ޗަންޕާ ކުންފުނީގެ ދަށުން ހިންގާ ކުރެއްދޫ ހޯލްޑިންސްގެ ފަރާތުން ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓްގެ މަސައްކަތް ނިންމައި، މިއަދު ހެނދުނު އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓް ޖައްސައިފި އެވެ.
ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި އެ އެއާޕޯޓަށް ފުރަތަމަ ޖައްސާފައި ވަނީ މޯލްޑިވިއަން އެއާލައިންގެ ބޯޓެކެވެ. އެ ބޯޓު މަޑިވަރު އެއާޕޯޓަށް ޖެއްސީ މިއަދު ހެނދުނު 9:50 ގަ އެވެ.
މަޑިވަރު އެއާޕޯޓަށް ފުރަތަމަ ޖެއްސި ބޯޓަށް ރަންވޭއިން މަރުހަބާ ވިދާޅުވީ ޗަމްޕާ ކުންފުނީގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ. އޭނާއާއެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލްހަކީމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖަރު މުހައްމަދު މިހާދު ވެސް އެ ހަފްލާގައި ބައިވެރިވެވަޑައިގަތެވެ.

މިއަދު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާގެ ތެރެއިން: އެއާޕޯޓު ތަރައްގީ ކުރީ 11 މިލިއަން ޑޮލަރު ހަރަދުކޮށްގެން -- ފޮޓޯ: މަޑިވަރު އެއާޕޯޓް
ޅ. އަތޮޅުގެ ވެރިރަށް، ނައިފަރު ކައުންސިލުން ބުނީ މިއަދު ޓެސްޓު ފްލައިޓު ޖެއްސި ނަމަވެސް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ މެދެއްހާ ހިސާބުގައި ކަމަށެވެ. އެ ރަސްމިއްޔާތަށް އެ އަތޮޅު ހިންނަވަރަށް ނިސްބަތްވާ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

މަޑިވަރު އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.
މާލެއިން ޅ. އަތޮޅަށް ކަނޑުމަގުން ފެރީއެއްގައި ދާނަމަ، ދެ ގަޑީރަށް ވުރެ ގިނައިރު ނަގަ އެވެ. ވައިގެ މަގުން ދާން ޖެހެނީ އެ އަތޮޅާ ޖެހިގެން އޮންނަ ބ. އަތޮޅުގެ ދަރަވަންދޫ އެއާޕޯޓަށެވެ. އެރަށުން ފުރައިގެން ޅ. އަތޮޅަށް އައުމަށް ގަޑިއިރެއް ނަގާނެ ކަމަށް ފެރީ ދަތުރު ކުރާ ފަރާތްތަކުން ބުނެ އެވެ.
އެހެންކަމުން އެ އެއާޕޯޓާއެކު ޅ. އަތޮޅުގެ އިގްތިސާދަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް އެ އަތޮޅު ކައުންސިލުން ގަބޫލުކުރެ އެވެ. އަދި އެއާޕޯޓާއެކު، ނުވަ ރިސޯޓް އޮންނަ އެ އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފުޅާވެގެން ދާނެ ކަމަށް ވެސް އަތޮޅު ކައުންސިލުން ދެކެ އެވެ.
ކުރެއްދޫ ހޯލްޑިންސްއާއެކު އެ އެއާޕޯޓް އެޅުމަށް ސަރުކާރުން ސޮއިކުރީ މެއި 29، 2018 ގަ އެވެ. އެއާޕޯޓު މަޝްރޫއު ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ އާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީން އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ ގިނަ މަސައްކަތްތައް ވެސް ކުރަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެވެ.
އެއާޕޯޓް ހިންގަން މަޝްވަރާ ކުރަނީ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަންގެ އިތުރުން، އަމިއްލަ ދެ އެއާލައިން ކަމަށްވާ މަންޓާ އެއާ އަދި ޓީއެމްއޭ އިންނެވެ. ޓީއެމްއޭއިން ވަނީ އެއާލައިންގެ އޭޓީއާރު ބޯޓު ގެނެސް، ބޭސްއެއްގެ ގޮތުގައި މަޑިވަރު އެއާޕޯޓު ބޭނުންކުރަން ފަށާނެ ކަމަށް ވެސް ބުނެފަ އެވެ.













