ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރު އޮފީސްތަކުގެ އެއްބާރުލުން އެމަނިކުފާނަށް ބޭނުންފުޅުވާ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ ޕްރޮގްރާމް ފައްޓަވައިދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ހާސިލްކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލްވެވޭނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ސިވިލް ސާވެންޓުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
އަދި އެމަނިކުފާނު ވެ ވަޑައިގަތް ވައުދުތަކަކީ ވަކި ފަރުދަކަށް ނުވަތަ ނުވަތަ މުއައްސަސާއަކަށް އެކަނި ފުރިހަމަ ނުކުރެވޭނެ ވައުދުތަކެއް ކަމަށް ވިދާޅުވި އެވެ.
""ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، ސިވިލް ސަރވިސް މުވައްޒަފުން ގޮވައިގެން، އެ ބޭފުޅުންގެ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން، ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިން، ސަރުކާރުގެ ވައުދުތައް ފުއްދައިދިނުމަށް، އެންމެން އެކުގައި އަތުކުރި އޮޅާލަމާ ހިންގަވާށޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ސިޔާސަތެއް ކަނޑައަޅައިގެން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބަސް ކިޔާ، އަމަލީ ގޮތުން ހުރިހާ ކަމެއްގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބީ ސިޔާސީ ފަރާތްތައް ކަމަށާއި، އެކަމުގައި އެހީވާން ތިބީ ސިވިލް ސާވެންޓުން ކަމަށް ވިދާޅުވި އެވެ.

ރައީސް ދެކިވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ނުކުރެވިއްޖެ ނަމަ، އެ ފެއިލް ވަނީ އެ ޒިންމާއެއް މަތިކުރެވިފައިވާ މުޅި އޮފީހުގެ މުވައްޒަފުންނެވެ.
"ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެ ފެއިލްވަނީ އެ އޮފީހުގެ ސިވިލް ސާވިސް މުވައްޒަފުންނެއް ނޫން. އެ ފެއިލްވަނީ މުޅި އޮފީސް. ސަބަބަކީ، އޮފީސް ހިންގަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ސިވިލް ސާވަންޓުން ގުޅިގެން ކަމަށްވާތީ," ރައީސް ވިދާޅުވި އެވެ.
"ކުރުކޮށް ދަންނަވާނަމަ، ސަރުކާރު މި ހިނގަނީ، ސިވިލް ސާވިސް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން އެކުވެގެން އުފެދިފައި އޮންނަ އެއް އިންޖީނަކުން. އެ އިންޖީނު އޭގެ ފުރިހަމަ ބާރުގައި ހިނގާނީ، މި ދެ ބައިގެ މެދުގައި ވަރަށް ރަނގަޅު، ވަރަށް ބަދަހި ގުޅުމެއް އޮވެގެން."
ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ސިޔާސީ ޕާޓީއެއް ބެލުމަކީ ސިވިލް ސާވެންޓުންގެ ދައުރެއް ނޫނެވެ. ސަރުކާރު މުވައްޒަފުންގެ ދައުރަކީ އޭރެއްގެ ސަރުކާރެއްގެ ސިޔާސަތުތައް އެއްބާރުލުންދީ އެ ބައެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެއްބާރުލުންދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ގަބޫލުކުރައްވާ ގޮތުގައި މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް، އެއިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސާވިސްގެ މުހިންމުކަން ބޮޑުވަނީވެސް އެ ސަބަބަށްޓަކާ އެވެ.
ރައީސް ދެކެން ބޭނުން ވަނީ ސަރުކާރުގެ ހިދުމަތްތައް ރައްޔިތުން ބަލައިގަންނަ ދުވަހެއް
"އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް އޮވޭ. އެއީ، ދައުލަތުގެ އޮފީސްތަކުން އަދި ވަކިން ހާއްސަކޮށް، ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ހިދުމަތްތަކަކަށް ވެގެންދާ ދުވަސް," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މި ހުވަފެން ހަގީގަތަކަށް ހެދޭނީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންނެވެ. އެކަން ކުރުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށާއި، ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ އޮފީސްތަކަކީ މިހާރަށްވުރެ ފުރިހަމައަށް އަދި ބަރާބަރަށް ހިދުމަތްދޭ ތަންތަނަށް ހެދުމަށްޓަކައި، ޒަމާނީ ޓެކްނޯލޮޖީގެ ބޭނުން ހިފުމަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ގޮވައިލަން." ރައީސް ވިދާޅުވި އެވެ.
އެގޮތުން މި ހިދުމަތާއެކު ސަރުކާރު އޮފީސްތަކުގެ އިސްވެރިންގެ ޒިންމާ ކުރިއަށްވުރެ ބޮޑުވެއްޖެ ކަމަށާއި، ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ މިންވަރު އިތުރުވެއެޖެ ކަމަށާއި، އަޑުއަހަންޖެހޭ ޝަކުވާތައްވެސް ގިނަވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އިތުރުވެއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.













