަރުވާލައިގެން ދާއިރު ހަނދާންނެތެނީ މާސްކު އަޅާށެވެ. އަދި ދަތްދޮޅީގައި ނަމަވެސް މާސްކު ނެތުމަކީ އައިބުކަމަކަށް މިހާރު ވެ އެވެ.

ދަތުރަކަށް ތައްޔާރުވާއިރު، އެހެންޏާ ޔަޤީންކުރަންޖެހެނީ ވިސާ އާއި ޕާސްޕޯޓު އޮތްތޯ އެވެ. މިހާރު، މީގެ އިތުރުން، ވެކްސިން ކާޑާއި، ޕީސީއާރް ޓެސްޓުގެ ނަތީޖާ އާއި، ސެނިޓައިޒަރ އާއި މާސްކު ފޮށި، އެއީ ދަތުރަކަށް ތައްޔާރުވާއިރު މަޖުބޫރު ލިސްޓުގައި ހިމެނޭ ތަކެއްޗެވެ. ދާނޭ މަންޒިލެއް ނިންމުމުގައިވެސް، އެ ރަށެއްގެ ކޮވިޑު ހާލަތު، ރަށުބަންދުތޯ ނޫންތޯ، ކަރަންޓީނުވާންޖެހޭތޯ ނޫންތޯ، ބޯޑަރު އޮތީ ބަންދުކޮށްފައިތޯ ނޫންތޯ، ސުވާލުކުރަނީ ކުރީގައި މޫސުމަށް ބަލާ ބީދައިންނެވެ. 2021 ވަނަ އަހަރު އަހަރެމެން މި ވަނީ މި އާ ކަންތައްތަކަށް ހޭނިފަ އެވެ. ދަތުރުފަތުރާއި ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް، އެއަށް އާދަވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ކުޅެނީ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ކުޅެނީ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ކުޅެނީ.

ޤައުމީ ފުޓުބޯޅަ އާއި ހިޔަޅަށް މޭބިސްކަދުރު ހުތްވުމުގެ ވާހަކަ ކޮންމެހެންވެސް އަހަރެމެން ދައްކަން އެބަޖެހެ އެވެ. މި އަހަރުގެ މޭ މަހު ދިވެހި ރާއްޖޭގެ ކުރީގެ ރައީސެއްގެ ފުރާނައަށް އަމާޒުކޮށް ހަމަލާއެއް ދީފައިވެ އެވެ. ޤައުމެއް އެކަތިގަނޑަކަށްވެ ޤައުމީ ރޫޙު އާލާވާން، އެ ދަނޑިވަޅު ފުދޭ ނޫން ހެއްޔެވެ؟ އެހެންނަމަވެސް މިފަދަ ޤައުމީ ރޫޙެއް މި އަހަރު ފެނުނީ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށެވެ. ކޮރޯނާއަކާއި ކޮރޯނާއެއް ކަމަށް ބަލައި ކިއު ޖައްސައިގެން ދަނޑަށްވަދެ ޤައުމީ ލޯބިން އުތުރިއަރަމުން، ލަވަ ކިޔައި، ފޯރިނެގުމުގައި ދިވެހިން ޝާމިލުވީ ޕާޓީ ސިސްޓަމްވެސް ނުދެކޭ ބައެއް ފަދައިންނެވެ. "މީ އެ ފަހަރޭ" އަހަރެމެންގެ ފަހަރޭ ކިޔައި ހިތްވަރު ދިން ސަޕޯޓަރުންނަށް ވީ ވަރަކީ މޭބިސްކަދުރު ވެލާ ހަމައަށް ނުފޯރުމުން، މޭބިސްކަދުރު ހުތްވި ހިޔަޅަށް ވީ ވަރެވެ. އޭރު ފެނުނީ ޤައުމީ ރޫޙު އާލާވެގެންދިޔަ މަންޒަރެވެ. ދެރައީ އެ ރޫޙު ނުދެމެހެއްޓުނު ކަމެވެ.

ބާރު ދުވެއްޔެއްގައި ކަމަކަށް ޢަމަލީ ސިފައެއް ގެންނަން އެދޭނަމަ، އެކަން "އެމް.ވީ ޓްވިޓަރ" އާ ހަވާލުކުރުމުގެ ޘަޤާފަތްވެސް 2021 ވަނަ އަހަރު ދައްކުވައިދީފި އެވެ. އެއީ މީހަކަށް އެހީތެރިކަމެއް ހޯދައިދިނުންކަމުގައިވިޔަސް، ޤައުމުގައި ގޯސްކޮށް ކުރެވޭ ކަމެއް އިސްލާޙުކުރަން ކަމާ ބެހޭ ފަރާތްތަކަށް ފިއްތުންތައް މެދުވެރިކުރުވުންކަމުގައިވިޔަސްމެއެވެ. ތަކެތި މާކެޓުކޮށް ޕްރޮމޯޓުކުރުމާއި، މުހިއްމު މައްސަލަތަކުގައި ދިވެހިންގެ، ޚާއްޞަކޮށް ދިވެހި، ޓެކްނޮލޮޖީއަށް ފަރިތަ އާބާދީގެ ޚިޔާލުތައް ދެނެގަތުމަށް އެއަށްވުރެ މުނާސަބު މަންސައެއް ނެތެވެ. ޤައުމުގެ ވިންދު ދެނެގަންނާނެ ވަޞީލަތެއްގެ ގޮތުގައި އެމް.ވީ ޓްވިޓަރ ބޭނުންކުރުމުގެ ޘަޤާފަތްވެސް މިއަހަރު ވަނީ އިހުނަށްވުރެ އިތުރުވެފައި ކަމަށް ބެލިދާނޭ ޖާގަ އެބައޮތެވެ.

ކައިވެނި ސައި ނޫން ހުރިހާ ޕާޓީއެއް "ޓެންތު" ގައި ބޭއްވުމުގެ ޘަޤާފަތް ފާހަގަކޮށްނުލާ ދޫކޮށްލެވޭކަށް ނެތެވެ. އަތްފޯރާ ފަދަ އަގެއްގައި ޢާއިލާތަކާއި ރައްޓެހިން މާލެއިން ބޭރަށް ދިއުމުގެ ބަދަލުގައި "ޓެންތު" ގައި ޕޫލް ޕާޓީ ބޭއްވުން މި ވަނީ ޢާއްމުވެފަ އެވެ. އެބައެއްގެ "ބަބުލް"ގެ ތެރޭގައި ތިބެގެން ހިތްއުފާކޮށްލެވޭނޭ ގޮތެއްކަމުގައި މި ޚިދުމަތްވެ، ކޮންމެ ކުޑަކުއްޖަކުވެސް، އެކުއްޖެއްގެ އުފަންދުވަހުގެ ޕާޓީ ބާއްވަން އެންމެ ބޭނުންވާ ތަނަކީ އެއީ ކަމަށް މިހާރު ވަނީ ވެފަ އެވެ. އަނެއްކާވެސް މާލޭގެ އިތުރު މަންޒިލެއްގެ ވާހަކަ އެވެ. މީގެ ކުރިން ކައިވެންޏާއި، ދަސްވެނިވުމުގެ ފޮޓޯ ޝޫޓްތަކަށް އެންމެ މަޤުބޫލު މަންޒިލްތަކަކީ ހުޅުމާލެ އާއި ސަލްޓަން ޕާކެވެ. އެހެންނަމަވެސް މި ދެ ތަން ފަހަތައް ޖައްސާލުމަށްފަހު، މިހާރު މި ފަދަ ފޮޓޯ ޝޫޓުތަކަށް އެންމެ މަޤުބޫލު އެއް މަންޒިލަކީ ލޮނުޒިޔާރަތް ޕާކުކަމުގައިވަނީ ވެފަ އެވެ. ފެމިލީ ކޯޓުގެ ކުރިމަތިން އޮންނަ ޕާކުކަމަށް ވާތީ ކަންނޭނގެ އެވެ.

2021 ވަނަ އަހަރަކީ ދިވެހި ފެޝަން އަށް ކާމިޔާބު އަހަރެކެވެ. ޓޮޑީ، މޯލްޑިވްސް ވޭވް، އޮއެވާލި، ކޮއެލް އައިވެއަރ ފަދަ ފެންވަރު ރަނގަޅު ދިވެހި ބްރޭންޑްތައް، ދިވެހިންގެ ތެރޭގައި މަޤުބޫލުވެ، ދިވެހިންގެ "ހަދިޔާ ލިސްޓު" ތަކުގައި ދިވެހި އުފެއްދުންތައް ގިނަވެ، "ކޫލް" އަދި "ފެޝަނަބަލް" ކޮންމެ ކުއްޖެއްގެ އަތުގައި މޯލްޑިވްސް ވޭވް ގަޑިއެއް، ކޮއެލް އައިނެއް، ޓޮޑީ ޓީޝަރޓެއް ނުވަތަ އޮއެވާލި ފަށެއް އޮތުން ލާޒިމުވެގެންދިޔަ އަހަރަކަށް މި އަހަރު ވެގެންދާނެ އެވެ. ފެޝަންގެ ވާހަކަ ދައްކާއިރު، ކުރީގެ ބައެއް ފެޝަންތައް 2021 ވަނަ އަހަރު އިއާދަވެފައިވާކަންވެސް ހަނދާންކޮށްލަން ރަނގަޅެވެ. ދެހާހުގެ ކުރީކޮޅު މަޝްހޫރުވި ފައިކުރި ފުޅާ ޖިންސުތަކާއި، މާޖެހި ބުރުގާތައް އަނެއްކާވެސް މި ވަނީ ފެޝަނަށް ވެފަ އެވެ. ދަބަސްތައްވެސް އޭރެކޭ އެއްގޮތަށް ކުދިވަމުންދާއިރު، ފައިވާންތަކުގެ މަޅިގަނޑުތައް ފުޅާވެ، ދަނީ ބޯވަމުންނެވެ.

ދިވެހިންގެ ވާހަކަ، ދުފުމުގެ ވާހަކައާ ނުލައި ފުރިހަމައެއް ނުވާނެއެވެ. 2021 ވަނަ އަހަރަކީ ހޯލްސް ސުޕާރީގެ އަހަރޭ ބުނެވިދާނެ އެވެ. ރަސިލީ ސުޕާރީގެ އަގަށް އެކިއަހަރު އެކި ގޮތްތަކަށް ބަދަލު އަންނަމުންދިޔައިރުވެސް އެ ނޫން ސުޕާރީއެއް ދިވެހިންނަކަށް ކަމަކުނުދެ އެވެ. އެހެންނަމަވެސް މިހާރު ހޯލްސް، ޒައިބް، އަދި ބަބްލީ އެބަ އެއްހަމައެއްގައި ހިފަހައްޓަ އެވެ. އެހެންނަމަވެސް މިއަހަރު ނިމެން އުޅެނިކޮށް ޤާނޫނަށް އެ އައި ބަދަލާއެކު ދިވެހި ދުފުމަށް އަނެއްކާވެސް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.

އަހަރު ދުވަހެއްގައި ރައްޔިތެއްގެ ޘަޤާފަތަށް އައިސްފައިވާ މުހިއްމު ބަދަލުތަކަކީ އެކެއްގެ ނަޒަރުން ލިޔެގެން މުޅިން އޮޅުންފިލާނޭ ކަންކަމެއް ނޫނެވެ. އަހަރެންގެ ވިސްނުންތައް ގައިދުވެފައިވަނީ މާލޭ ސިޓީގެ ތެރޭގަ އެވެ. ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް، ސަރަޙައްދީ، ނުތަވަ ރަށު ފެންވަރުގައިވެސް މި ފަދަ ޘަޤާފީ ބަދަލުތަކެއް ނުވަތަ އާ ރަހަތަކެއް މި އަހަރު ފެނިފައި ހުންނާނޭކަން ގައިމެވެ. ދިރާސާކޮށްލަމާ ހެއްޔެވެ؟

ނަސްމާ އަބްދުލްމުހުސިން

ލިޔުންތެރިޔާ

ނަސްމާ އަބްދުލް މުހުސިނަކީ ތަޖުރިބާކާރު ނޫސްވެރިއެކެވެ. ހުނަރުވެރި ނިއުސް ޕްރެޒެންޓަރެއް ވެސް މެ އެވެ. އަދި އެހާމެ ކުޅަދާނަ ޅެންވެރިއެކެވެ. ނަސްމާގެ ގަަލަމުން އަދަބީ ލިޔުންތަކާއި ދިރާސީ މަޒުމޫނުތައް މި ނޫހުން ފެންނާނެ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ދިޓީވީ" އަދި "ޕީއެސްއެމް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox