ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީ ލަންކާއަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ ސްރީ ލަންކާގައި ހަތަރު ދުވަސް ހޭދަ ކުރައްވާނެ ކަމަށެވެ.
ރައީސްގެ އަނބިކަނބަލުންގެ ފަޒްނާގެ މަންމާފުޅު ދިރިއުޅުއްވަނީ ސްރީ ލަންކާގަ އެވެ. މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ރައީސް ސޯލިހު ވަނީ ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ.
ވެރިކަމުގެ ހުވާ ކުރެއްވި ފަހުން އެންމެ ފުރަތަމަ ރައީސް ސޯލިހު ލަންކާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ޖެނުއަރީ 3، 2019 ގަ އެވެ. އޭގެ ފަހުން އެ އަހަރުގެ ޑިސެމްބަރު 31، ގައި ވެސް ލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އެވެ. އަދި 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ހަމަ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ނޮވެމްބަރު މަހު ރަސްމީ ދަތުރުފުޅެއްގައި ވެސް ރައީސްގެ ދެކަނބަލުން ސްރީ ލަންކާއަށް ވަޑައިގެންނެވި އެވެ.













