ރިޕޯޓުހުޅުމާލެ: ނުވާނެއޭ ބުނި މީހުންނަށް އުމަރު ޒާހިރު ދެއްކެވި ރަށް

ހުޅުމާލެ: ނުވާނެއޭ ބުނި މީހުންނަށް އުމަރު ޒާހިރު ދެއްކެވި ރަށް

"އަޅުގަނޑަށް ފެންނަނީ މާ ބޮޑަށް ހަރަދުގެ ވާހަކަ ނުދައްކަވައި އަވަހަށް މަސައްކަތް ފަށާށެވެ. ހަރަދުގެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ދެއްކިޔަސް މި ނޫން ނަތީޖާއެއް ނުނުކުންނާނެ އެވެ. ކޮންމެ ކަމެއް ވެސް ކުރިއަށްދާނީ މަސައްކަތް ފެށީމަ އެވެ،"

ހުޅުމާލެ: ނުވާނެއޭ ބުނި މީހުންނަށް އުމަރު ޒާހިރު ދެއްކެވި ރަށް

1990 ގެ އަހަރުތައް ފެށުނުއިރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ އެވެ. މާލޭ ބިން ފުރުމުން ސަރުކާރުން ދެން މާލޭ ފަޅު ހިއްކީ އެވެ. އޭގެ ފަހުން ފްލެޓްތަކެއް އެޅި އެވެ. އެކަމަކު ވެސް އޮބި ނޯތެވެ. އިތުރަށް ގޯތި ދޫކުރެވެން އޮތީ ވެސް، ފްލެޓް އެޅެން އޮތީ ވެސް އިތުރު ބިމެއް ލިބިގެންނެވެ. އެކަމަކު މާލޭގައި އިތުރު ޖާގައެއް ނެތެވެ.

"ސަރުކާރުން ދެން ވިސްނައި ވަޑައިގަތީ އެހެން ހައްލަކަށެވެ،" އޭރުގެ ޕަބްލިކް ވޯކްސް އެންޑް ލޭބާ މިނިސްޓަރު އުމަރު ޒާހިރު އެމަނިކުފާނުގެ ޑައިރީގައި ލިޔުއްވާފައިވެ އެވެ. "ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް ޖަލްސާތަކުގައި ހުޅުލޭފަޅު ހިއްކައިގެން ރަށެއް ހެދުމުގެ ވާހަކަ ދެކެވެން ފަށައިފި އެވެ."

އެކަމަކު އުމަރު ޒާހިރު ލިޔުއްވި ގޮތުގައި، މަޝްރޫއުގެ ބޮޑުކަމާއި ހިނގާނެ ހަރަދުގެ ބޮޑުކަމުން އެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ވާހަކަ މެދުކެނޑިގެން ދަނީ އެވެ. ފަހުން އެކަމަށް ހިނގާނެ ހަރަދުގެ ރިޕޯޓެއް ވެސް ތައްޔާރުކުރި އެވެ. އެއަށް ބަލާއިރު އެއީ ރާއްޖޭގެ އޭރުގެ މާލީ ހާލަތު ތަންދޭ ކަމެއްކަމަށް ކެބިނެޓް ގިނަ މެމްބަރުންނަށް ފެނިވަޑައިނުގަތް ކަމަށް އުމަރު ޒާހިރު ލިޔުއްވަ އެވެ.

"މިގޮތުގައި ދުވަސްތަކެއް ދިއުމަށް ފަހު، އެއީ ނުކުރެވޭނެ ކަމަކަށް ވެގެން ކެބިނެޓްގެ އެޖެންޑާ އިން ވެސް މައްސަލަ ނަންގަވައިފި އެވެ،" އުމަރު ޒާހިރު ލިޔުއްވި އެވެ.

އޭގެ އެތައް ދުވަހެއް ފަހުން އަނެއްކާ ވެސް އެ ކަމަށް އެޖެންޑާއިން ޖާގައެއް ލިބުނެވެ.

