މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އިގްތިސާދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ މިއޮތީ ވަރަށް އުއްމީދީ ހިސާބެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ހާލަތަކަށް، ގައުމުގެ އިގްތިސާދު ގެންދިއުމަށްޓަކައި، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިއީ ގައުމީ މަސްލަހަތު އިސްކޮށް، އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މީގެ 17 އަހަރު ކުރިން މިއަދު ރާއްޖެ އަށް އެރި ސުނާމީގައި މަރުވި މީހުންނާއި ހާލުގައި ޖެހުނު މީހުންގެ ހަނދާންތައް މިރޭ އާކުރައްވައިފަ އެވެ.
"ބައެއް މީހުން އުމުރުދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނު. އަތްމަތި މުޅިން ހުސްވެގެން ދިޔަ އެތައް ހާސް ބަޔަކު އޭރު ތިބި. އެފަދަ މީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އޯގާތެރިކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައިވެސް، އަދި ބޮޑު ކަމެއް ދިމާނުވިޔަސް، ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ. އަޅުގަނޑުމެން އަބަދުވެސް ދެމިތިބެންޖެހޭނީ އެ ގޮތުގައި ކަމަށާއި އަޅުގަނޑުމެންގެ ގައުމީ މަސްލަހަތު ހިމާޔަތް ކުރެވޭނީ އޭރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ތަހައްމަލު ކުރަމުން މިދަނީ، ގުދުރަތީ ބޮޑު ކާރިސާއެއް ނޫނަސް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޯވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭތާ މިވަނީ ދެ އަހަރު. ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އަޅުގަނޑުމެން އުޅެން ޖެހުނީ ވަރަށް ދަތި ހާލެއްގައި. ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، ރާއްޖޭގެ މުޅި އާބާދީއަށް އެކަމުގެ ގެއްލުންތައް ލިބުނު،" ރައީސް ހަނދާންތައް އާކުރެއްވި އެވެ.
ސުނާމީ ކާރިސާގައި ރާއްޖޭން 82 މީހުން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ. އަދި ފަނަރަ ހާހަށް ވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެގެން ދިޔަ އެވެ. އެ ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 199 ރަށުގެ ތެރެއިން 190 ރަށަށް ގެއްލުންވި އެވެ. އަދި އަލުން އާރާސްތުނުކުރެވޭ ވަރަށް ފަސް ރަށެއް ހަލާކުވެގެން ދިޔަ އެވެ.
ރައީސް ވިދާޅުވީ މި ދަތިކަމުގެ ތެރޭގައި ވެސް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށެވެ. އެގޮތުން ގޭގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރި ކަމަށާއި އަމިއްލަ އާއިލާއާ ދުރުގައި، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި އެތައް ދުވަހެއް ވަންދެން، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށެވެ.
"އެފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތައުރީފު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ކޮވިޑުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ވެސް އަޅުގަނޑުމެން މިއަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އިގްތިސާދީ ހަރަކާތްތައް އަލުން ކޮޅަށް ޖެހުމަށް، އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް މިދަނޑިވަޅުގައި އެބަ ކުރާ ކަމަށެވެ.
"ކޮވިޑުން ރައްކާތެރިވުމަށް ކުރި މަސައްކަތުގައި، މާތް ﷲގެ ވާގިފުޅާއެކު ރާއްޖެ މިވަނީ، މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު އެކަށީގެންވާ ކުރިއެރުމެއް ހޯދާފައި. އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަމާއި، އިގްތިސާދީ އެހެން މަސައްކަތްތައްވެސް އަލުން ފަށައިގަނެވިއްޖެ،" ރައީސް ވިދާޅުވި އެވެ.











