ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ހިތް ކަމަށްވާ ކ. މާފުށްޓަށް، 128 މިލިއަން ރުފިޔާ ހޭދަކޮށްގެން ސަރުކާރުން އިތުރުކޮށްދިން ބިމާއި ޕިކްނިކް އައިލެންޑާ އެކު ނިމުނީ ނޫން ކަމަށާއި އަންނަ އަހަރު ބަނދަރު ބޮޑުކޮށް ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ޕްލޭން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބިމާއި، ޕިކްނިކް އައިލެންޑް، ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާފުށީ ކައުންސިލުން މިތަނުގެ ލޭންޑް ޔޫސްޑް ޕްލޭން ހަދަމުން ގެންދާނީ، މާފުށީގެ ރައްޔިތުންނާ މަޝްވަރާކޮށް، މާފުށީގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ، މި ކަންތައްތައް ކުރަމުންދާއިރުގައި، ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން ބޭނުންވާގޮތަށް، އެ ކަންތައްތައް ކޮށްދިނުން. ޕިކްނިކް އައިލެންޑްގެ ބޭނުންވެސް ރައްޔިތުންނަށް ހިފެންޖެހޭނެ. ހިއްކި ބިމުގެ މަންފާވެސް، ފައިދާވެސް ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ ހޭދަކޮށްގެން މި ތަރައްގީ ގެނައީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރަށަށް ކުރި ދަތުރުގައި ރައްޔިތުން އެކަމަށް އެދުމުން ކަމަށާއި ރައްޔިތުންގެ އެ ދުވަހުގެ އެންމެބޮޑު ބޭނުމަކަށްވެފައި އޮތީ، ރަށަށް ބިން އިތުރުކުރުން ކަމަށެވެ.
"ދިރިއުޅޭނެ ބިންހުރި، ގޯތި ދެވޭނެގޮތެއް ނެތިފައި އޮތް ކަމުގެ ޝަކުވާ، ރައްޔިތުން އެ ދުވަހު ކުރަމުންދިޔައީ. ހަމަ އެއާއެކީގައި، މި ރަށަކީ ލޯކަލް ޓުއަރިޒަމް ތައާރުފްވެ، ފައްކާވަމުން އަންނަ ރަށަކަށްވާތީ، އެކަމަށް ބޭނުންވާ ބިމާއި، އެހެނިހެން ހިދުމަތްތައް އިތުރަށް ބޭނުންވާ ކަމަށް، އެ ދުވަހު ރައްޔިތުން އެދެމުންދިޔައީ. އަޅުގަނޑު އެ ދުވަހުވެސް ދެންނެވި ފަދައިން، އިރާދަކުރެއްވީތީ މިއަދު މިވަނީ އެކަން ފުރިހަމަކުރެވި، ރައްޔިތުންނާ ހަވާލުކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބާރުތައް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާ އިރު އޭގެ ތެރެއިން ކައުންސިލުން މިތަންތަނުގެ ބޭނުންކުރަމުންދާއިރުގައި، އެދުމަކީ، ރައްޔިތުންނަށް ފައިދާވާގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާގޮތަށް މިކަން ރާވައިގެން ކުރިއަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާފުށީގެ ރައްޔިތުންނަށާއި، ޓުއަރިޒަމް ތަރައްގީ ކުރުމަށްޓަކައި އިތުރަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށާއި އެގޮތުން ސިއްހީ ނިޒާމު ރަނގަޅުވާން އެބަޖެހޭ ކަމަށާއި ކުނި މެނޭޖް ކުރެވެން އެބަޖެހޭ ކަމަށާއި އަދި ބަނދަރު މިއަށްވުރެ ފުރިހަމަވާން އެބަޖެހޭ ކަމަށެވެ.
"މިއަދުވެސް އަޅުގަނޑު ބަލައިލިއިރުގައި، މި ރަށުގައި 1600 އަށްވުރެ ގިނަ ޓޫރިސްޓުން މިވަގުތު ވެސް ރަށުގައި އެބަތިބި. ފުރާދުއްވާ އުޅަނދުފަހަރު އެހާގިނަ. ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ މި ރަށުގެ ބަނދަރު ބޮޑުކުރުމަށް ހިމަނާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވިއިރުގައި، ސިއްހީ މަރުކަޒު ހުރީ ހަމަ އޮނިގަނޑެކޭ ދެންނެވިޔަސް ރަނގަޅުވާނެ ކަމަށާއި އެހެން ނަމަވެސް، މިހާރު އެތަނުގައި ތަފާތު ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި މި ސަރުކާރުން އަންނަނީ މިހާރުވެސް އިތުރަށް ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެގޮތުން، މި އަންނަ އަހަރުގެ ތެރޭގައި ސިއްހީ މަރުކަޒުގައި، އީ.އާރު.އާއި، ޕްރައިވެޓް ރޫމްތައް ތަރައްގީ ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބައޮތް. މިހާރު އަޅުގަނޑުމެން ސިއްހީ މަރުކަޒަށް އިތުރުކޮށްފައިވާނެ، ޑެންޓަލްއާއި އެކްސްރޭގެ ހިދުމަތްތައް. މިއީ އަލަށް މި ރަށުގެ ސިއްހީ މަރުކަޒުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި ތައާރުފްވެގެންދިޔަ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.












