މި ސަރުކާރުން ފަށާ ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އެންމެ ބޮޑު މަޝްރޫއުގެ މަސައްކަތާއެކު, ރާއްޖެ މިއަދު ފުރޮޅިގެން މި ދަނީ ތަރައްގީގެ މުޅިން އާ މަރުހަލާއަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖޭގައި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިންމާލެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ސަރުކާރު އައިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ގާއިމްވެފައި އޮތީ 37 ރަށެއްގަ އެވެ. ނަރުދަމާ އޮތީ 69 ރަށެއްގަ އެވެ.
މި ސަރުކާރުން ހަވާލުކޮށްގެން މި ވަގުތު 48 ރަށެއްގަ ނަރުދަމާގެ މަސައްކަތް ކުރިއަށްދާއިރު, 60 ރަށެއްގައި ފެނުގެ ނިޒާމްގެ މަސައްކަތް ކުރިއަށްދެ އެވެ. އަދި 32 ރަށެއްގައި ނަރުދަމާ އަދި 53 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް ޖުމްލަ 5.8 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ނުވަ ރަށެއްގައި ނަރުދަމާ އަަދި އަށް ރަށެއްގައި ފެނުގެ މަޝްރޫއު ވަނީ ނިންމާފަ އެވެ.
މިހާތަނަށް 16 ރަށެއްގެ ނަރުދަމާ އާއި 23 ރަށެއްްގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އޮތީ ހަވާލުނުކުރެވި އެވެ. ނަމަވެސް, މިއަދު ވަނީ އެ މަޝްރޫއުތައް ވެސް އެކި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގައި ހިމެނޭ ރަށްތަކަކީ މިހާރު ރާއްޖޭގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ނެތް ހަމައެކަނި ރަށްތައް ކަމުން މަޝްރޫއުގެ އަމަލީ މަސައްކަތް ނިމޭއިރު ރާއްޖޭގައި ނަރުދަމާގެ ނިޒާމް ނެތް ރަށެއް ނޯންނާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ކުރި ފަރަގެއް، ތަފާތެއް، ނޯންނާނެ ކަމަށެވެ.
މިއަދަށް ފަހު ފެނާ ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖެއަކު ނޯންނާނެކަން ރައީސް ފަހުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.
މިއަދުގެ މި ހަފްލާ އަށްފަހު ދިވެހިރާއްޖެ ފުރޮޅި އިންގިލާބް ވެގެން އެދަނީ ތަރައްގީގެ، މުޅިން އެހެން މަރުޙަލާ އަކަށް," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި, "ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް އެއީ ކަމަށް ބޭނުންވާ އިމާރާތްތަށް އުފުލި, މެޝިނަރީ ގެނެވި, ހޮޅިތަށް ވަޅުލެވި, ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅިރާއްޖެ، އެކުއެކީ ހިނގާން ފެށުން," އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ދެއްކި ވާހަކައަކީ، އަދިވީ ވައުދަކީ ވެސް އެއީ މިއަދަކީ އެ ވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލާ، ކަންކަށިން ފޮނުފޮޅާލާ ދުވެލި ހަރުކުރި ދުވަސް," ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ ކަމުގައި ބުނެލަން ފަސޭހަޔަސް ހަގީގަތުގައި އެއީ ނުހަނު ބުރަ، އަދި އެހާމެ ބޮޑު ކަމެއް ކަމަށެވެ. ކިތަންމެހާވެސް ގިނަ ފައިސާ ސަރުކާރުން ހަރަދު ކުރާން ޖެހޭ ކަމެއް ކަމަށެވެ.
ވޭތުވެ ދިޔަތަނުގައި އައި ސަރުކާރުތަކަށް ނިންމިފައިވަނީ 69 ރަށުގެ ނަރުދަމާ އާއި 37 ރަށެއްގެ ފެނުގެ ނިޒާމެވެ.
"އެ ހުރިހާ ސަރުކާރުތަކަށާ ވެރިންނަށް މިއަދު އަޅުގަނޑު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން, ސަބަބަކީ އެބޭފުޅުން އެކަން ކުރައްވާފައިނުވި ނަމަ ބާކީ މުޅިރާއްޖެ އެކުއެކީ، އެއްފަހަރާ ނިންމާލުމަށް ކޮންމެވެސް ވަރެއްގެ އިތުރު ތަކުލީފެއް އަޅުގަނޑުމެން އުފުލާން ޖެހުނީސް," ރައީސް ވިދާޅުވި އެވެ.
"ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަކީ އަޅުގަނޑު ދޫކުރާނެ ކަމެއް ނޫން, ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ,"
ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީ ވެސް ގައިންތާހިރުވެ ތިބެ ކަމަށް ވިދާޅުވީ އެމަނިކުފާނު ކަމަށާއި މިހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި ދެންނެވީ އެމަނިކުފާނު ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އަޅާނެ ކަމުގެ ވައުދުވީ ވެސް ހަމަ އަޅުގަނޑު, ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައިކަމުގައި ބުނާ ދުރޫސުލް އަހްލާގްގެ ފިލާވަޅު އަދިވެސް އަޅުގަނޑުގެ ހަނދާނުގައި ހުރޭ, އެއީ އޭގެ ޒާތުގައި މައުނަވީ ވާޖިބެއް, ނުވާނެކަމުގެ ފާޑުކިއުމާ، އަދި އިތުރަށް ވިސްނާލުމުގެ ނަސޭހަތާ މަޝްވަރާ އެތަށް ގޮތަކުން އަޅުގަނޑަށް ލިބުނު, އެހެން ނަމަވެސް ވާޖިބަކަށް ވައުދުނުވެ ހުންނާކަށް އަޅުގަނޑުގެ ޒަމީރު ޖާގައެއް ނުދިން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުން އަހަރެއް ވީތަނާހެން މުޅިދުނިޔެ ހުއްޓުނު ކަމާއި ކޯވިޑްގެ ބަލިމަޑުކަމުގެ ދަންތުރައިގާ ހުރިހާ ގައުމެއް ބެދުނު ކަމަށެވެ. ނަމަވެސް, މިބަލިމަޑު ކަމަކީ ކުރުން ލާޒިމް ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެހެނެއް ނުވެސް ހަދަމު, އޭގެ އެންމެ ސާފުސާދާ ހެތްކާ، ދަލީލާ ހުއްޖަތު ސަރުކާރުން މިއަދު މިވަނީ ގާއިމު ކޮށްފައި," ރައީސް ވިދާޅުވި އެވެ.












