ވެމްކޯ އިން ކުނި އުކައިދޭ، އެތަނަށް ނުލިބެނީ އުޖޫރަ!

މީހަކު މަގުމަތީގައި ކުނި ކޮތަޅެއް ބަހައްޓަނީ: ގޭބިސީތަކުން 62 މިލިއަން ރުފިޔާ ނުލިބި އެބަހުރި -- ފޮޓޯ: ނިމާ ހަސަން/ ދަ ޕްރެސް

މީހަކު މަގުމަތީގައި ކުނި ކޮތަޅެއް ބަހައްޓަނީ: ގޭބިސީތަކުން 62 މިލިއަން ރުފިޔާ ނުލިބި އެބަހުރި -- ފޮޓޯ: ނިމާ ހަސަން/ ދަ ޕްރެސް

ގޭބިސީތަކުން އުކާލާ ކުންޏަށް 62 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށާާއި އާންމު ފަރާތްތަކުން ހިދުމަތަށް އަގު ނުދެއްކުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

"(މި އަހަރުގެ ސެބްޓެމްބަރު މަހުގެ ނިޔަލަށް) 80 މިލިއަން ރުފިޔާ އާންމު ފަރާތްތަކުން ނުލިބި އެބަ އޮތް، އޭގެ ތެރެއިން 62 މިލިއަން ރުފިޔާ އަކީ ގޭބިސީ ތަކުން ނުދައްކާ އޮތްވަރު،" ވެމްކޯގެ ޗީފް ފައިނޭންސް އޮފިސަރު އަބްދުލް ހަލީމް އަބްދުލް ގަފޫރު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުގެ ވެބްސައިޓުގަ ދާދިފަހުން ހާމަކުރި ވެމްކޯގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ ވާގޮތުން، އެ އަހަރު ވެމްކޯ އިން ދީފައިވައިވާ ހިދުމަތްތަކާއި ވިއްކާފައިވާ މުދަލަށް، 104 މިލިއަށް ރުފިޔާ ނުލިބި އެބައޮތެވެ. ނުލިބިވާ ފައިސާގެ ތެރެއިން 47.7 މިލިއަށް ރުފިޔާ އަކީ ސަރުކާރު ތަންތަނުން ލިބެން ޖެހޭ ފައިސާ އެވެ. އަދި 56 މިލިއަން ރުފިޔާ އަކީ އަމިއްލަ ފަރާތްތަކުން ލިބެން ޖެހޭ ފައިސާ އެވެ.

ވެމްކޯ އަށް ނުލިބިވާ ފައިސާގެ ތެރޭގައި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ 20 މިލިއަން ރުފިޔާ އާއި އެއްގޮތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ހަ މިލިއަން ރުފިޔާ ހިމެނޭ ކަމަށް 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަ ފާހަގަ ކޮށްފައިވެ އެވެ.

ވަކިވަކި ކަސްޓަމަރުންގެ އަތުން ނުލިބި ހުރި ފައިސާގެ ބޮޑުވެގެން ގޮސްފައިވާ ކަމަށާއި މިގޮތުން 49 މިލިއަނަށްވުރެ ގިނަ ރުފިޔާ، 2019 ވަނަ އަހަރުގެ ނިޔަލަށް ނުލިބި އެބަހުރި ކަމަށް އޮޑިޓް އޮފީހުން ހާއްސަކޮށް ފާހަގަ ކޮށްފައިވެ އެވެ. އަދި އެ ކަސްޓަމަރުންނާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބެން ނެތުމުން، އެ ކަސްޓަމަރުންގެ އަތުން ލިބެން ޖެހޭ ފައިސާގެ އެންމެ ފުރިހަމަ ތަފްސީލު ހޯދިފައި ނުވާކަމަށް ރިޕޯޓުގަ ބުނެފައިވެ އެވެ.

ވެމްކޯ އިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހު ގަވާދިދަށް ބަދަލު ގެނެސް، ގޭގެ ވެރިފަރާތުން ހިދުމަތަށް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަމަޖައްސައި މަގުމަތިން ކުނި ނެގުން ހުއްޓާލުމުން ގޭބިސީ ތަކުން ފައިސާ ނުދައްކާ މައްސަލަ އަށް ފާހަގަ ކުރެވޭ ހެޔޮ ބަދަލެއް އައި ކަމަށެވެ.

"ސެޕްޓެމްބަރާ އޮކްޓޫބަރު މަހު ބިލު ތަކުގެ ދެ ގުނަ އަށް ފައިސާ ދެއްކި، ފައިސާ ނުދައްކާ ހުރި ބައެއް ފަރާތްތަކުން ވެސް ފައިސާ ދެއްކި،" ހަލީމް ވިދާޅުވި އެވެ. "ގޭބިސީ ތަކުގެ ބިލަށް 5.7 މިލިއަން ރުފިޔާ އަރާނަމަ އެ ދެ މަހު 10 މިލިއަން ރުފިޔާ ލިބިފައި އެބަހުރި."

ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ފައިސާ ދެއްކުމަށް ހަދާން ކޮށްދިނުމަށް، އެ މަހެއްގެ 10 ވަނަ ދުވަހު އާއި މަސް ނިމުމުން ވެމްކޯ އިން މެސެޖު ފޮނުވަ އެވެ. ފައިސާ ނުދައްކާ ފަރާތްތަކަށް ހިދުމަތް ހުއްޓާލަނީ ތިން މަސް ދުވަހުގެ ބިލް ނުދައްކާ ނަމަ ހަތަރު ވަނަ މަހުން ފެށިގެންނެވެ.

ހަލީމް ވިދާޅުވި ގޮތުގައި އެހެން އިދާރާތަކުގެ މައުލޫމާތުތަކަށް ބަލާއިރު މާލޭގައި 47،000 ގޭބިސީ ހުރި ކަމަށް ދައްކާއިރު، ވެމްކޯ ގައި ރަޖިސްޓްރީ ކޮށްފައިވަނީ އޭގެ ތެރެއިން 16،000 ގޭބިސީ އެވެ.

"ވެމްކޯގަ ރަޖިސްޓްރީ ނުކުރާ ވަރަށް ގިނަ ފަރާތްތަކުގެ ކުނި ވެސް އެބަ އުކާލެވޭ،" ހަލީމް ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުގެ ތަންތަނަށް ވެމްކޯ އިން ނުލިބިވާ ފައިސާގެ ތެރެއިން ބޮޑު ބައެއް މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ހަލީމު ވިދާޅުވި އެވެ.

"ސަރުކާރުން ނުލިބިވާ 52 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބަޔަކީ މާލޭ ސިޓީ ކައުންސިލުން ލިބެން ޖެހޭ ފައިސާ، ސިޓީ ކައުންސިލުން ލިބެން ޖެހޭ 30 މިލިއަން ރުފިޔާ މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ބެލެވޭ،" އެނާ ވިދާޅުވި އެވެ.

ވެމްކޯ އިން ބުނީ އަމިއްލަ ފަރާތަކަކުން ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅި ނުވަ މައްސަލައެއް ނިމިފައިވާ ކަމަށާއި، ފައިސާ ނުދައްކާ ގޭބިސީ ތަކާމެދު އަމަލުކުރާނެ ގޮތަކާމެދު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ.

ވެމްކޯގެ އޮޑިޓް ރިޕޯޓުގަ ބުނެފަވާ ގޮތުގައި 2019 ވަނަ އަހަރު ވެމްކޯ އަށް 229 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި 51.5 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާ އެއް ވި ނަމަވެސް އެ އަހަރު އެ ކުންފުންނަށް 37 މިލިއަން ރުފިޔާ ވަނީ ގެއްލުންވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox