ރިޕޯޓުވެރިންގެ އަރުގައި "ޖަލު ކޮއްތު" ގެ ރަހައެއް މިހާރަކު ނެތް

ވެރިންގެ އަރުގައި "ޖަލު ކޮއްތު" ގެ ރަހައެއް މިހާރަކު ނެތް

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ވައުދު. މި ސަރުކާރު ހިންގަވަންތިބި ގިނަ ބޭފުޅުންނަކީ އެކި ދުވަސްވަރު ޖަލަށް ދާންޖެހި، ޖަލުގެ ހާލަތު ތަޖުރިބާކޮށްފައި ތިއްބެވި ބޭފުޅުން. އެހެންނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅުވަމުންދާތަނެއް ނުފެނޭ.

މާފުށީ ޖަލުގެ ގޮޅިއެއްގެ ތެރޭގައި ގައިދީންތަކެއް ހަރަކާތްތެރިވަނީ: ޖަލު އިސްލާހު ކުރުމަކީ ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާންގެ ވައުދުފުޅެއް -- ފޮޓޯ: ސްކްރީން ކެޕްޗާ
މާފުށީ ޖަލުގެ ގޮޅިއެއްގެ ތެރޭގައި ގައިދީންތަކެއް ހަރަކާތްތެރިވަނީ: ޖަލު އިސްލާހު ކުރުމަކީ ރައީސް ސޯލިހާއި ހޯމް މިނިސްޓަރު އިމްރާންގެ ވައުދުފުޅެއް -- ފޮޓޯ: ސްކްރީން ކެޕްޗާ

"މިއީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫކޮށްނުލާނަން. މި ރިޕޯޓުގައި ފާހަގަކުރެވުނު ކަންކަމަށް ބަލައި ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ އިރާދަކުރެއްވިއްޔާ މި ރިޕޯޓުކަމުގައި ހަދާނަން،" ޖަލު އޮޑިޓް ކޮމިޝަނުން ތައްޔާރުކުރި 290 ސަފުހާގެ ރިޕޯޓާ ހަވާލުވެވަޑައިގަތުމަށްފަހު މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މި ވާހަކަ ވިދާޅުވީ އޭޕްރިލް 15، 2019 ގަ އެވެ.

މި ސަރުކާރުގެ އިންތިޒާމުތައް ރޭވި، ބޮޑު ކޯލިޝަންގެ ގުޅުންތައް ވެސް އުފެދިގެން އައީ ޖަލުގެ ތޭރިތަކުގެ ފުރަގަހުންނޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ސަރުކާރުގެ މަތީ ފަޑީގައި ގިނައީ ޖަލު ކޮއްތު ތަޖުރިބާކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. ޖަލުތައް އިސްލާހުކުރުމަކީ މި ސަރުކާރުގެ ބޮޑު ވައުދަކަށް ވީ ވެސް އެހެންވެގެންނެވެ. ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ޖަލުތަކުގައި ކުރެއްވި ހިތި ތަޖުރިބާގެ ސަބަބުންނެވެ.

ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ ބޮޑު ވައުދެކެވެ. ސަރުކާރާ ހަވާލުވެވުމާއެކު އެ މަސައްކަތުގެ ފިޔަވަހިތައް އިއުލާނުކުރެވި، އިންތިޒާމީ ތަރުތީބެއްގެ ތެރެއިން މަސައްކަތްތަކެއް ވެސް ފެށުނެވެ. ފެށުނު މަސައްކަތްތަކާއި ނެރެވުނު ނަތީޖާތަކަށް ބަލާލާއިރު ފެންނަނީ އުއްމީދުކުރި ކަހަލަ މަންޒަރެއް ނޫނެވެ.

ޖަލު އޮޑިޓް ކޮމިޝަން އެކުލަވާލުން

ޖަލުތަކުގައި އިސްލާހުކުރަން ހުރީ ކޮން ކަމެއްކަން އެނގޭނީ ބެލީމަ އެވެ. އެހެންވެ، މިހާރުގެ ހޯމް މިނިސްޓަރު މަގާމާ ހަވާލުވެވަޑައިގަތުމާއެކު ރަސްމީ މަސައްކަތެއްގެ ގޮތުން ފުރަތަމަ ކުރެއްވި ކަމަކީ ވެސް ޖަލު އޮޑިޓްކުރުމަށްޓަކައި ކޮމިޝަނެއް އެކުލަވާލެއްވުމެވެ. ހަތް މެންބަރުންގެ މައްޗަށް ހިމެނޭ ކޮމިޝަން އެކުލަވާލައި މަސައްކަތް ހަވާލުކުރީ ޑިސެމްބަރު 18، 2018 ގަ އެވެ.

އެ ކޮމިޝަނަށް އައްޔަނުކުރެއްވީ މުރާލި ބައެކެވެ. ހަވާލުކުރެވުނު މަސައްކަތް ނިންމައި އޭޕްރިލް 15، 2019 ގައި ހޯމް މިނިސްޓްރީއަށް ރިޕޯޓު ހުށަހަޅައިފި އެވެ. އެކި ގިންތީގެ ޖަލުތަކަށް ޒިޔާރަތްކުރި އެވެ. ކުރިން ހޯދިފައި ހުރި މައުލޫމާތުތައް އަލުން ބަލައި ދިރާސާކުރި އެވެ. ގައިދީންނާއި ޖަލު އޮފިސަރުންނާއި ވަކީލުންނާ ވެސް އިންޓަވިއު ކުރި އެވެ. މި ހުރިހާ މަސައްކަތެއްކޮށް ނިންމާލީ ކޮމިޝަން އެކުލަވާލެވުނުތާ އެންމެ 119 ދުވަހުގެ ތެރޭގަ އެވެ.

އެ ރިޕޯޓު ލިބިވަޑައިގަތުމުން އެކަމާ ނުހަނު އުފާކުރައްވައި މިނިސްޓަރު ވިދާޅުވީ، މައްސަލަތަކަކީ ކޮބައިކަން ވަރަށް ބޮޑަށް ސާފުވެއްޖެކަމަށާއި ހައްލުކުރުމުގެ މަގުޗާޓު ވެސް އެކުލަވާލެވިއްޖެ ކަމަށެވެ. ޖަލުތަކުގައި އިސްލާހުކުރަންޖެހޭ ކަމަށް ކޮމިޝަނުން ހުށަހެޅި 182 މައްސަލައަށް ހައްލު ގެނައުމަކީ ފެންބޮއިފަ ވައެއްލުން ވަރުގެ ކަމެކޭ މިނިސްޓަރުގެ ވާހަކަފުޅު އަޑުއަހާލުމުން ހީވި އެވެ.

މަންޑޭލާ ރޫލްސް ތަރުޖަމާކުރުން

ޔޫއެން ސްޓޭންޑަޑް މިނިމަމް ރޫލްސް ފޯ ދަ ޓްރީޓްމެންޓް އޮފް ޕްރިސަނާސް ނުވަތަ މަންޑޭލާ ރޫލްސް ގެ ނަމުގައި އދ. ގެ ޖެނެރަލް އެސެމްބްލީ އިން ޑިސެމްބަރު 17، 2015 ގައި ގަވާއިދުތަކެއް ފާސްކޮށްފައި އޮވެ އެވެ. އިންސާނީ ކަރާމާތް ހިފެހެއްޓުމާއި ތަފާތުނުކުރުމާއި އާންމު ސާފު ތާހިރުކަން ކަށަވަރުކުރުމާއި ގައިދީއަކު ލަދު ގަންނަންޖެހޭ ފަދަ ހާލަތުތައް ކުރިމަތި ނުކުރުވުން ފަދަ އަސާސްތަކުގެ މައްޗަށް އެކުލަވާލައިފައި އޮތް މައިގަނޑު 122 ގަވާއިދެކެވެ.

މި ގަވާއިދުތަކާ އެއްގޮތަށް ރާއްޖޭގެ ޖަލުތައް އިސްލާހުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވީ ފެބުރުއަރީ 7، 2019 ގަ އެވެ. އެއާއެކު ފެށުނީ އެ ގަވާއިދުތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތެވެ. އެ ބިޔަބޮޑު މަސައްކަތް ނިންމާލީ ހޯމް މިނިސްޓްރީއަށް އެކަނި ނުވެގެން، ޔޫއެންއޯޑީސީ އާ ވެސް ގުޅިގެންނެވެ. ތަރުޖަމާ ފުރިހަމަކޮށް ހޯމް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރެވޭވަރު ވީ ޖުލައި 18، 2020 ގަ އެވެ.

