ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން މާދަމާ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 1000 އަށް ވުރެ ގިނަ ގަސް އިންދުމަށް ނިންމައިފި އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި ހުރި ހިޔާ ފްލެޓުތަކަށް ބައެއް މީހުން ބަދަލުވެ ދިރިއުޅެމުންދިޔަ ނަމަވެސް އެ ސަރަހައްދުގެ ފެހިކަން ވަރަށް ކުޑަ އެވެ. އެ ސަރަހައްދުގައި ގަސް އިންދުމުގެ މަސައްކަތް އެޗްޑީސީން ވެސް ކުރި އެވެ.
ގަސް ހަދިޔާ ކުރުމަށް "ގޯ ގްރީން" ގެ ނަމުގައި ކޮންމެ އަހަރަކު ވެސް ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކްލީން މޯލްޑިވްސްގެ ފަރާތުން 3500 މާދަމާ އެޗްޑީސީއަށް ހަދިޔާ ކުރާނެ އެވެ. އޭގެ ތެރެއިން މާދަމާ އިންދާނީ 1500 ގަހެވެ. ބާކީ ގަސްތައް ވަގުތީ ގޮތުން ބަހައްޓާނީ އެޗްޑީސީގެ ނާސަރީގަ އެވެ.
ހުޅުމާލޭގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތައް:
- 1500 މަގޫ ގަސް
- 500 ދިވެހި ރުއް
- 500 ކުރެދި
- 500 ދިއްގާ
- 500 ހިރުނދު
ގަސް އިންދުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި ހަވީރު 4:00 ޖަހާއިރެވެ. އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އެވެ.

މާދަމާގެ ހަރަކާތް އޮންނާނެ ސަރަހައްދު: ޖަމިއްޔާގެ އެދުމަކީ ފޭސް ދޭއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ހަރަކާތުގައި ބައިވެރިވުން -- ފޮޓޯ: ކްލީން މޯލްޑިވްސް

މި ނޫހާ ވާހަކަ ދައްކަމުން ކްލީން މޯލްޑިވްސްގެ ފައުންޑާ މެމްބަރު ހަފްޒަތު އަލީމް އާންމުންގެ ފަރާތުން އެދުނީ ވީހާ ވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ތަނަކަށް ހެދުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގައި މިހާރު ދެވަނަ ފިޔަވަހީގައި ދިއިރުޅެމުންދާ ހުރިހާ މީހުން އެއްބާރުލުން ދިނުމަށް ވެސް އޭނާ އެދުނެވެ.
"ތިމާވެށީ ހިމާޔަތް ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި ކޮންމެ މީހަކު ވެސް ބައިވެރިވެ، އެއްބާރުލުން ދިނުމަށް އެދެނީ. ހާއްސަކޮށް މާދަމާ ހަވީރު ބާއްވާ ހަރަކާތުގައި ދެވަނަ ފިޔަވަހީގައި މިހާރު ދިރިއުޅޭ ގިނަ ބަޔަކު ފެންނާނެ ކަމަށް އުންމީދުކުރަން. އެ އެންމެންނަށާއ، މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެހާ ބޭފުޅުންނަށާއި ހުރިހާ ޖަމިއްޔާތަކަށް ދައުވަތު އަރުވަން،" ހަފްޒަތު ބުންޏެވެ.
މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގައި ބޭއްވި ގޯ ގްރީން ހަފްލާގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބައިވެރިވަޑައިގަނެފަ އެވެ. އެފަހަރުގެ ހަރަކާތަށް ލިބުނީ 1000 މަގޫ ގަހާއި 1000 ރުއް ހިމެނޭހެން ޖުމްލަ 2000 ގަހެވެ. އޭގެ ތެރެއިން 1000 ގަސް (500 ރުކާއި 500 މަގޫ ގަސް) އިންދުމަށްފަހު ބާކީ 1000 ގަސް ހަދިޔާ ކުރީ އެޗްޑީސީގެ ނާސަރީއަށެވެ.
އެޗްޑީސީ ނާސަރީގައި ހުންނަ ގަސްތައް ހުޅުމާލެ ފެހި ކުރުމުގެ މަޝްރޫއުގެ ދަށުން އެކި ހިސާބުތަކުގައި އިންދާނެ އެވެ.













