މިދިޔަ އާދީއްތަ ދުވަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ކުރީގެ ވަޒީރު އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ދިވެހިންގެ ހިތްތަކުގައި ގައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެއް، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންގެ އަޚް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބްލް އުމަރު ޒާހިރު،" ރައީސް ވިދާޅުވި އެވެ.
"އާދެ، އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން. އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު. ގައުމީ ހިދުމަތަކީ އެމަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިހްލާސްތެރިކަމަކީ، އެމަނިކުފާނުގެ ތަބީއަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ހިކްމަތްތެރިކަމަކީ އެމަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން."
ރައީސް ވިދާޅުވި ގޮތުގައި ކިތަންމެ ތައުރީފެއް ކުރިޔަސް، އެމަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތް ކަމަށެވެ. އެކަމަކު މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ގައުމިއްޔަތާއި ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތަކާއި އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ މަލަތައް ކަމަށް ރައީސް ވިދާޅުވި އެވެ.

"ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއާޕޯޓަކީ، އުމަރު ޒާހިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ގައުމީ އެއްބައިވަންތަކަމާއި ގައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ގައުމީ ތަރިކައެއް. ހުޅުލޭ ފަޅު ހިއްކައިގެން ހުޅުމާލެ އުފެއްދުމަކީ، ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން އުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫއެއް،" ރައީސް ވިދާޅުވި އެވެ.

އުމަރު ޒާހިރުގެ ކަށުނަމާދުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ.
އުމަރު ޒާހިރުގެ އެހެނިހެން ހިދުމަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މާލޭގައި މިހާރު މިއޮތް އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫއު ފުރިހަމަކުރެއްވީ، ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
"މާލޭގެ އަޑިގުޑަން މަގުތަކުގައި ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން،" ރައީސް ވިދާޅުވި އެވެ.
ތިލަފަޅު ހިއްކައިގެން އުފެއްދި ތިލަފުއްޓަކީ ވެސް، މާލެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި، އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ތަރައްގީކުރެއްވި ވަރަށް މުހިންމު ރަށެއް ކަމަށާއި މިފަދަ ކިތަންމެ މަޝްރޫއުތަކެއް އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކާމިޔާބުކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.
"މަރްހޫމް އުމަރު ޒާހިރާ މެދު މިއަދު އެންމެން ވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަހްލާގް ރިވެތި، އަދި އިހްލާތެރިކަމުގެ ގޮތުން މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވި އެވެ.
އުމަރު ޒާހިރު މަޖީދިއްޔާ ސްކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަހްލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމަށް ކަމަށެވެ. އަދި ހަމައެކަނި ކިޔަވައިދީގެން މޮޅެތި ކުދިންނަށް ހެއްދެވީކީ ނޫން ކަމަށާއި ނާޒިރެއްގެ ގޮތުން އެމަނިކުފާނުގެ އެންމެ އިސް މަސައްކަތަކީ މީހުން މީހުންނަށް ހެއްދެވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އާދެ، މަރްހޫމް އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯއްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަ މަތިން ފެންނަން އެބަހުރި. އަޅުގަނޑުމެން މިއަދު ދައްކަންވީ އެ ވާހަކަތައް އެކަންޏެއް ނޫން. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެމަނިކުފާނުގެ ގައުމީ ހިދުމަތުން ނަމޫނާ ލިބިގަތުން. ގައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި އެމަނިކުފާނު ގެންގުޅުއްވި ހިކްމަތްތެރި ސިޔާސަތުން އިބްރަތް ލިބިގަތުން،" ރައީސް ވިދާޅުވި އެވެ.












