ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ކޮވިޑް-19 ޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދަށް ކޮވިޑް ޖެހުނީ ނިއުޔޯކްގައި މަސައްކަތް ކުރައްވަނިކޮށް ކަމަށެވެ. އަދި މިހާރު ހުންނެވީ ގޭގައި އައިސޮލޭޓްކޮށްގެން ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ބަލީގެ މާ ބޮޑު އަސަރުތަކެއް އޭނާއަށް ނުކުރާ ކަމަށެވެ. އަދި ބުނެފައި ވަނީ ޝާހިދު ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒާއި ބޫސްޓާ ޑޯޒެއް ވެސް ފުރިހަމަ ކުރައްވައިފަ ކަމަށެވެ. ނަމަވެސް ބޫސްޓާ ޑޯޒް ޖެއްސެވީ މިދިޔަ ހަފްތާގައި ކަމަށް އެ އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން، ހާރިޖީ އޮފީހުން ބުނީ މިދިޔަ ދުވަސްތަކުގައި މިނިސްޓަރު ޝާހިދު ބައްދަލުވެފައި ވަނީ މަދު މީހުންނާ ކަމަށާއި އޭނާއާ ބައްދަލުވި މީހުންނަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ.
މީގެ ތިން މަސް ދުވަސް ކުރިން ސެޕްޓެމްބަރު 14، ގައި އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން މަސައްކަތް ކުރައްވަނީ ރާއްޖެއިން ބޭރުގަ އެވެ.

ފޮރިން މިނިސްޓަރުގެ މަގާމުން ޝާހިދު އިސްތިއުފާ ދެއްވާފައިނުވާއިރު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާ ކުރައްވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.













