ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ބޭނުން ކުރާ އިސްލާމް ފޮތާއި ގުރްއާން ފޮތުން، ގުރްއާނުގެ އާޔަތްތައް އުނިކުރަން އުޅޭ ކަމަށް ބުނެ ހަބަރު ފެތުރި، ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން މިއަދު މައާފަށް އެދެފި އެވެ.
ދަރިވަރުން ކިޔަވާ ފޮތްތަކުގައި އާޔަތްތައް ލިޔުމުގެ ބަދަލުގައި އެ އާޔަތެއްގެ ނަންބަރަށް ރިފަރެންސެއް ޖެހުމަށް އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ނޮވެމްބަރު 25، ގައި އެންގީ، އެ ފޮތްތަކުގައި ހުރި ކުށްތައް ނައްތާލުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް އިސްލާމް ދީން ކިޔަވައިގެން ތިބި ބައެއް މީހުން އަޑުއުފުލުމުން މިނިސްޓްރީން ވަނީ އެ ނިންމުން ބާތިލްކޮށްފަ އެވެ.
އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ގުރްއާން ފޮތްތަކާއި އިސްލާމް ފޮތުގައި ހުރި ކުށްތައް އިސްލާހުކޮށް، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް އިސްލާހު ކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އެ މިނިސްޓްރީގެ ބޭނުމަކީ "އިސްލާމް ފޮތާއި ގުރްއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ގްރޫޕް ރީޑިން ވަރުގަދަ ކުރުން" ކަމަށް ވެސް އެ ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބުނެފައިވެ އެވެ.
އޭގެ އިތުރުން އެޑިއުކޭޝަންގެ ފަރާތުން ބުނެފައި ވަނީ އެ މިނިސްޓްރީން "އަބަދުވެސް މަސައްކަތް ކުރަނީ" ދަރިވަރުންގެ ހިތުގައި ދީނީ ރޫހު އާލާކޮށް، ލޯބި އުފެއްދުމަށް ކަމަށެވެ.

"މި ހަބަރާ ގުޅިގެން ބެލެނިވެރިންގެ ހިތްތަކުގައި އުފެދުނު ނުތަނަވަސްކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެން. މިނިސްޓްރީ އޮފް އެޑިއުކޭޝަން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށްކަމުގައި ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.












