ރިޕޯޓު"އިންޑިއާ އައުޓް" އާ ދެކޮޅަށް ކޯލިޝަނުން ކައްތިރި ވިއްދާފައި!

"އިންޑިއާ އައުޓް" އާ ދެކޮޅަށް ކޯލިޝަނުން ކައްތިރި ވިއްދާފައި!

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމްވެ ތިބި ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ވެސް އެ ތިން ޕާޓީން ކުރިތަނެއް މީގެ ކުރިން މާބޮޑަށް ފެނިފައެއް ނެތެވެ.

"އިންޑިއާ އައުޓް" އާ ދެކޮޅަށް ކޯލިޝަނުން ކައްތިރި ވިއްދާފައި!

އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން ތިއްބަސް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް އިން އެ ތިން ޕާޓީގެ ލަގަން، ކޯލިޝަނަށް ދޫކޮށްލިތަނެއް ނުފެނެ އެވެ. އެމްޑީޕީގެ ބައެއް ސިޔާސަތުތަކަށް އެ ތިން ޕާޓީން ދެކޮޅު ހަދަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްބާރުލުން ދިނުމާއި، ސިޔާސީ ގޮތުން އެމްޑީޕީއަށް މަދަދުކުރުމަކީ އެއް ކަމެއް ކަމަކަށް ކޯލިޝަން ޕާޓީތަކުން ދެކޭ ކަމަށް ބެލެވޭކަށް ނެތެވެ.

ހިޔާލު ތަފާތުވާ ކަންކަމުގައި އެމްޑީޕީއާ ދެކޮޅަށް އެ ތިން ޕާޓީ ނުކުމެފައި ވެސް އެބަހުއްޓެވެ. ހާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބައެއް އިސްނެންގެވުންތަކަށެވެ. އަގީދާއާ ގުޅުވައި ނަފުރަތު އުފެއްދުން ހުއްޓުވަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހާ މެދު ކަންކުރި ގޮތަކީ އޭގެ މިސާލެކެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ގާއިމްވެ ތިބި ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ވެސް އެ ތިން ޕާޓީން ކުރިތަނެއް މީގެ ކުރިން މާބޮޑަށް ފެނިފައެއް ނެތެވެ.

އެ ތިން ޕާޓީގެ އިސް ބޭފުޅުންނަކީ، މީގެ ކުރިން އެމްޑީޕީން އިންޑިއާގެ ޖީއެމްއާރް އަށް އެއާޕޯޓް ހިންގަން ދިނުމުން އެކަމާ ދެކޮޅަށް ނުކުންނެވި ބޭފުޅުން ވެސް މެ އެވެ. 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު 2012 ވަނަ އަހަރު ވެއްޓެން ދިމާވި އެއް ސަބަބަކީ ވެސް، ރާއްޖޭގެ އިގުތިސާދަށާއި އަމިއްލަވަންތަކަމަށް ހުރަސް އެޅޭ ކަމަށް ބުނެ ޖީއެމްއާރްއާ ދެކޮޅަށް އެ ބޭފުޅުން ނުކުންނެވި ނުކުންނެވުމެވެ.

ޖީއެމްއާރް މައްސަލަ އާއި އިންޑިއާ އައުޓް މައްސަލައިގައި ފެންނަ ފެނުމަށް ތިމާގެ ކަމެއް ހުރުމުން ބެލެވުނީ، އަމުދުން އެ ތިން ޕާޓީން އެކަމާ ދެކޮޅަށް ނުނުކުންނާނެ ކަމަށެވެ.

އެކަމަކު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގެން، "އިންޑިއާ އައުޓް" ކެމްޕެއިން މާލޭގައި ފުޅާކޮށް، އަތޮޅުތެރެއަށް ފަތުރާލުމާ އެކު، އެ ތިން ޕާޓީން ވަނީ މިކަމާ ދެކޮޅަށް ތެދުވެފަ އެވެ.

އެންމެ ފުރަތަމަ އަދާލަތު ޕާޓީންނެވެ. އެ ޕާޓީން ބުނި ގޮތުގައި ޔާމީން އިސްވެ ހުންނަވައި ހިންގަވާ ކެމްޕެއިނަކީ ރައްޔިތުންގެ ޝުއޫރުތަކާ ކުޅެގެން ހިންގާ ނޭއްގާނީ ހަރަކާތެއް ކަމަށެވެ. އެ ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް އަދާލަތުން ބުންޏެވެ.

ރާއްޖެ-އިންޑިއާ ގުޅިގެން މިހާރު ހިނގާ ބައެއް ކަންކަމަކީ ޔާމީނުގެ ވެރިކަމުގައި ބިންގާ އަޅާފައިވާ ކަންކަން ކަމަށާއި އިންޑިއާ އައުޓްގެ ނަމުގައި އެ މަނިކުފާނު އިސްވެ ހުންނަވައި ހިންގަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ހިންގަވާ ހަރަކާތެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ.

"މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގުވާމީ މަސްރަހުގައި ދިވެހީން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުންވުމެވެ،" ބަޔާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީން އިއްޔެ ނެރުނު ދިގު ބަޔާނެއްގައި ބުނީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ސިޔާސީ ބޭނުމެއްގައި، ގައުމުގެ މަންފާއަށް ބެލުމެއް ނެތި ހިންގާ ހަރަކާތެއް ކަމަށެވެ. އެކި އެކި ބޭނުންތަކަށް، އެއްގައުމުގެ ސިފައިން އަނެއް ގައުމުގައި ވަކި މުއްދަތަކަށް ތިބުމަކީ ދެ ފަރާތަށް ވެސް ފައިދާހުރި ގޮތެއް ކަމަށާއި އެގޮތަށް ބިދޭސީ ގައުމުތަކުގައި ސިފައިން ތިބެނީ ތަމްރީނުތަކާއި ތައުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް އެމްއާރްއެމް އިން ބަސް ބުނީ ނުސީދާކޮށެވެ. އިއްޔެ ފާހަގަކުރި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްއާރްއެމް އިން ނެރުނު ބަޔާނުގައި ވަކި ގައުމެއްގެ ނަން ނުގެނެސް ބުނީ ސިޔާސީ ދަހިވެތިކަމުގައި އަވަށްޓެރި ގައުމުތަކާ މެދު ނަފުރަތު އުފައްދައި އެ ގައުމުތަކާ އޮތް ގުޅުން ހީނާރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ރައްޔިތުންނަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީ ވެސް ވަރަށް ބޮޑަށް ދިފާއަށް ނުކުމެ!

އެމްޑީޕީގެ އަލަތު ވެރިކަމުގައި، އެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރި ކޮންމެ ކެމްޕޭނަކާ ދެކޮޅަށް އެޕާޓީން ތެދުވެ އެވެ. އިދިކޮޅު އެންމެން އެއްވެގެން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި މަޝްހޫރު "23 ޑިސެމްބަރު މުޒާހަރާ" ކުރިއަށް ދިޔަ އިރު، އާޓިފިޝަލް ބީޗްގައި އެމްޑީޕީން އެކަމާ ދެކޮޅަށް އެއްވުމެއް ބޭއްވި އެވެ. އޭރުގެ ރައީސް، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން އިންގިލާބު ކޮށްލުމުގެ ކުރިން މެދު ނުކެނޑި 22 ރޭ ވަންދެން އިދިކޮޅުން ކުރި މުޒާހަރާތަކާ ދެކޮޅަށް އެމްޑީޕީ ހަރުގޭގައި އެއްވުންތައް ބޭއްވި އެވެ.

އެހެން ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދިފާއުގައި އެމްޑީޕީން ވެސް މީގެ ކުރިން މާބޮޑު މަސައްކަތެއް، ސީދާ ހަރަކާތްތަކެއްގެ ގޮތުގައި ކުރިތަނެއް ނުފެނެ އެވެ. މިދިޔަ އަންގާރަ ދުވަހު ސަލްޓަން ޕާކްގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ރައީސް މުހައްމަދު ނަޝީދު އެކަން ފާހަގަވެސް ކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ހަރަކާތްތެރިވާ މިންވަރު ބޮޑު ކަމަށް ޕާޓީގެ މެމްބަރުންނަށް ފާހަގަވޭ. އެ ޝަކުވާ އަޅުގަނޑަށް ލިބޭ. ވެރިކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އޮންނަ އިރުގައި ހަރަކާތްތެރިވާ ގޮތް، އަޅުގަނޑަށް ފާހަގަވޭ ތަފާތުކަމަށް ވާދަވެރިންގެ ގޮތުގައި މިޕާޓީ އޮންނަ އިރުގައި މިޕާޓީ ހަރަކާތްތެރިވާ ގޮތާ،" ނަޝީދު ވިދާޅުވި އެވެ.

އެއާ އެކު އެ ޕާޓީން ވެސް ފެންނަނީ "އިންޑިއާ އައުޓް" އާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕެއިނާ ދެކޮޅަށް ވަރަށް ބޮޑަށް ތެދުވެފައިވާ މަންޒަރެވެ.

މިދިޔަ ހަފުތާގައި، މާލެއަށް ހާއްސަ ބައްދަލުވުމެއްގެ ގޮތުގައި މާލޭގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވި ބައްދަލުމުގެ މިސްރާބު ވެސް އަމާޒުވީ އެ ކެމްޕެއިނާ ދެކޮޅަށެވެ. އެ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރުގައި، އިންޑިއާ އައުޓް ކެމްޕޭނާ ދެކޮޅު ބައެއް ވެސް ހިމެނުއްވި އެވެ. އެ ހަރަކާތް ހުއްޓުވަން ގަރާރުގައި އޭނާ ސަރުކާރަށް ގޮވައިލެއްވި އެވެ.

ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އާއްމު ގޮތެއްގައި ތާއީދުކުރައްވާ ނަޝީދު ގޮވައިލެއްވީ ސީދާ ފުލުހުން ނުކުމެ އެ ހަރަކާތް ހުއްޓުވުމަށެވެ. ޓީޝާޓްގައި އިންޑިއާ އައުޓް ޖައްސަވައިގެން ޔާމީން ނުކުންނެވުމަކީ ނަޝީދު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ މެމްބަރުން ވެސް ލަދުގަންނާނެ ކަމެކެވެ.

"ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެނެއް ބޭރަށް ނުކުމެ ގޮވަމަކުންނެއް ނުހިންގެވޭނެ. އެއީ ދިވެހިރާއްޖޭގެ ފުލުހުން ނުކުމެ ހުއްޓާން ޖެހޭނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީ ވެސް، ކޯލިޝަނުގެ އަނެއް ތިން ބައިވެރިންގެ ފަރާތުން ވެސް މި ފެންނަނީ އިންޑިއާއާ ދެކޮޅު ހަރަކާތާ ވަރަށް ބޮޑަށް ދެކޮޅަށް ނުކުމެ ތިބި މަންޒަރެވެ. ސިޔާސީ މައިދާނުގައި މި ހުރިހާ ޕާޓީއަކުން އެއްކޮށް ދިފާއުއަށް މިހާ ބޮޑަށް ކުޅުނު މަންޒަރެއް މީގެ ކުރިން ފެނިފައެއް ނުވެ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox