ފިލިޕީންސްއަށް އެރި ތޫފާން ރާއީގައި ގެއްލުންވި ދިވެހި ދަރިވަރުންނަށް ސަރުކާރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
މިކަން ހާމަކޮށް ފޮރިން މިނިސްޓްރީއިން ބުނީ މި ތޫފާނުގައި ދިވެހި ދަރިވަރުންތަކެއް އުޅެމުން ދިޔަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާސަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ބައެއް ދަރިވަރުން ހާލުގައި ޖެހިފައިވާ ކަމަށެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި އެގައުމުގެ ސޭބޫ ސިޓީގައި 40 ދިވެހި ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ ކަމަށް އެ ފޮރިން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ގެއްލުންވީ ކިތައް ދަރިވަރުންނަށް ކަމެއް ސާފެއް ނުވެ އެވެ.
މިނިސްޓްރީއިން ބުނި ގޮތުގައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ހިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން މި ދަރިވަރުން ބަދަލު ކުރުމަށެވެ. އެގޮތުން އެންސްޕާ އާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން ދާކަން ފާހަގަކުރި އެވެ.
މި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމަށް ނިންމާފައި ވަނީ އެއް މަހުގެ މުއްދަތަށެވެ. އެއީ އެ ސަރަހައްދަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން މަހެއްހާ ދުވަސް ނަނގާނެތީ ކަމަށް ފިލިޕީންސް އެމްބަސީއާ ހަވާލާދީ، ފޮރިން މިނިސްޓްރީއިން ބުންޏެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި 23 ދަރިވަރަކު ދިރިއުޅެމުންދާ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އެއިން ބައެއް ފޮޓޯތައް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވެސް މީސްމީޑިޔާގައި ހިއްސާކުރައްވާފައިވެ އެވެ.
ނަމަވެސް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ހުރިހާ ދިވެހި ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް ކުއްޖެއް ކަންބޮޑުވާ ހާލަތުގައި މިވަގުތު ނެތް ކަމަށެވެ. އަދި އެކުދިން އުޅެމުން ދިޔަ ޑޯމްތަކަށް ގެއްލުންވި ނަމަވެސް އެއްވެސް ކުއްޖެއް ހާލުގައި ޖެހިފައި ނުވާ ކަމަށާއި ވަރަށް ކައިރިން ހުރިހާ ކުދިންގެ ހާލު ވެސް އެ އޮފީހުން ބަލަމުން ދާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
"ފޮރިން މިނިސްޓްރީގައި އެބަ ހުރި އެ ހުރިހާ ކުދިންނަށް ގުޅޭނެ ނަމްބަރުވެސް، އެކުދިންނަށް ވެސް ފަސޭހަކަމާއި އެކު މިނިސްޓްރީއަށް ގުޅޭނެ. ހުރިހާ ކުދިންވެސް ހާލު ހަމަ ނޯމަލް،" މި ނޫހާ ވާހަކަ ދައްކަމުން މިއުވާން ވިދާޅުވި އެވެ.













