ޑިސެމްބަރު 10، 1987 ގައި މާލެއަށް ބޮޑުރާޅު އަރައި ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވި އެވެ. އެ ދުވަހު މާލޭގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާއި ހޯމް މިނިސްޓަރު އަދި މާލޭ މުނިސިޕަލްޓީގެ ރައީސް އުމަރު ޒާހިރު އެންއެސްއެސްގެ ޖިޕެއްގައި ނުކުމެވަޑައިގެން އުޅުއްވަނިކޮށް ހެންވޭރުކޮޅުން ރާޅެއް އަރައި ފުރޮޅާނުލީ ކިރިޔާ އެވެ. ޖިޕު ހިފަހައްޓައި ސަލާމަތްކުރީ ސިފައިންގެ ބޭކަލުންނެވެ.
"އޭރު ވެސް މުޅި މާލެ ވަށައިގެން ރާޅުތައް ބިންދަމުން ދަނީ އެވެ. ރާޅު އަރަމުން ދިޔައިރު އާއި ރާޅު އެރުން ހުއްޓުމުން އާއްމުންނާއި ސިފައިން ވެގެން ރަށު ތެރެ ސާފުކުރުމުގެ މަސައްކަތް ފެށި އެވެ. އެ ދުވަހަކީ ދިވެހިންގެ ސިފައިންގެ ގައުމީ ހިދުމަތުގެ ކުލަގަދަ ދުވަހެކެވެ. އަދި އާއްމު ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާއެއް ފެނިގެން ދިޔަ ދުވަހެކެވެ،" އެ ދުވަހުގެ ހަނދާންތައް އުމަރު ޒާހިރު ލިޔުއްވާފައިވެ އެވެ.
އެ ދުވަހު އެންމެ ބޮޑު ތުރާލެއް ކުރިމަތިވީ ލޮނުގަނޑާ އެކު ކުނިބުނި މާލޭގެ މަގުތަކާއި ގެތަކަށް ވަނުމެވެ. އޭގެ ސަބަބުން ބައެއް ގެތަކުން މީހުން ވެސް ބަދަލުކުރަން ޖެހުނެވެ. މާލެތެރެއިން އެއްކުރި ކުނިތައް ޖަމާކުރަން އުމަރު ޒާހިރު އިސްކޮށް ހުންނަވައި މާލޭގައި ކުނި ކޮއްޓެއް ހެދި އެވެ. އަދި އެތަނަށް ގެންނަ ކުނިތައް މެޝިނުން އަންދަން ފެށި އެވެ. އެކަމަކު ކުނި އައުން ނުހުއްޓޭތީ ކުނީގެ ފަރުބަދަ ތިރިވާ ގޮތެއް ނުވި އެވެ.
"އެހެންކަމުން މާލޭގައި އުފެދޭ ކުނިތައް ނައްތައިލާނެ އިތުރު ގޮތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވަން ނިންމަވައިފި އެވެ،" ކަށިމާ އަހުމަދު ޝާކިރު ލިޔުއްވި އުމަރު ޒާހިރުގެ ހަނދާނީ ފޮތަށް އެމަނިކުފާނު ދެއްވި ބަޔާނުގައި ލިޔުއްވާފައިވެ އެވެ.
ކެބިނެޓުގައި އެ މަޝްވަރާކުރެވުނުއިރު އެންމެ ބޮޑަށް ދެކެވުނީ ވާދޫކަނޑުގެ ދެކުނުގައި އޮންނަ އެނބޫދޫ ފަޅަކީ ބޮޑު ފަޅަކަށްވާތީ އެތަނުގައި ކުނި ނެއްތޭނެ ގޮތެއް ވޭތޯ ބެލުމުގެ ވާހަކަ އެވެ.
"އެހެން ބޭބޭފުޅުންގެ ލަފާފުޅާވެސް އެކު އެނބޫދޫ ފަޅުގެ ތަންކޮޅެއް ހިއްކައި ވަޅުގަނޑެއް ހަދައިގެން ކުނި ވަޅުލައިގެން ވާގޮތެއް ބެލުމުގެ މަސައްކަތް ފަށައިގެންފީމެވެ. ނަމަވެސް ހިއްކާ ތަންކޮޅުގައި ވަޅުގަނޑެއް ކޮނެފައި އަނެއް ދުވަހު ދާންވާއިރު އެ ވަޅުގަނޑެއް އަދި ހިއްކި ތަންކޮޅެއް ވެސް ނޯވެ އެވެ،"
އުމަރު ޒާހިރު ލިޔުއްވި ގޮތުގައި ވާދޫ ކަނޑަކީ އާއްމުކޮށް ވެސް ގަދަ ކަނޑަކަށް ވެފައި އެ ފަޅަކީ ވަށައިގެން ތިރިތިރިކޮށް އޮންނަ ގުދުރަތީ ތޮށި ފިޔަވައި އެއްވެސް ނިވާކަމެއް ނެތް ތަނަކަށް ވާތީ ރާޅާއި އޮގެ ސަބަބުން ކޮންމެ ފަހަކު ވެލިކޮޅު ގިރާލައިގެން ދަނީ ކަމަށެވެ.