"އެޖެންޑާގެ މި ނަމްބަރު ފެނިފައި އަޅުގަނޑު ހިތަށް އެރި އެވެ. ރައްޔިތުންނަށް ގޯތިގެދޮރުގެ ދަތިކަން ހުރިވަރުން ރައީސް މި އުޅުއްވަނީ މިކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވައިގެން ތާ އެވެ. އެ ދުވަހު އަޅުގަނޑު ހިތަށް އެރި އެވެ. އަޅުގަނޑު ވެސް ހިޔާލު ވެސް ފާޅުކުރަން ޖެހޭނެ އެވެ،"

ރައީސް މައުމޫންއާ އުމަރު ޒާހިރު ސަލާމްކުރައްވަނީ.
ރައީސް މައުމޫންއާ އުމަރު ޒާހިރު ސަލާމްކުރައްވަނީ.

ރައީސް މައުމޫންއާ އުމަރު ޒާހިރު ސަލާމްކުރައްވަނީ.

އެ ދުވަހު ވެސް ކެބިނެޓް މެމްބަރުން ދެއްކެވީ ހިނގާނެ ހަރަދުގެ ވާހަކަ އެވެ. އުމަރު ޒާހިރު ލިޔުއްވި ގޮތުގައި އެމަނިކުފާނަކީ މަދުން ނޫނީ އެކަހަލަ ޖަލްސާއެއްގައި ވާހަކަ ދައްކާ މީހަކަށްވީ ނަމަވެސް އެ ދުވަހު ވެސް އެ މައްސަލަ ނާކާމިޔާބުވެދާނެ ހިސާބަކަށް ހިނގައްޖެހެން ހީފުޅުވެގެން ފުރުސަތަކަށް އެދުނީ ކަމަށެވެ.

"އަޅުގަނޑު އެ ދުވަހު ދެންނެވީމެވެ. މަނިކުފާނު އެވެ. ހުޅުލޭ ފަޅުން ބިން ހިއްކުމުގެ ވާހަކަފުޅު ކެބިނެޓްގެ ޖަލްސާތަކުގައި ދައްކަވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އަޅުގަނޑަށް ފެންނަނީ މާ ބޮޑަށް ހަރަދުގެ ވާހަކަ ނުދައްކަވައި އަވަހަށް މަސައްކަތް ފަށާށެވެ. ހަރަދުގެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ދެއްކިޔަސް މި ނޫން ނަތީޖާއެއް ނުނުކުންނާނެ އެވެ. ކޮންމެ ކަމެއް ވެސް ކުރިއަށްދާނީ މަސައްކަތް ފެށީމަ އެވެ،"

އުމަރު ޒާހިރު ލިޔުއްވި ގޮތުގައި އެމަނިކުފާނު އެހެން ދަންނަވައިގެން ވަރަށް ގިނަ މިނިސްޓަރުން އެމަނިކުފާނާ ދިމާލަށް ބައްލަވަން ފެއްޓެވި އެވެ. އެކަމަކު އެމަނިކުފާނު ކެރިގެން ދެންނެވީ ޕަބްލިކް ވާކްސް މިނިސްޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާ ދެއްވަނިކޮށް މަސައްކަތް ފަށްޓަވާނެ ކަމަށެވެ.

"ވަރަށް މަދު މިނިސްޓަރަކު ނޫނީ އަޅުގަނޑުގެ މި ވާހަކައަށް ތާއީދެއް ނުކުރެއްވި އެވެ. އެކަމަކު ވެސް އެންމެ ރަނގަޅޭ އަޅުގަނޑު ހިތަށް އެރި އެވެ. އެބޭފުޅަކު ދެކެވަޑައިގަންނަވާ ގޮތަކަށް އަޅުގަނޑާ ދޭތެރޭ ދެކެވަޑައިގަންނަވާށެވެ. ﷲ ގެ ރަހުމަތްފުޅާ އެކު މަސައްކަތް ކާމިޔާބުކޮށްފައި ދައްކާނަމޭ އެ ދުވަހު ވެސް އަޅުގަނޑުގެ ހިތަށް އެރި އެވެ. ބޭފުޅަކު ތާއީދު ނުކުރެއްވުމަކުން އަޅުގަނޑުގެ އަޒުމަކަށް ބަދަލެއް ވެސް ނާދެ އެވެ. ހަމަ އެކައްޗެކޭ ވެސް ހިތަކަށް ނާރަ އެވެ،"

އުމަރު ޒާހިރުގެ ވާހަކައަށް ރައީސް މައުމޫން ތާއީދުކުރައްވައި އެ ދުވަހުން އެ ދުވަހަށް އެ މިނިސްޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދެއްވި އެވެ. އެއާ އެކު އުމަރު ޒާހިރު ދެން މިކަމުގައި އެހީއަށް އެދިވަޑައިގަތީ ގައުމީ ހިދުމަތްތެރިޔާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ކޮލި އަލީ އުމަރު މަނިކުގެ އަރިހުންނެވެ. އެމަނިކުފާނު އުމަރު ޒާހިރަށް ތައުރީފުކުރައްވައި އެދިވަޑައިގެންނެވި ގޮތަށް ކޮންނަބޯޓެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޮންނަބޯޓު އަންނަންވާއިރަށް ކޮންނަމުންދާއިރު އަރާ ކިސަޑުގެ އަސަރު ނުކުރާނެހެން ވެލީގެ ފާލަމެއް ތައްޔާރުކުރުމާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ކުރަން ހުރި ކަންކަން ކުރުމަށް ލަފާ ދެއްވި އެވެ.

ވެލީގެ ފާލަން ތައްޔާރުކުރުމަށް ފަހު އެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ހަރަކާތެއް ބާއްވަން ތައްޔާރުވި އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ބަނޑެއް ހުޅުލޭ ފަޅަށް ގެންގޮސް އޭގެ މަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އޮކްޓޫބަރު 16، 1997 ގައި ރައީސް މައުމޫން، ހުޅުމާލެ ހިއްކުން ރަސްމީކޮށް ފަށްޓަވައިދެއްވި އެވެ.

ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ރައީސް މައުމޫން ފަށްޓަވައިދެއްވާއިރު އަރިހުގައި އުމަރު ޒާހިރު.
ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ރައީސް މައުމޫން ފަށްޓަވައިދެއްވާއިރު އަރިހުގައި އުމަރު ޒާހިރު.

ހުޅުމާލެ ހިއްކުމުގެ މަޝްރޫއު ރައީސް މައުމޫން ފަށްޓަވައިދެއްވާއިރު އަރިހުގައި އުމަރު ޒާހިރު.

"އެތައް ދުވަހެއް ވަންދެން ކެބިނެޓްގައި ދައްކަވަމުން ގެންދެވި ވާހަކަފުޅެއް ހަގީގަތަކަށް ވެގެން ދިޔައީ އެވެ. އެތައް ބޭފުޅުންނަކަށް ކުރަން ފެނިވަޑައި ނުގެންފައި އޮތް ކަމެއް ހިތްވަރުފުޅާ އެކު އުމަރު ޒާހިރުގެ މި އިސްނެންގެވުމަށް ސާބަސް ދޭވަރުވެ އެވެ،" ކަށިމާ އަހުމަދު ޝާކިރު ލިޔުއްވި އެވެ.

އެތަން ހިއްކަން ފެށިތާ ދެ ހަފުތާއެއްހާ ދުވަސް ތެރޭ އެކްސްކަވޭޓަރާއި ލޮރީ އާއި ލޯޑަރާ އަރުވައިގެން މަސައްކަތް ފެށޭނެ ވަރުގެ ތަނެއް ހިއްކުނެވެ. މަސައްކަތްކުރަމުން ދިޔައީ 40 މުވައްޒަފުން 24 ގަޑިއިރުގެ ތިން ޝިފްޓަށް ބަހާލައިގެންނެވެ.

އުމަރު ޒާހިރާ ހަވާލާދެއްވައި ކަށިމާ ޝާކިރު ލިޔުއްވި ގޮތުގައި އެދުވަސްވަރު ރެޔާއި ދުވާލު ގިނައިން އެމަނިކުފާނު އުޅުއްވަން ޖެހިވަޑައިގަތީ ހޮޅީކޮޅުން އޮހެމުން ދިޔަ ވެލިތަކުގެ މަތީގައި ކަންކަން ހަމަޖައްސަވާށެވެ.

