ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް 150 ސްކޯލާޝިޕް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މި 150 ސްކޯލާޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް އަދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓްސް މި ދެ ދާއިރާއިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށެވެ.
މި ސްކޯލާޝިޕް ސްކީމުގެ ދަށުން ހޮވޭ ދަރިވަރުންނަށް ކިޔެވުމުގެ ހުރިހާ ކަމެއް ސަރުކާރުން ހަމަޖައްސައިދޭނެ އެވެ. އެގޮތުން ރަޖިސްޓްރީ ކުރުމުގެ ފީ އާއި، އެނުއަލް ސަބްސްކްރިޕްޝަން ފީ، އެގްޒެމިނޭޝަން ފީއާއި ބުކް އެލޮވެންސް ފީ ހިލޭ ސަރުކާރުން ދޭނެ ކަމަށް އެ އިއުލާންގައި ވެއެވެ.
ސްކޯލާޝިޕަށް ހުށަހެޅުމުގެ ޝަރުތު:
- އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް- ސްކިލް ލެވެލް ނުވަތަ ނުވަތަ ޕްރޮފެޝަނަލް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަވުން.
- ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓްސް- މެނޭޖްމެންޓް ލެވެލް ނުވަތަ ސްޓްރެޓީޖިކް ލެވެލްއަށް ވަނުމުގެ ޝަރުތު ފުރިހަމަވުން.
މި ސްކޮލާޝިޕް ސްކީމްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވާ މީހުން އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު ހުޅުވާލާފައިވަނީ މި ފެށޭ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ https://myedu.egov.mv މެދުވެރިކޮށެވެ.
ސްކޮލާޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ކްރައިޓީރިއާއާ އެއްގޮތަށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ތަރުތީބުކޮށް އެއާ އެއްގޮތަށެވެ.

”މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދެވޭނެ," މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
ސްކޮލާޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް މިނިސްޓްރީއިން ނޮމިނޭޓްކުރި ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެ ކަމަށާއި ނުފަށައިފިނަމަ ސްކޮލަޝިޕް ކެންސަލް ކުރުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެ އެވެ.
އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން www.mohe.gov.mv ލިބެން ހުންނާނެ އެވެ.












