ނުފަރިތަ ޒުވާނަކު ދުއްވި ބައިސިކަލް ގޮސް ވަނީ މިސްޓާ ޑޭވީގެ ދެފައި ދެގޯޅިއަށެވެ. އެއާއެކު ޑޭވީއަށް އެވީ ގޮތެއްވީ އެވެ. ބަދަލުގައި އޮތީ ސޮރީއެއް އެކަންޏެވެ.
އިނގިރޭސީންގެ ހިމާޔަތުގެ ދަށުން މިނިވަންވުމަށް ދިވެހިން މަސައްކަތް ކުރަމުން ދިޔައިރު އެންމެ ހޫނު ރުޅިއެއް އަރައި މީހެއްގެ ގޮތުގައި އޭރު އިނގިރޭސި ހައިކޮމިޝަނަރެއްގެ ގޮތުގައި ދޫނިދޫގައި ހުންނެވި މިސްޓާ އާ ތިން ތަންޑޭވީ އެވެ.
ދޫނިދޫގައި ވަކިން ހުއްޓެއް ކަމަކު, ދިވެހިންގެ ފަރާތުން އެކިއެކި ދުއްތުރާތައް އޭނާ ދިޔައީ ކުރަމުންނެވެ. ފަންޑިތަ ހަދާ ބައެއްގެ ގޮތުގައި ދައްކައި ދޫނިދޫ ވަށައި ދުއްވައި ދުން އަޅައިދާނެ އެވެ. ޑޭވީގެ ލޯންޗަށް ކަޅު ތެޔޮ ޖަހައިދާނެ އެވެ. އެމީހުންގެ އެއްޗެއްސަށް ގެއްލުންދީފާނެ އެވެ.
މިކަންކަން ކުރަމުން ދިޔައީ ކޮން ބައެއްކަން އެންމެންނަށް ވެސް އެނގެ އެވެ. މިނިވަންކަމަށް ކެތްމަދުވެފައި ތިބި ޒުވާން ގުރޫޕްތަކެވެ. އެކަމަކު, އެ މަންޒަރު ފެންނަ ނުވަތަ އެކަން ކުރާ ބަޔަކު ދަންނަ މީހަކު ހުންނަ ކަމަކަށް ނުވެ އެވެ. ޒުވާން ގުރޫޕް އެކިއެކި އުކުޅުތައް ބޭނުން ކުރަމުން އިނގިރޭސިންނަށް ނުސީދާކޮށް އުނދަގޫ ކުރުމުގައި ދެމިތިއްބެވެ.
އެފަދަ އެއް ހާދިސާއެކެވެ;
އެ ދުވަހު ޑޭވީ މާލެ ފައިބަން އޮތް ގަޑިއާ ދިމާކޮށް ފާލަން ދޮށަށް ޒުވާނުންކޮޅެއް ދިޔަ އެވެ. ޒުވާނުން އެތަނަށް ދިޔައީ "ވަރުގަދަ ޕްލޭނެއް" ހަދައިގެން ފުރިހަމަ ތައްޔާރީގަ އެވެ. ޑޭވީއަށް ކޮންމެ ވެސް ވަރެއްގެ ގޯނާއެއްކޮށްލުމަށެވެ.
ޑޭވީގެ ލޯންޗު އެ ދުވަހު މަޑުކުރީ ބަނޑޭރިގޭ ކުރިމަތިން އޮންނަ މަގާ ދިމާގަ އެވެ. ޒުވާން ގުރޫޕް އޭރު ތިބީ މިހާރުގެ ބޮޑު ފާލަން ހުރި ހިސާބުގަ އެވެ. ޕްލޭނު ތަންފީޒުކުރަން ހަވާލުކޮށްފައިވާ ޒުވާނާ ހުރީ ބައިސިކަލެއްގައި މިހާރުގެ ރައީސް އޮފީހާ ހަމާގަ އެވެ.
ލޯންޗުން ޑޭވީ ފައިބާ ގަޑިއަށް އެ ޒުވާނާ ބައިސިކަލް ދުއްވަން ފަށައިފި އެވެ. ވަރަށް ނުފަރިތަ އެވެ. އަލަށް ބައިސިކަލަށް އެެރި މީހަކު ވެސް އެއަށްވުރެ ފަރިތަކަމާއެކު ބައިސިކަލް ދުއްވާނެ އެވެ. އޭނާ އެ ބައިސިކަލް އެ ސަރަހައްދުގައި އެ ދުއްވަނީ ފަރިތަކުރުމުގެ ނަމުގަ އެވެ.
ނުފަރިތަކަމާއެކު, ބައިސިކަލް ދުއްވަމުން އެ އަންނަ ޒުވާނަކީ ގައުމީ ހިދުމަތުގައި ދިވެހިން އެތައް އިހުތިރާމެއް އަދާކުރާ ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރެވެ;
އިނގިރޭސީންގެ އަތުން މިންޖުވާން ދިވެހިން ކުރަމުން ދިޔަ މަސައްކަތުގައި އަމިއްލަ ފަރުދުންގެ ހިއްސާ ވެސް ބޮޑެވެ. އޭގެ މަސައްކަތްތައް އެންމެ ގަދައަށް ކުރަމުން ދިޔަ އެއް ބަޔަކީ ޒުވާނުންގެ ގުރޭޕެވެ. ގުރޫޕް ހިންގެވުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އުމަރު ޒާހިރެވެ.
ކަންދިމާކުރި ގޮތުން އުމަރު ޒާހިރަކީ އާންމުންގެ ތެރެއިން އިނގިރޭސީންގެ އަމަލުތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅާ އެވެ. އެއީ, އައްޑުއަތޮޅު ލޭޒަން އޮފީހުގައި ހުންނެވި ދުވަސްވަރު އިނގިރޭސީންގެ އަމަލުތައް ގާތުން ފެނިވަޑައިގެންފައިވާތީ އެވެ.
އެހެންވެ، އިނގިރޭސިންގެ އަތް ދަށުން މިންޖުވާން އޮތް ޖޯޝު އަދާޔާ ހިލާފަށް އުމަރު ޒާހިރުގެ ވެސް ބޮޑީ އެވެ.
ލޯންޗުގައި އައިސް ޑޭވީ މާލެއަށް ފޭބީ އެވެ. ކުއްލިއަކަށް އޭނާއަށް ދިމާލަށް އެ އަމާޒުވީ އުމަރު ޒާހިރުގެ "އެ ހަމަލާ" އެވެ.

އުމަރު ޒާހިރު ބައިސިކަލްގައި: މިނިވަންކަން ހޯދުމަށް އަމިއްލަ ފަރުދީ ހައިސިއްޔަތުން ވެސް މަސައްކަތް ކުރެއްވި
ބައިސިކަލް ކޮންޓްރޯލް ނުވެ އެ އައި ގޮތަށް އައިސް ބައިސިކަލްގެ ކުރީފުރޮޅު މިސްޓާ ޑޭވީގެ ދެފައި ދެ ގޯޅިއަށް ވަނުމާއެކު އުމަރު ޒާހިރާއެކު ޑޭވީ ވެސް ބިންމައްޗަށް ވެއްޓިއްޖެ އެވެ. ޑޭވީއަށް ވީ ގޮތެއްވީ އެވެ.
"ކުރާނެ ކަމެއް ނެތްތާ އެވެ. ދިމާވި ގޮތަކުން ވީ ގޮތަކީ އެވެ. ދެން އޮތީ ސޮރީއޭ ބުނުންތާ އެވެ. މި ޒަމާނުގައިހެން އެ ލަފުޒު ވެސް އެހައި ފަސޭހައެއްކޮށް ދުލުކުރިއަށް އަންނަ ޒަމާނެއް ނޫނެންޏާ އެވެ. ވަރަށް ބޮޑަށް މާއަށޭ ބުނެލުން ނޫން ވަރެއް އޭރަކު ނުވާނެ އެވެ." އެ ހާދިސާއާ ގުޅޭ ގޮތުން ކަށިމާ ޝާކިރު ލިޔުއްވާފައިވެ އެވެ.
ހަގީގަތުގައި މިއީ ވީގޮތެއް ނޫނެވެ. ޒުވާނުންގެ ގުރޫޕްގެ އެ ވަރުގަދަ ޕްލޭން މުޅީން ކާމިޔާބެވެ. އުމަރު އެ ޕްލޭން ފުރިހަމައަށް ތަންފީޒު ކުރެއްވި އެވެ.
އުމަރު ޒާހިރު ކޮންމެ ކަމެއްގައި ވެސް އެގޮތެވެ. ޕްލޭން ރަނގަޅަށް ތަންފީޒު ކުރައްވަ އެވެ. އޭގެ އެންމެ ފުރިހަމައަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގެވި ކޮންމެ މަޝްރޫއުއެއް އެކަމަށް ހެކިދާނެ އެވެ.
މާލޭ މަގު ހެދުމުގެ މަޝްރޫއު, ހުޅުމާލެ މަޝްރޫއު, ތިލަފުށި ހިއްކުމުގެ މަޝްރޫއު, މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު ފަދަ އެތައް އެތައް މަޝްރޫއަކުން ފެންނަން އެ ހުރީ އުމަރު ޒާހިރުގެ ޕްލޭންގެ ކާމިޔާބު ކަމެވެ.
titledesc