"އަވިދޭއިރު ގަދައަވީގަ އެވެ. ވިއްސާރަ މޫސުމުގައި ނަމަ ވިއްސާރައިގެ ތެރޭގަ އެވެ. ގަދަ ފިނީގެ ތެރޭގައި ވެސް މެ އެވެ،" ޝާކިރު ލިޔުއްވި އެވެ.

އެ މަސައްކަތަށް އަހަރެއްވީ އިރު އެތަނުގެ ފުރަތަމަ އިމާރާތުގެ ގޮތުގައި މިސްކިތެއް ބިނާކުރި އެވެ. ޝާކިރު ލިޔުއްވި ގޮތުގައި އެ ދުވަހު އުމަރު ޒާހިރު ވަރަށް ބޮޑަށް އުފާފުޅުކުރެއްވި އެވެ.

"ސަބަބަކީ ހުޅުލޭފަޅުން ބިން ހިއްކުމުގެ ކަންތަކުގައި، އެއީ ނުވެވޭނެ ކަމަކަށް ވެގެން އިއުތިރާޒް ކުރެއްވި ވަރަށް ގިނަ ބޭފުޅުން ވެސް އެ ދުވަހު މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވި ރަސްމިއްޔާތަށް ވަޑައިގަތީމަ އެވެ. ގައިމު ވެސް އެ ދުވަހު އެބޭފުޅުންނަށް ހުޅުލޭފަޅުގެ ނަތީޖާ ފެނިވަޑައިގަންނަވާނެތާ އެވެ.

ޕަބްލިކް ވޯކްސްގެ މުވައްޒަފުންގެ މަސައްކަތުން އަދި ފަހުން ބައިނަލްއަގްވާމީ ކުންފުންޏެއް މެދުވެރިކޮށް ހުޅުމާލޭ ފުރަތަމަ ފިޔަވައި ހިއްކައި ނިންމައި މަގުތައް ހަދައި އިމާރާތްތައް ބިނާކުރި އެވެ. އަދި 2004 ވަނަ އަހަރު އެ ރަށުގައި މީހުން އާބާދުކުރި އެވެ. މިއަދު އެތަނުގައި މިހާރު އެތައް ހާސް ބަޔަކު ދިރިއުޅެމުން އެބަދެ އެވެ. އިތުރު ފިޔަވައްސެއް ވެސް ހިއްކައިފި އެވެ. ބްރިޖަކުން މާލެއާ ގުޅާލައިފި އެވެ. އެތަނުގައި އެތައް މިލިއަން ރުފިޔާއެއްގެ އިގުތިސާދީ މަސައްކަތް ހިނގަމުން އެބަދެ އެވެ. އެ ދުވަހު އެ ބޭފުޅުންނަށް ފަނޑުކޮށް އުމަރު ޒާހިރު ދެއްކެވި ތަސްވީރު ސާފުކޮށް، ރީތި ކުލަތަކާ އެކު މިއަދު ހުރިހާ ދިވެހިންނަށް އެހެރީ ފެންނާށެވެ. އެކަމުގެ ސިއްރަކީ އުމަރު ޒާހިރުގެ ނުގުޑާ ފަދަ އަޒުމެވެ.

އެމަނިކުފާނު އިއްޔެ އަވަހާރަވީ އެ އަޒުމުން ފެށްޓެވި އެތައް މަސައްކަތްތަކެއް ގަދަ ހިތްވަރުން ކާމިޔާބުކުރައްވައި ނަތީޖާ ދައްކަވާފަ އެވެ. ތިލަފުށްޓެވެ. އާޓިފިޝަލް ބީޗެވެ. މާލޭ މަގުތަކެވެ. ގަލޮޅު ދަނޑެވެ. ދަރުބާރުގެ އެވެ. އެއީ އެމަނިކުފާނަކީ ދުރު ވިސްނުންފުޅާއި ކުޅަދާނަ ހިންގުންތެރިކަން ދައްކުވައިދޭ އުމްރާނީ ތަރައްގީގެ ކުރިބޯށިތަކެވެ.

titledesc

މުހައްމަދު ހަމްދޫން

…

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox