މިލާން (ޑިސެމްބަރު 13) - އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އިންޓަ އެއް ވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 17 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 17 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ. އަދި އެއް ވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނަޕޯލީ މިހާރު ހަތަރެއްގައި އޮތީ 17 މެޗުން 36 ޕޮއިންޓާ އެކު އެވެ.
ފަސް ވަނައިގައި ފިއޮރެންޓީނާ އޮތީ 17 މެޗުން 30 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އޮތީ 17 މެޗުން 28 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.
މި އަހަރު އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިނުވެ އޮތް އިންޓަ އިން ރޭގެ މެޗުގައި ލީޑުނެގީ މެޗުގެ 29 ވަނަ މިނިޓްގައި ހަކަން ޗަނޮނޮގްލޫ ނެގި ކޯނަަރަކުން ލަޓާރޯ މާޓީނޭޒް ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން އިންޓަގެ މާޓީނޭޒް ފޮނުވާލި ޕެނަލްޓީ ކަލިއަރީ ކީޕަރު އަލެސިއޯ ކްރާނޯ ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ގޯލެއް ޖަހަން އިންޓަ އިން ކުރި މަސައްކަތް މެޗުގެ 50 ވަނަ މިނިޓްގައި ކާމިޔާބުވި އެވެ. ނިކޯލޯ ބަރޭލާ ނެގި ހުރަހަކުން އަލެކްސިސް ސަންޗޭޒް ވޮލީއަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި އެ ޓީމަށް ލީޑުފުޅާކޮށްދިނެވެ. މެޗުގެ 66 ވަނަ މިނިޓްގައި އިންޓަގެ ތިން ވަނަ ގޯލު ޖެހީ ޗަނޮނޮގްލޫ އެވެ. އޭރިއާބޭރުން ޗަނޮނިޮގްލޫ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
އޭގެ ދެ މިނިޓް ފަހުން ބަރޭލާ މަތިން ހުރަސްކޮށްލި ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު މާޓީނޭޒް ވަނީ އިންޓަގެ ހަތަރު ވަނަ ގޯލު ޖަހައިދީފަ އެވެ.