"އެކަމަކު ވެސް ހިތްވަރުކޮށްފައި އަނެއް ދުވަހު ވެސް މަސައްކަތް ފަށަނީ އެވެ. މިގޮތަށް ހިތްވަރާ އެކު މަހެއްހައި ދުވަހު ވަންދެން މަސައްކަތްކުރީމެވެ. އެކަމަކު ހަމަ އެއްވެސް ކާމިޔާބެއް ނުލިބުނެވެ. ފޫނެއް ފަޔަކަށް ފެން ފުރުމޭ އެއްފަދަ އެވެ،"
އެކަމަކު ވިސްނުން ދޫކޮށް ކުނި އަޅައިގެން ހިއްކާނެ އެހެން ފަޅެއް ހޯދުމަށް ދިމަދިމާ ބަލައިލަން ދަތުރެއް ކުރެއްވެވިވެ. އެމްޓީސީސީގެ ލޯންޗެއްގައި ކުރެއްވި އެ ދަތުރުގައި ވިލިނގިއްޔާ ހިސާބަށް ދިޔަތަނާ އެތަނާ މާދުރޫން ހިސާބަކުން ފަޅެއް ފެނުނެވެ. އަދި އެތަނުގެ ފުންމިން ބަލައި އެއީ އެކަމަށް އެކަށޭނެ ފަޅެއް ކަމަށް ނިންމުނެވެ.

ތިލަފުށި މަތިން ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ: އާދިލް ސަލީމް (ޓްވިޓާ)
އަދި ތިމާވެށީގެ ތަޖުރިބާރުންގެ އާނ ބަހާއި ރައީސް މައުމޫންގެ ހުއްދަ ހޯއްދަވައި ވަގުތުން ވަގުތަށް މަސައްކަތް ފެށްޓެވި އެވެ. އެއީ މިއަދު މި ފެންނަ ތިލަފުށީގެ ފެށުމެވެ.
ޑިސެމްބަރު 5، 1991 ވަނަ އަހަރު އެތަން ހިއްކަން ފެށީ ފުން ފަޅަކަށްވާތީ، ބަނޑެއްގައި އެކްސްކަވޭޓަރެއް ބާއްވައިގެންނެވެ. ރޭގަނޑާއި ދުވާލުގެ މަސައްކަތުން މަހެއްހާ ދުވަސް ތެރޭ 50 ފޫޓް 50 ފޫޓުގެ 15 ފޫޓުފުން ވަޅުގަނޑެއް ހެދޭ ވަރަށް ބިން ހިއްކި އެވެ. އަދި ޖެހިގެން އައި ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ކުނި އަޅަން ފެށި އެވެ. ހެދި ގޮތަކީ ވަޅުގަނޑު ކޮނެފައި ނަގާ ވެލިތައް ވަޅުގަނޑުގެ ވަށައިގެން އުސްކޮށް ވަށައިގެން ފަސްފުނިހެން ޖަހަނީ އެވެ. އެއަށް ފަހު ވަޅުގަނޑަށް ކުނި އެޅުމަށް ފަހު އޭގެ މައްޗަށް ގައުކުނޑި އަޅައި އެއްވަރުކޮށް ރީތި ބިމަކަށް ހަދަނީ އެވެ.
މުހައްމަދު ލަތީފު (ތިލަފުށީ ލަތީފު) އާއި ބާރަނާ ވަހީދާއި އަބްދުލްހަމީދު އަލީ ފަދަ ބޭފުޅުންގެ އެހީތެރިކަމާ އެކު އުމަރު ޒާހިރު އިސްކޮށް ހުންނަވައި އަމަލީ ގޮތުން ކުރެއްވި އެ މަސައްކަތުގައި އުނދަގޫތަކާ ކުރިމަތިވި އެވެ. އެގޮތުން ފުން ވަޅުގަނޑެއްގެ ތެރެއަށް އެކްކަވޭޓަރު ވެއްޓުނު ވެއްޓުން އެއީ އުމަރު ޒާހިރުގެ ހަނދުމަފުޅުގައި ހަރުލާފައިވާ ކަމެކެވެ.
