މަތީ ތައުލީމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން މިހާތަނަށް ނުލިބި ހުރި ފައިސާ ހޯދުމަށް މި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް މި ސަރުކާރުން ކުރާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ އަނބުރާ އެއްކޮށް ހަލާސްކޮށްފައި ވަނީ ނިސްބަތުން މަދު އަދަދެއްގެ ދަރިވަރުން ކަމަށެވެ.
"ޖުމްލަ 10،000 އަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދީފައިވާއިރު އެެއްކޮށް ދައްކާ ނިންމާފައި ވަނީ 530 ކުދިން. އެއީ ގަވައިދުން ފައިސާ އަނބުރާ ދައްކާ ނިންމާފައި ތިބި ދަރިވަރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މަތީ ތައުލީމުު ހާސިލްކުރުމަށް ލޯނު ދޫކުރަން ހިންގާފައިވާ ސްކީމުތައް ބޮއްސުންލާފައިވާކަން އޮޑިޓް ރިޕޯޓުތަކުން އެނގެ އެވެ. އެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ލިބެންޖެހޭ ފައިސާގެ އަދަދާއި ދަރިވަރުން ފައިސާ ނުދައްކާ ހޭދަވެފައިވާ މުއްދަތު ފަދަ މުހިންމު މައުލޫމާތުތައް ކަށަވަރު ކުރެވެން ނެތެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރުން ލޯނު ފައިސާ ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމަށާއި ސަބަބަކީ އެ ފައިސާ ހޯދައިގެން ނޫނީ މުސްތަގުބަލުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭން ދަތިވާނެތީ ކަމަށެވެ.

"ފައިސާ ހޯދުމަށްޓަކައި ކޮންމެ ތަނަކަށް ދާން ޖެހުނަސް އަޅުގަނޑުމެން ދާނަން،" އޭނާ ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއަކީ ހަމައެކަނި މިވަގުތު ކިޔަވަން ތިބި ދަރިވަރުންނަށް ކިޔަވާނެ ފައިސާ ހޯދައިދިނުން ނޫން ކަމަށާއި މުސްތަގުބަލުގައި ކިޔަވަންދާން ތިބި ދަރިވަރުންނަށް ވެސް ފައިސާ ހޯދައިދެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދަރިވަރުންގެ ފައިސާ ހޯދުމަށްޓަކައި ކޮންމެ ތަނަކަށް ދާން ޖެހުނަސް އަޅުގަނޑުމެން ދާނަން. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މި ފައިސާ ހޯދަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ލޯނު ނަގައި، ގަވައިދުން ފައިސާ ނުދައްކާ ދަރިވަރުން މި އަހަރުގެ ނިޔަލަށް ނުވަތަ މޮރިޓޯރިއަމް ހަމަވުމާއެކު އަނބުރާ ފައިސާ ދައްކަން ފެށުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އެއީ ލޯނެއް. އެހެންވީމަ އަނބުރާ ދައްކަން ޖެހޭނެ. ލޯނަކީ އަނބުރާ ދައްކާ ގޮތަށް ނަގާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލް އެކުލަވާލައި، 2017 ގައި ނެރެފައިވާ ސްޓޫޑެންޓް ލޯން ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2012 ވަނަ އަހަރުގެ ނިޔަލަށް ލޯނު އަނބުރާ ދައްކަން ޖެހޭ 935 ދަރިވަރުންގެ ތެރެއިން 242 ދަރިވަރުން، 2013 ވަނަ އަހަރުގެ ނިޔަލަށް 1،332 ދަރިވަރުންގެ ތެރެއިން 347 ދަރިވަރުން އަދި 2014 ވަނަ އަހަރުގެ ނިޔަލަށް 1،666 ދަރިވަރުންގެ ތެރެއިން 658 ދަރިވަރުން ލޯނު ފައިސާ އަނބުރާ ދައްކާފައެއްނުވެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ނެޝަނަލް ސްޓޫޑެންޑް ލޯން ސްކީމުން 2014 އިން 2019ގެ ނިޔަލަށް ޖުމުލަ 1.5 ބިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އެ ލޯނުތަކުގެ ތެރެއިން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 64 މިލިއަން ރުފިޔާ އަށް އަރަ އެވެ. ލިބެންޖެހި ނުލިބޭ ފައިސާ އެންމެ ގިނައީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މެނޭޖްކުރާ ގޮތަށް ދޫކޮށްފައިވާ ލޯނުތަކަށެވެ. އެ ސްކީމުން 114.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އަނބުރާ ދައްކަން ޖެހި ނުދައްކާ ފައިސާގެ އަދަދު 101.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެ ދެ ސްކީމާއެކު އެކިއެކި ސްކީމުތަކުން 2014 އިން 2019 ގެ ނިޔަލަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދަރިވަރުންނަށް ދޫކޮށްފައިވާއިރު، ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 173 މިލިއަން ރުފިޔާ އަށް އަރަ އެވެ.