ގައިދީއަކު ގޮޅީގައި ފޮތެއް ކިޔަނީ: ޖަލުގައި ކިޔައި، ލިޔެވޭނެ ގޮތެއް ނުހުރޭ  --ސްކްރީން ކެޕްޗާ
ގައިދީއަކު ގޮޅީގައި ފޮތެއް ކިޔަނީ: ޖަލުގައި ކިޔައި، ލިޔެވޭނެ ގޮތެއް ނުހުރޭ --ސްކްރީން ކެޕްޗާ

ގައިދީއަކު ގޮޅީގައި ފޮތެއް ކިޔަނީ: ޖަލުގައި ކިޔައި، ލިޔެވޭނެ ގޮތެއް ނުހުރޭ --ސްކްރީން ކެޕްޗާ

މަންޑޭލާ ރޫލްސްގެ ގިންތިއަށް ޖަލުތައް ގެންނާނޭ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމާއެކު، އެ ބަހަކީ ޖަލާ ގުޅުވައި ދެކެވޭ ކޮންމެ ވާހަކައެއްގައި ވެސް ކޮންމެވެސް ހިސާބަކުން ބޭނުންކުރަންޖެހޭ ލަފުޒަކަށް ވި އެވެ. ރައީސްގެ ވައުދުފުޅާ ގުޅިގެން އެ ބަދަލު ހަމަ ޔަގީނުންވެސް އައެވެ. މާލޭ ޖަލުތަކުގެ ޖާގަ އިތުރުކުރައްވާނީ މަންޑޭލާ ރޫލްސްއާ އެއްގޮތަށްކަމަށް ކަރެކްޝަނަލް ސަރވިސްއިން އިއުލާނުކުރީ އޭޕްރިލް 29، 2019 ގަ އެވެ.

އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ބަސް

ޖަލުތައް ލައްކަ ބޮޑަށް އިސްލާހުކުރެވިއްޖެ ކަމަށް ދެކި، ދުނިޔެއަށް މިސާލު ދެއްކުމަށްޓަކައި ހޯމް މިނިސްޓްރީން ދައުވަތު ދެއްވީ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނޭ ކިޔުނު ކޮމިޓީ އަށެވެ. އެވެރިންގެ ބަޔަކު ރާއްޖެ އައިސް 10 ދުވަހުގެ ތަހުގީގަކަށްފަހު ޖަލު އިސްލާހުކުރުމުގެ މަސައްކަތަށް ދިނީ އެފް ރިޕޯޓެކެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްދުން ނައްޓާފައިވާ ކަމަށާއި ބޭސް ފަރުވާ ހޯދުމާއި ކަސްރަތު ކުރުން ފަދަ އިންސާނީ ހައްގުތަކުން ގިނަ ގައިދީން މަހްރޫމްކޮށްފައިވާ ކަމަށް ބުންޏެވެ.

އެ ވާހަކަ ހޯމް މިނިސްޓްރީއަކަށް ވެސް، ކަރެކްޝަނަލް ސަރވިސްއަކަށް ވެސް އަޑުއިވުނުކަމަކަށް ނުހެދި އެވެ. އެކަމާ ގުޅުވައި ކުޑަމިނުން 'އެހެންދޯ' އޭ ވެސް ވިދާޅެއް ނުވި އެވެ. ގަތް ލަދެއްގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެ އެވެ.

ޖަލުތަކުގެ މިހާރުގެ ހާލަތު

މާބޮޑަށް ނުފިތޭނޭ ވަރަށް ބަލައިގެން ޖާގަ ހެދީމާ މިވަގުތު މާފުށީ ޖަލުގައި ބޭތިއްބޭނީ 750 ގައިދީންނެވެ. ތިބި ގައިދީންގެ އަދަދަކީ 844 އެވެ. މާލޭ ޖަލަށް ތަކަނީ 158 ގައިދީންނެވެ. 202 ގައިދީން މި ވަގުތު ވެސް އެތަނުގައި އެބަތިއްބެވެ. އައްސޭރި ޖަލުގައި 320 ގައިދީން ބޭތިއްބޭނެ އެވެ. އަދި ތިބީ 213 ގައިދީ އެކެވެ. ހުޅުމާލޭ ޖަލުގައި 63 ގައިދީންގެ ޖާގަ ހުރިއިރު ތިބީ 52 ގައިދީންނެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޖާގައަކީވެސް އަދި ތިބި އަދަދަކީވެސް 40 އެވެ. ދޫނިދޫ ކަސްޓޯޑިއަލްގެ ހިސާބެއް ލިބޭ ގޮތެއް ނުވި އެވެ. ހަތަރެއް ނުވަތަ ފަސް ސަތޭކައަށްވުރެ މަދުވެދާނެއޭ ހިއެއް ނުވެ އެވެ.