"އިރުއޮއްސެނީ އެވެ. ވިއްސާރަ ވެސް ވެހެން ފަށައިފި އެވެ. ހިޔާވެލާނެ ތަނެއް ނެތެވެ. އެއްޗެހިތައް ހިޔާކޮށްލަން ސަތަރިގަނޑެއް ދަމައިގެން ހަދައިފައިހުރި ތަންކޮޅެއް ހުއްޓެވެ. ވަރަށް ކަނޑު ގަދަ ވެސް ރެއެކެވެ. އެންމެންނަށް ވެސް މިތިބެވުނީ ވަށައިގެން މޫދާއިކަނޑު އޮތް ފަޅެއްގެ މެދުން ހިކިފައި އޮތް ކުޑަކުޑަ ފިނޮޅުގަޑެއް ކަހަލަ ތަންކޮޅެއްގަ އެވެ،" އެކްސްކަވޭޓަރު ވެއްޓުމުން ތިލަފަޅުގައި ތާށިވެފައި ތިބެން ޖެހުނުގެ ވާހަކަތައް އުމަރު ޒާހިރު ލިޔުއްވާފައިވެ އެވެ.
އެކްސްކަވޭޓާރު ނެގެން އޮތީ ޕޯޓްސް އޮތޯރިޓީ ކެރޭނެއް ގެނެސްގެންނެވެ. މާލެ އަށް ގުޅޭނެ ގޮތެއް ނެތެވެ. އެހެންވެ ކެރޭން ހޯދަން ދޯންޏެއްގައި ތިލަފުށީ ލަތީފު މާލެ އަށް ފޮނުވައިލި އެވެ. އުފުލީގައި ކެރޭން ގެނެވުނީ ރޭގަނޑު 10 ޖެހިއިރު އެވެ.
އޭރު ބަނޑުހައިވެފައި ތިބުމުން މާލޭން ނޫޑުލްސް ކައްކައިގެން ގެންނަން ލޯންޗެއް ފޮނުވާލި އެވެ. ދެން ލިބުނީ ހިތާމަވެރި ހަބަރެކެވެ.
"އެއޮއްވަރުން މާލޭން ނޫޑުލްސް ކައްކައިގެން އައި ލޯންޗު އެތާ ކައިރި ފަރުމައްޗަށް އަރައި ހިކުނީ އެވެ. އަނެއްކާ ޖެހުނީ ދޯނި އެތަނަށް ފޮނުވއިގެން ލޯންޗާއި ނޫޑްލްސް ތެލި ސަލާމަތްކުރާށެވެ،"

އުމަރު ޒާހިރު.
ކެރޭން ބޭނުންކޮށްގެން އެކްސްކަވޭޓަރު ސަލާމަތްކުރެވުނީ މެންދަމު 12 ޖެހިއިރު އެވެ. ދޯނި ފޮނުވައިގެން ކާ އެއްޗެހި ގެނެވުނީ ވެސް އެއިރެވެ. އޭރު ތިބީ ބަނޑުހައިގެން ނިވައްތައިފަ އެވެ.
"އެރޭގެ ނޫޑުލްސްވީ ވަރަށް މީރު އެއްޗަކަށެވެ. އެކަހަލަ ގޮތެއް ދިމާވީމާ ނުހުރެ ނުދާނެ ހުރިހައި ރަހައެއް ވެސް އޭގައި ހުއްޓެވެ،" އުމަރު ޒާހިރު ލިޔުއްވި އެވެ.
"އެކްސްކަވޭޓަރު ނެގުމަށް ފަހު އެރޭ ކުރެވެން ހުރި ކަންތައްތައް ކޮށްލުމަށް ފަހު އެންމެންނަށް ފުރައިގެން މާލެ އާދެވުނުއިރު އެރޭގެ ފަތިހު 5 ޖަހަނީ އެވެ. މިއީ ހަމަ އެންމެ ރެއެއްގެ އެންމެ ހާދިސާއެކެވެ. މިކަހަ އެތައް ހާދިސާއެއް ވަނީ ތިލަފުއްޓާ ގުޅިފަ އެވެ."
ކުނި އަޅައިގެން ހިއްކި އެ ރަށުން 1997 ވަނަ އަހަރު ސިނާއީ މަސައްކަތްތައް ބިން ކުއްޔަން ދޫކުރަން ފެށި އެވެ. މިއަދު އެއީ ރާއްޖޭގެ އިގުތިސާދުގެ މުހިއްމު ރަށެކެވެ. އެއީ އުމަރު ޒާހިރުގެ ސިކުނޑީގައި ކުރައްސަވައިގެން އެމަނިކުފާނު އަމަލީ ގޮތުން މަސައްކަތްކުރައްވައިގެން ކާމިޔާބުކުރެއްވި ޕްރޮޖެކްޓެކެވެ.
މިނިސްޓަރުކަމުން ވަކިވެވަޑައިގެންނެވި ފަހުން ވެސް ގަވާއިދުން އެ ރަށަށް ޒިޔާރަތްކުރައްވައި މަސައްކަތް ހިނގާ ނުނހިގާ ގޮތް ބެއްލެވި އެވެ. އަދި 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަން ބަދަލުވުމުން ފެރީގައި ވެސް އެތަނަށް ވަޑައިގަން މަސައްކަތް ބައްލަވައި ހެއްދެވި އެވެ.
titledesc












