އެކަށީގެންވާ މިންވަރަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހުށަހެޅި މައްސަލަ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އޭސީސީ މެމްބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި މައްސަލާގައި ގޮތެއް ނިންމަން ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައި، ކޮމިޓީއަށް އަނބުރާ މައްސަލަ ފޮނުވާލީ މަޖިލިހުގެ ގަވާއިދުގެ ދަށުން އޮންނަ އިޖުރާއަތްތައް ފުރިހަމަ ކުރާށެވެ.
މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރަން ކޮމިޓީއަކުން ފާސްކޮށް ރިޔާސަތަށް ހުށަހެޅުމުން އެ މައްސަލަ ތަޅުމުގައި އިއްވުމަށްފަހު ބަހުސްކުރުމެއް ނެތި ދިރާސާކުރަން ފޮނުވަން ޖެހެ އެވެ. މި މައްސަލަ ތަޅުމަށް ފޮނުވޭނީ އެ މައްސަލައި ކޮމިޓީން ދިރާސަކުރުމަށްފަހު އެކުލަވާލާ ރިޕޯޓު ފާސްކުރުމަށްފަހު އެވެ.
މައްސަލަ ދިރާސާކުރުމުންދާއިރު މިި މައްސަލަ ރައްދުވާ އޭސީސީގެ މެމްބަރުންނަށް ކޮމިޓީއަށް ހާޒިރުވެ ނުވަތަ ލިޔުމުން ދިފާއުވާން ފުރުސަތު ލިބޭނެ އެވެ.

މި މައްސަލައިގައި ވޯޓަށް އަހާނީ، ކޮމިޓީން ތަޅުމަށް ހުށަހަޅާ ރިޕޯޓަށް ދެ ގަޑިއިރު ބަހުސްކުރުމަށް ފަހު އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކުރީ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ނުނިމި ލަސްވާ މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުން ހެދި ޕާފޯމަންސަކުން މެމްބަރުންނަށް މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް ދައްކާތީ އެވެ.
އޭސީސީގެ މެމްބަރުންގެ މައްސަލައިގައި މިއަދު ދައުރުން ބޭއްވި ޖަލްސާއަކީ، އެމްޑީޕީގެ 31 މެމްބަރަކު ހުށަހަޅައިގެން ބޭއްވި ޖަލްސާއެކެވެ.












