ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލިކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހުށަހެޅި މެޑިކަލް ރިޕޯޓުތަކުގެ އުނިކަން، މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ހަބީރެއްގެ ރައުޔު ނެގުމުން ހާމަވެއްޖެ އެވެ.
ޒިޔަދަމް މަރާލާފައި ވަނީ މާޗް 20, 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރަށާއި ބުރަކައްޓަށާއި ފަލަމަސްގަނޑަށް މަސްކަނޑާ ވަޅިއަކުން ހަމަލާދީގެންނެވެ.
ގާތިލުންގެ ގޮތުގައި ތުހުމަތު ކުރަނީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމް އާއި މުހައްމަދު ޝަނޫން އެވެ. އެ އެ ދެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.
އެ ޒަހަމްތަކުގެ މައްޗަށް ތައްޔާރު ކުރި އެންޓު ޓޯޗާ ރިޕޯޓާއި، ޑެތު ސެޓްފިކެޓް ރިޕޯޓު ތައްޔާރު ކުރި ޑޮކްޓަރު މި ވަގުތު ރާއްޖޭގައި ނެތުމުން ޝަރީއަތުގެ އިޒުނައާއެކު، ދައުލަތުން މިއަދުގެ އަޑުއެހުމަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަމުން އަންނަ ޕެތަލޮޖިސްޓެކެވެ.
މީގެ 14 އަހަރު ކުރިން 2007 ވަނަ އަހަރު ޑޮކްޓަރުކަމުގެ ފުރަތަމަ ޑިގްރީ ނެގުމަށްފަހު، ސިއްހީ ހިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މި މީހާ ޕެތަލޮޖިސްޓަކަށް ހާއްސަވީ 2015 ވަނަ އަހަރަށް ފަހު އެވެ. އޭގެ ފަހުން ފުލުހާ ގުޅި، މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އިސްމާއިލް ޝަފީއު އެންމެ ފުރަތަމަ ހަބީރުގެ ރައުޔު ހޯދީ ޒިޔަދަމްއަށް ލިބިފައި ހުރި އަނިޔާތައް ކަމަށް ދައުލަތުން ހުށަހެޅި ރިޕޯޓުގައި ބަޔާންކޮށް ހުރި ކަންކަމާ ގުޅޭގޮތުންނެވެ. އެގޮތުން އެ ޒަހަމްތައް ލިބި އިންސާނެއް މަރުވެދާނެތޯ ގާޒީ އެއްސެވި އެވެ.
ހަބީރު ބުނީ ހަމަލާގެ ސަބަބުން ޒިޔަދަމްގެ ކަރަށް ކަނާއަތް ފަރާތުން ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކަރުގެ މައި ނާރަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ. މިފަދައިން އޭނާ ބުނުމާއެކު ގާޒީ ދެވަނަ ސުވާލަކަށް ކުރެއްވީ ކަރުގެ މައި ނާރު ބުރިވެގެން އިންސާނަކު ދުނިޔޭގައި ހުންނާނީ ކިތައް މިނެޓުތޯ އެވެ.
ހަބީރު ބުނި ގޮތުގައި ކަރުގެ މައި ނާރު ބުރިވެ، ލޭ ކޮންޓްރޯލް ނުވެއްޖެ ނަމަ، 5-10 މިނެޓް ތެރޭގައި އިންސާނެއް މަރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހަބީރުގެ ފަރާތުން ގާޒީ ސާފުކުރައްވަން ބޭނުންވި ކަންކަމަށްފަހު، ދައުލަތަށް ފުރުސަތު ދިނެވެ. ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ގާސިމްގެ އޮޅުންފިލުވަން މަސައްކަތް ކުރެއްވީ ޒިޔަދަމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައިރު، އޭނާގެ ހަށިގަނޑަށް ޒަހަމްވެފައިވާ އެއްވެސް ތަނަކުން ލޭ ނާންނަކަމަށް ރިޕޯޓުގައިވާ ނުކުތާ އެވެ.
ހަބީރު ދެކޭ ގޮތުގައި އެހެން އެ އޮތީ ޒިޔަދަމް ހޮސްޕިޓަލަށް ގެނައިރު ވެސް، މަރުވެފައިވާތީ އެވެ. އެގޮތުން އަނިޔާލިބިފައިވާ ތަންތަނުން ލޭ އައުން ހޮސްޕިޓަލަށް ގެނައިރު ހުއްޓިފައި އެވަނީ ގިނަ އަދަދެއްގެ ލޭ ބޭރުވެފައިވާތީ ކަމަށް ބުންޏެވެ. އަދި މަރުގެ ރިޕޯޓުން އެނގޭ ގޮތުގައި ހޮސްޕިޓަލަށް ގެނައިރު، ޒިޔަދަމްގެ ވިންދު ނެތް ކަމަށާއި ނޭވާ ވެސް ނުލާކަން އޭނާ ފާހަގަކުރި އެވެ.
ދައުލަތުގެ ސުވާލުތަކަށް ފަހު ދިފާއުއަށް ފުރުސަތު ލިބުމުން ދިފާއީ ވަކީލް ޔާމީން ވަނީ ގިނަ އިލްމީ ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން މެޑިކަލް ލީގަލް ރިޕޯޓުތަކުގައި ޒިޔަދަމް މަރާލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށް ބުނެފައިވާއިރު، އެއީ ކޮން ޒާތެއްގެ އެއްޗެއްކަން ރިޕޯޓުން ސާފުވޭތޯ އެހި އެވެ. ޖަވާބުގައި ހަބީރު ވަނީ އެކަން ސާފުނުވާ ކަމަށް ބުނެފަ އެވެ.
ދެން ދިފާއުން ސުވާލު އުފެއްދީ ރިޕޯޓްގެ ފުރިހަމަކަމާމެދު އެވެ. އެގޮތުން ޕެތަލޮޖިސްޓެއްގެ ރައުޔަކާ ނުލައި، މެޑިކަލް ޑޮކްޓަރުން ތައްޔާރު ކުރާ ރިޕޯޓެއް، މަރުގެ މައްސަލަތަކުގައި ބޭނުން ކުރަން އެންމެ ފުރިހަމަ ވާނެތޯ އޭނާ ހަބީރު ކައިރީ އެހި އެވެ. އަދި މެޑިކަލް ޑޮކްޓަރުންނާއި ޕެތަލޮޖިސްޓުންގެ ތަފާތު އޮޅުންފިލުވި އެވެ.
ހަބީރު ބުނި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަރުގެ މައްސަލަތަކުގައި މެޑިކަލް ލީގަލް ރިޕޯޓް ތައްޔާރު ކުރަނީ ޕެތަލޮޖިސްޓުންނެވެ. އެހެން ނަމަވެސް ރާއްޖޭގައި އެ ރިޕޯޓް ތައްޔާރުކުރަނީ މެޑިކަލް ޑޮކްޓަރުންކަން އޭނާ ފާހަގަކުރި އެވެ. ނަމަވެސް މެޑިކަލް ޑޮކްޓަރަކަށްވުމަށް ތައުލީމް ހާސިލް ކުރާއިރު، އެ މާއްދާ ކޮންމެވެސް މިންވަރަކަށް ފޮރިންސްސިކްގެ ބަޔާއެކު ކިޔަވައިދޭނެ ކަމަށް ބުންޏެވެ.
އެގޮތުން ޑޮކްޓަރުންނަށް ލިބިފައިވާ ތައުލީމުގެ އަލީގައި އެ ރިޕޯޓު ފުރިހަމަވި ނަމަވެސް، އެފަދަ ރިޕޯޓެއް ޕެތަލޮޖިސްޓެއް ތައްޔާރު ކުރާނީ އެއަށްވުރެ މާ ތަފްސީލުކޮށް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ މެޑިކަލް ލީގަލް ދެ ރިޕޯޓުވެސް ތަފްސީލު ނޫން ކަމަށާއި ފުރިހަމަ ނޫން ކަން ފާހަގަކުރި އެވެ.
މި ހަބީރުގެ ރައުޔާއެކު ދައުލަތުން ހުށަހެޅި ހުރިހާ ޝަފައީ ހެކިވެރިންގެ ހެކިބަސް ނެގުން ވަނީ ނިމިފަ އެވެ. މި މައްސަލާގައި ދިފާއުން ޝަފައީ ހެކި ހުށަހަޅާފައި ނުވިނަމަވެސް، ކިތާބީ ގިނަ ހެކި ހުށަހަޅާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެގޮތުން ދެން އަންނަ އަޑުއެހުން ޖެނުއަރީ މަހަށް ތާވަލްކުރެވިގެންދާނެކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ އެ އަޑުއެހުމުގައި ކުރިއަށް ދާނީ ހެއްކާގުޅޭ ގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން އިއްވުމުގެ މަރުހަލާ ކަމަށެވެ. އެއަށްފަހު އަންނަ އަހަރުގެ ފެބްރުއަރީގައި މި މައްސަލަ ނިންމާ ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގާޒީ ނިންމީ ބަންދު މުރާޖާގެ އަޑުއެހުމެއް ބާއްވަން
މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރި އަލީ ސިފާމްގެ ސިއްހީ ގިނަ ލިޔުންތަކެއް ދައުލަތުން ޝަރީއަތާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެ ލިޔުންތައް ދިފާއުއަށް ރައްދު ކޮށްދިނުމުން ދައުވާ ލިބޭ ސިފާމާއި ޝަނޫންއަށް ބަންދު މުރާޖާ ކުރަން އެދެވޭނެ ކަމަށް ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި މި ދެމީހުން ހައްޔަރު ކޮށްފައިވާ ހާލަތަށް ބަދަލު އައިސްފައިވާ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ބަންދަށް ލުޔެއް ދިނުމަށް ވިސްނަވާނެކަން ގާޒީ ފާހަގަކުރެއްވި އެވެ.
އެންމެ ފަހުން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ސިފާމް ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކަންބޮޑުވުން ފާޅުކުރީ ސިއްހީ ފަރުވާ ނުލިބި، އޭނާގެ އަޑު އިވުމުގެ ހިއްސު ގެއްލިގެން ދާތީ އެވެ. ސިފާމް ބުނި ގޮތުގައި ކްލިނިކަކުން އެންމެ ފަހުން ހެދި ޓެސްޓުން އެނގިގެން ދިޔައީ އޭނާގެ އަޑުއެހުމުގެ ހިއްސުގެ 95 ޕަސަންޓް ގެއްލިފައިވާ ކަމެވެ.
ދެން އޭނާ ބުނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އޭނާއަށް ފުލުހުން އަނިޔާ ކުރި ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާ ގޮޅި ތެރެއަށް ވަދެ، ބިންމައްޗަށް ވައްޓާލާ، އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ ވާހަކަ ޝަރީއަތަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެޗްއާރުސީއެމުން ވެސް އެކަން ކުށްވެރިކޮށް ރިޕޯޓެއް ނެރެފައި ވެއެވެ.
އެދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ އެ ލިޔުންތައް ޝަރީއަތާ ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އެ ލިޔުންތައް އަދިވެސް ނުލިބޭކަަން ފާހަގަކުރައްވާފަ އެވެ.
މިފަދައިން ގާޒީ ވިދާޅުވުމާއެކު ސިފާމް ވަނީ އޭނާގެ އަތުގައިވާ ބޮޑު ފައިލްއެއް ދެއްކުމަށްފަހު އެއީ އެ ލިޔުންތައް ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ލިޔުންތަކާ ހަވާލުވުމަށް ގާޒީ އިއުތިރާޒްވި އެވެ. ގާޒީ ވިދާޅުވީ އޮންނަ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ދިފާއީ ވަކީލުން މެދުވެރިކޮށް ކޯޓަށް އެ ލިޔުންތައް ހުށަހެޅުމަށެވެ.
މައްސަލަ ހިނގައި ދިޔަ ގޮތް
މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުން ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.
އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރު ވެސް ހެކިވެރިޔާ ހުރި ކަމަށާއި ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ކިޔައިދިނެވެ. އަދި ޝަނޫނުގެ ސޯޓުގަ އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.