މަންޑޭލާ ރޫލްސްގެ އަސާސްތަކާއި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ހުރި ވާހަކަތަކާއި ދިވެހިރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނު ހިތްޕުޅަށް ގެންނަވައި ތިރީގައި މިވާ ވާހަކަތައް ވިދާޅުވާށެވެ. ޖަލުގެ ހާލަތު ތަސައްވުރުކޮށްލެވޭނެ އެވެ.

ގައިދީންނަށް މާފުށީގައި ކެއުން ތައްޔާރު ކުރަނީ: ޖަލުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ -- ފޮޓޯ: ސްކްރީން ކެޕްޗާ
ގައިދީންނަށް މާފުށީގައި ކެއުން ތައްޔާރު ކުރަނީ: ޖަލުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ -- ފޮޓޯ: ސްކްރީން ކެޕްޗާ

ގައިދީންނަށް މާފުށީގައި ކެއުން ތައްޔާރު ކުރަނީ: ޖަލުގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ -- ފޮޓޯ: ސްކްރީން ކެޕްޗާ

ކޮންމެ ޖަލެއްގައި ވެސް މީހުން ބަންދުކުރެވޭނީ އެމީހެއްގެ ސަލާމަތީ ގިންތި ދަރަޖަ ކުރުމަށްފަހުގައި ކަމަށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގައި ލިޔެފައި އޮވެ އެވެ. އެހެންނަމަވެސް އެ ގާނޫނުގައި އެ މާއްދާ ލިޔުނު ފަހުން މިހާތަނަށް އެންމެ ފަހަރަކު ވެސް އެ މާއްދާއަށް އަމަލުކޮށްފައެއް ނުވެ އެވެ. ނަތީޖާއަކީ ބަންދުކުރެވޭ މީހުންގެ ސަލާމަތީ ގިންތިއަށް ބެލުމެއްނެތި މަސްހުނިކޮށް ބަންދުކުރެވުމުގެ ސަބަބުން ޖަލުގައި ހަމަނުޖެހުންތަކަށް މަގު ހުޅުވުމެވެ. ލޯޝަންފުޅި ވަގަށް ނެގި މީހާ ވެގެންދަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހާގެ ދަރިވަރަކަށެވެ. 6 މަސްދުވަހުގެ ހުކުމަށްފަހު ޖަލުން ނުކުންނަނީ އެހެން ކުށަކަށް އަރައިގަތުމަށް ތައްޔާރުވެފައިހުރި ވާންއުޅޭ ކުށްވެރިއެކެވެ.

ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ ރިމާންޑް ޖަލެއްކަމަށް ހޯމް މިނިސްޓްރީއިން ކަނޑައަޅާފައި އޮންނަނީ މާލޭގައި ހުންނަ އާންމު ޖަލު ގެ ޔުނިޓް 2 އާއި، މާފުށީގައި ހުންނަ އާންމު ޖަލުގެ ޔުނިޓް 4 އަދި ޔުނިޓް 13 އެވެ. އާންމު ޖަލޭ މިކިޔަނީ ހުކުމް ތަންފީޒުކުރާ މީހުން ތިބޭ ޖަލަށެވެ. އެޖަލުތަކުގެ އެތެރޭގައި ރިމާންޑް ޖަލެއް ނުހުންނާނެ އެވެ. ދައުލަތުގެ އެތެރޭގައި ދައުލަތެއް ނޯންނާނޭ ފަދައިންނެވެ. އެހެންނަމަވެސް އެކަމަށް ނުބަލައި މީހުން ބަންދުކުރާން ފެށުމުން، ހުކުމް ތަންފީޒުކުރަމުންދާ މީހާ އާއި ދައުވާ އުފުލިފައިވާ މީހާއާއި ތަހުގީގު ހިންގެމުންދާ މީހާ އެއޮތީ އެއްގޮޅިއެއްގަ އެވެ.

ޖަލުގައި ބަންދުކުރެވޭ ކޮންމެ ގައިދީއަކު، ކަސްރަތުކުރުމަށްޓަކައި، މަދުވެގެން ކޮންމެ ދުވަހަކު އެއް ގަޑިއިރަށް އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނެ ކަމަށް ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ 65 މާއްދާގައި ކަނޑައަޅާފައި އޮތީ ހަމައެކަނި ފޮޅުވަތްތައް ފުރާލަންކަމަށް ޖަލުތައް ބަލަހައްޓާ ވުޒާރާއަށް އޮންނަނީ ހީވެފަ އެވެ.

ދޫނިދޫގައި ނަމަ ކަސްރަތަށް ނެރެނީ ބިޑި އަޅުވައިގެންނެވެ. މާލޭގައި ހުންނަ ޖަލުގައި އެއްގޮތަކަށް ވެސް އެކަން ނުކުރަނީ އެވެ. ގޮޅީގައި ބަންދުކުރުމަށްފަހު ނެރޭނަމަ ނެރޭނީ ގައިދީންގެ ފުރާނަނެތް މަސްގަނޑުކަމަށް ހުވާކޮށްގެން ތިބެނީއޭ ހީވެ އެވެ. ގޮޅި ތެރޭގައި ކުރާނޭ ވަރަކަށް ކަސްރަތު ކުރަންވީ އެވެ.

މާލޭ ޖަލުގައި ހުންނަ ދެ މީހުންގެ ގޮޅިތަކުގައި ހަ މީހުން ބަންދުކޮށްފައި ތިބެ އެވެ. އެ ހަ މީހުން ބޭނުންކުރާނީ ހުޅުވާލެވިފައި ހުންނަ އެއް ފާހާނާ އެވެ. އޭގެ ތެރެއިން އެކަކު ފާހާނާ ކުރާއިރު އެ އިވޭ އަޑަކީ މިއުޒިކެއް ކަމަށް ހިތަށް ވިސްނައިދޭނީ އެވެ. ދުވާ ވަހަކީ މިދުނިޔޭގެ ކަމެއް ނޫނޭ ހިތާނީ އެވެ. ގައިދީއަކު އެހެން ގައިދީންގެ ކުރިމަތީގައި ލަދު ގަންނާނޭފަދަ ހާލަތަކަށް ގެންދިއުމަކީ ޓޯޗާގެ އަމަލެއް ކަމަށް އެންޓި ޓޯޗާ ގާނޫނުގައި ބުނެފައި އޮވެ އެވެ. މަންޑޭލާ ރޫލްސް، އެހެންނޫންތޯ އެވެ.

އާންމު ގައިދީއެއްނަމަ ނިދަންޖެހޭނީ ކޮންކްރީޓު އަށީގައި ކުނާ އަޅައިގެންނެވެ. ގޮދަޑިއެއް ހައްގުވަނީ ސިޔާސީ ބުރަކަށިތަކަށް އެކަންޏެވެ. ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމިގެން ނުކުންނަ މީހާ އުމުރުގެ ބާކީ ބައި މައިބަދައަށް ބޭސްކުރަން ހޭދަކޮށްލަން ޖެހުމަކީ ޖަލުތައް ބަލަހައްޓާ ވަޒީރުގެ މައްސަލައެއް ނޫނެވެ. ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ހާލަތްތަކާއި ޝަރުތުތައް މުތާލިއާކުރުމާއި މުރާޖައާކުރަމުން ގެންދިއުމާއި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލަން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) އިން ލާޒިމުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވެސް މައްސަލައެއް ނޫނެވެ.

ޖަލު ގޮޅީގައި 24 ގަޑިއިރު ބަންދުކޮށްފައި އޮންނަ، އަދި ހުރިހައި ލަދުވެތި ހާލަތަކަށް ހުށަހެޅިފައި އޮންނަ މީހާގެ ނިކަމެތިކަމާއި ސިކުނޑީގައި ހިނގާނޭ ހައިޖާނުގެ އޮއިވަރު ބަންޑުންވެގެންދާނީ ކުރިމަތިން ފެންނަން ހުންނަ އޮފިސަރަށެވެ. އެފަކީރު ގިނަފަހަރަށް ވާނީ ގާނޫނުގައި ކަން އޮތްގޮތަކާއި ވީ ގޮތަކާއި ވާންއުޅޭ ގޮތެއް ވެސް ނުއެނގިހުރި، ޒިންމާދާރު ބޭކަލަކަށެވެ. މިފަދަ ބޭކަލަކަށް ރައްދުކުރާ އިހާނެތި ބަހެއްގެ ނަތީޖާއަކަށް ވާންޖެހޭކަމަށް ގަވާއިދުތަކުގައި ކަނޑައަޅާފައި އޮތީ އިސްލާހީ ފިޔަވަޅެވެ. އާއިލާއާ ބައްދަލުކުރުން ހުއްޓުވާލެވޭނެ އެވެ. އެހެނިހެން ބައެއް އިނާޔަތްތައް ވެސް ހިފެހެއްޓެ އެވެ.

ހައްލެއް ހޯދުން މަޖުބޫރު

މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ޑިސެމްބަރު 24، 2019 ގަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ. "ޖަލަށްލުމަށް ކުރެވޭ ހުކުމް އެ ނޫން އަދަބަކަށް ބަދަލުކުރުމަކީ ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާ ހުއްދަކުރާކަމެއް. އެކަމަށް ފަހިކުރުމަށް ޕީޖީ އޮފީހުން މި ގެންދަނީ ބަންޑާރަނައިބުގެ އޮފީހާއި ހޯމް މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރަމުން. ޖަލުތަކުގެ ތޮއްޖެހުމަށް އެންމެން ގުޅިގެން ހައްލެއް ހޯދަންޖެހޭ."

ޑިސެމްބަރު 24، 2019 އިން ފެށިގެން ބެލީމާ މިއަދާ ހަމައަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޕްރޮސިކިއުޓާ ޖެނެރަލް އާއި ބަންޑާރަ ނައިބާއި ހޯމް މިނިސްޓަރު ގުޅިގެން އެ ހޯއްދަވާ ހައްލުގެ މަސައްކަތް އޮތް ހިސާބު އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ރިޕޯޓުން އެއޮތީ ފެންނާށެވެ.

ނިންމާލުމުގެ ކުރިން ވާހަކައެއް ހިއްސާކޮށްލާނަމެވެ. 2017 ވަނަ އަހަރު، ދޫނިދޫ ކަސްޓޯޑިއަލްގައި އޮތް އަޅުގަނޑުގެ މުވައްކިލަކު ޝަކުވާއެއް ކުރި އެވެ. ދޫނިދޫގައި މަދިރި ހަފާވަރުން ކެތް ނުވަނީ އެވެ. މަދިރި ދުންދަނޑި ލިބެނީ އިރުއޮއްސި ހައެއް ޖެހީމަ އެވެ. ލިބޭނީ އެންމެ ދުންދަނޑިއެކެވެ. މަދިރި ހަފަނީ ދުންދަނޑި ދޭ ތާވަލަށް ބަލައިގެން ކަމުގައި ނުވާތީ އެ ދޭ ދުންދަނޑިއަކީ ހައްލަކަށް ނުވެ އެވެ. މަދިރި ލޯޝަނަކީ ދޫނިދޫއަށް ފޮނުވުން މަނާ އެއްޗެކެވެ. އެހެން މުވައްކިލަކު ކުރި ޝަކުވާއަކީ އޭނާއަކީ ބުރަކަށީގައި ރިހުމެއް ހުންނަ މީހަކަށްވާއިރު، ކޮންކްރީޓް އަށީގައި ނިދަންޖެހުމުގެ ޝަކުވާ އެވެ.

އެ ވާހަކަ އަޑުއަހައި އަޅުގަނޑު ފުލުހުންގެ އިދާރާއަށް ލިޔުނީމެވެ. ބޮޑެތި ސިންގާހާ ރިސޯޓުތަކާއި ފަޅުރަށްތަކުގައި ވެސް މަދިރި ކޮންޓްރޯލް ކުރެވޭއިރު ދޫނިދޫގައި އެކަން ނުކުރެވޭންވީ ކީއްވެތޯ ސުވާލުކުރީމެވެ. ޖަލުގައި ބަންދުކުރުމުގައި މުޖުތަމައުއިން އެކަހެރިވުން ފިޔަވައި އެހެން އަދަބެއް ލިބިގެން ނުވާނޭ ކަމަށް ގާނޫނުގައި އޮތްއިރު، ކޮންކްރީޓް އަށީގައި ނިދަން ޖައްސުވަންވީ ކީއްވެގެންތޯ އެހީމެވެ. ގައިދީ އަމިއްލައަށް ހަރަދުކުރާ ގޮތަށް ނަމަވެސް ގޮދަނޑިއެއް އިންތިޒާމުކޮށްދެވެން ނެތްތޯ ސުވާލުކުރީމެވެ. ސިޓީއަށް ޖަވާބެއް ވެސް ނުލިބުނެވެ.

އެހެން އެކަން ހިނގާފައި އޮއްވައި، ފެބުރުއަރީ 1، 2018 ގަ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ބޮޑުންތަކެއް ހައްޔަރުކުރެވުނެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބޭކަލުންގެ ވަކީލަކަށް ވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. މިފަހަރު އަޅުގަނޑުގެ މުވައްކިލުންގެ ތެރޭގައި ހިމެނުނު ފުލުހުންގެ އިސް، ވަރަށް އިސް ބޭކަލަކު ޖަލުގެ ހާލަތާ ގުޅިގެން ޝަކުވާތަކެއް ކުރެއްވި އެވެ. "މިވަރަށް މަދިރި ހަފާއިރު ވެސް ދެނީ ދުވާލަކަށް އެންމެ ދުންދަނޑި އެކޭ" ވިދާޅުވި އެވެ. "މިއުޅެނީ ޑޮކްޓަރަށް ދައްކައިގެންވެސް ގޮދަނޑިއެއް ލިބޭނޭ ގޮތް ހަމަނުޖެހިގެންނޭ" ވިދާޅުވިއިރު އެ ބޭފުޅާއަށް ހުންނެވުނީ ކޮންމެވެސް ވަރަކަށް ފެންކަޅި ވެފަ އެވެ. އަޅުގަނޑު ތި ޝަކުވާ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާނަމޭ ދެންނެވީ ނުހޭން ކުރެވުނުހައި މަސައްކަތެއް ކުރަމުންނެވެ.

މާދަމާ ވެސް އޮއިވަރު ބަދަލުވެދާނެ އެވެ. މިއަދު ބަންދުކުރާ މީހާއަކީ މާދަމާ ބަންދުގައި އޮންނާނޭ މީހާކަމަށް ވެސް ވެދާނެ އެވެ. މިކަން ފަހުގެ ތާރީހުގައި ކިތަންމެ ފަހަރަކު މިވަނީ ތަޖުރިބާ ކުރަންޖެހިފަ އެވެ. އަލުން ޖަލަށް ދާންޖެހިދާނޭ ކަމަށް ދެކިގެން ނަމަވެސް ޖަލުގެ ހާލަތު ރަނގަޅުކުރުމަކީ މަޖުބޫރު ވެފައި އޮތް ކަމެކެވެ. މިކަން މިއަދުގެ ސަރުކާރަށް ނުވިސްނޭނަމަ، އެކަން ވިސްނޭނޭ ސަރުކާރެއް ދެން ނުއުފެދޭނެ އެވެ.

މަހްފޫޒް ސައީދު

ލިޔުންތެރިޔާ

މަހްފޫޒް ސައީދަކީ ގާނޫނީ ވަކީލެކެވެ. ރާއްޖޭގައި ފަހަކަށް އައިސް ހިނގައިދިޔަ ސިޔާސީ ބޮޑެތި ގިނަ މައްސަލަތަކުގެ ޝަރީއަތްތަކުގައި އޭނާ ވަނީ ވަކާލާތުކުރައްވައިފަ އެވެ. އޭނާ އަކީ ލިއުންތެރިއެއް ވެސް މެ އެވެ. ރާއްޖޭގެ ގާނޫނީ ހަޔާތުގެ އެ ދުވަސްވަރާއި މިދުވަސްވަރުގެ ކަންކަން ދިރާސާކޮށް އޭނާ ގަވާއިދުން ބްލޮގް ލިއުއްވަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox