އަނަސްގެ މަރު: ދައުވާ ރައްދުވާ ޖުނައިހު ބޭރަށް ފުރަން އެދިއްޖެ

ޖުނައިހު (މަތީ ބަރީގެ ކަނާތުގައި).

ޖުނައިހު (މަތީ ބަރީގެ ކަނާތުގައި).

މީގެ ހަތަރު އަހަރު ކުރިން މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލ. ގަން، ޖުނައިދު އަބްދުﷲ ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދިއްޖެ އެވެ.

2017 ވަނަ އަހަރު ހިނގި މި ހާދިސާއާއި ގުޅިގެން ދައުލަތުން ދައުވާ ކޮށްފައި ހަތް މީހަކަށާއި، ކުޑަކުއްޖަކަށެވެ.

މި މައްސަލައިގައި އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ކޮށްފައިވާ ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި، މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ޖުނައިހު އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

މާސްކު އަޅައިގެން ތިބި ގްރޫޕަކުން އަނަސް ފަހާ ދުވެ، އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަދުމާއި އެކު، ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ޖަހާތަނުގެ ވީޑިއޯއެއް އާންމުވެފައިވެ އެވެ.

ފަނޑިޔާރެއް ނެތިގެން މަޑު ޖެހިފައި އޮތް މި މައްސަލައާއި މިއަދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އެވެ. ނަމަވެސް ގާޒީ ބަދަލުވި ކަމުގެ ލިޔުން ދައުލަތަށް ލިބިފައި ނުވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މައްސަލަ ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް މިއަދު ބޭއްވި އިދާރީ އަޑުއެހުމުގައި ދައުވާ ރައްދުވާ ޖުނައިހު ވަނީ އޭނާގެ ބަލި ހާލަތު ޝަރީއަތާއި ހިއްސާކުރުމަށް ފަހު، ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދިފަ އެވެ. އޭނާ ބުނީ ލޮލުގެ ފެނުމުގެ ހާލަތު ގޯސްވެގެން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލަށް ދެއްކުމުން، އިންޑިއާއަށް ދިއުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

"އައިޖީއެމްއެޗްއަށް ދެއްކީމަ ބުނީ އިންޑިއާއަށް ދާށޭ ވީ އެންމެ އަވަހަކަށް، އަޅުގަނޑުގެ ލޯ ކުރިއަށް ވުރެ ސަކަރާތޭ، ޓެސްޓުތަކުންވެސް އެކަން އިނގެން އޮންނާނެ،" ދައުވާ ލިބޭ ޖުނައިހު ބުންޏެވެ.

ދައުވާ ލިބޭ ފަރާތުން ބުނި ގޮތުގައި މީގެ ކުރިން ބަންދުގައި ހުރެވެސް އޭނާ ވަނީ ލޮލުގެ ސާޖަރީއެއް ހަދަން އިންޑިއާއަށް ގޮސްފަ އެވެ.

"މީގެ ކުރިންވެސް އަޅުގަނޑު ވާނީ ރާއްޖޭން ބޭރަށް ގޮސް ސާޖަރީއެއް ހަދާފައި، ބަންދުގައި ހުރެގެން،. އެކޮޅުންވެސް ރިފާކޮށްފައި އިނީ ޖެނުރުއަރީގައި ދާން. އަޅުގަނޑަށް އެނގިފައިވާ ގޮތުން ކޯޓުގެ ހުއްދައެއް ލިބިގެން އަޅުގަނޑަށް ދެވެން އަންނާނީ. މިހާރު ކަރެކްޝަންއިން އަންނަނީ އަޅުގަނޑު ފުރުވާލުމުގެ ކަންކަން ކުރަމުން. އެހެންވެ ކޯޓުގެ ހުއްދައަކަށް މި އެދެނީ،" ޖުނައިހު ބުންޏެވެ.

މި ހުށަހެޅުމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ނަދީމް ވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ދަންނަވާފަ އެވެ. އެގޮތުން ކަރެކްޝަން އިން އެ ހުއްދަ ދީފި ނަމަ، އެކަމުގައި ދައުލަތުން އިއުތިރާޒެއް ނެތް ނަމަ، ކޯޓުން އެ ހުއްދަ ދޭނެކަން ގާޒީ ފާހަގަކުރެއްވި އެވެ.

އެއާއި ހިލާފަށް ކަރެކްޝަންއިން އެ ހުއްދަ ދިނުމަށް އުޒުރުވެރިވެއްޖެ ނަމަ، ޖުނައިހުގެ ބަލިހާލަތު ދަލާލުކޮށްދޭ ލިޔެކިޔުންތައް ޝަރީއަތަށް ހުށަހެޅުމުން އެ ހުއްދަ ދޭން ފެނިވަޑައިގަންނަވާ ނަމަ އެކަން ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ދައުލަތުގެ އަތުގައި އެ ލިޔެކިޔުންތައް ހުރިތޯ ގާޒީ ސުވާލުކުރެއްވުމުން ދައުލަތުން ވަނީ ޖުނައިހު މިދިޔަ ބުރާސްފަތި ދުވަހު ޑޮކްޓަރަށް ދެއްކިކަމުގެ ސިއްހީ ލިޔެކިޔުންތައް މިވަގުތު ނެތް ކަމަށް ބުނެފަ އެވެ. އަދި އެ ލިޔުންތައް ކަރެކްޝަންއިން ހޯދުމަށްފަހު ޝަރީއަތާއި ހިއްސާ ކުރައްވާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ގާޒީ ނަދީމް ވަނީ އެ އެއްޗެހި މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޝަރީއަތާއި ހިއްސާކުރުމަށް އެދިފަ އެވެ.

ދައުލަތުގެ ސްޓޭޑް: ބަންދު މުރާޖާކުރަން ނޭދޭނަން

މިއަދުގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތްތައް ތަމްސީލުކުރާ ވަކީލުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރީ ދައުވާ ރައްދުވާ މީހުންގެ ބަންދު މުރާޖާ ނުކުރުމަށް ދައުލަތުން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ހަތް މީހުންނަކީ ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ބަންދު ކުރެވިފައިވާ މީހުން ކަމަށާއި، އެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަމަށް ދައުލަތުން ފާހަގަކުރި އެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ މައްސަލައަކަށް ހަވާލާދެއްވަމުން ދައުލަތުން ބުނީ ހާއްސަ ގާނޫނުގެ ދަށުން ދައުވާކޮށް، ބަންދުކުރެވޭ މީހުންނަށް އާއްމު އިޖްރާއީ ގާނޫނު ނުހިނގާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ދިފާއީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވަނީ ދައުލަތުން ހަވާލާދިން ސުޕްރީމް ކޯޓުގެ ނިންމުން ފާހަގަކޮށް، އެ ގަޒިއްޔާއާއި ޖިނާއީ އިޖުރާތުގެ މަފްހޫމް (ހަގީގީ މާނަ) ދައުލަތުން އޮޅުވާލި ކަމަށް ވިދާޅުވެފަ އެވެ.

ދިފާއީ ވަކީލް އާދަމް އާސިފް ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް އަވަސް ކުރަން ދައުލަތުން މަސައްކަތް ނުކުރާ ކަމަށާއި، ޝަރީއަތް ދިގުލައިގެން ދިއުމުގެ ސަބަބުން ދައުވާ ރައްދުވާ މީހުންނަށް އަނިޔާ ލިބެމުންދާ ކަމަށެވެ. އެހެން ކަމުން އޭނާ ގާޒީގެ އަރިހުގައި އެދުނީ ބަންދު މުރާޖާ ކުރުމާއި މެދު ގޮތެއް ނިންމެވުމަށެވެ.

އާސިފްގެ ވާހަކައަށް ރައްދު ދެމުން ދައުލަތުން ބުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުންތައް ލަސްވާކަން ފާހަގަކޮށް، އަަވަސްކޮށްދިނުމަށް ސިޓީއަކުން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ.

ދައުލަތުގެ ވާހަކަތަކާ ވިދިގެން ވަކީލް އާސިފް ވިދާޅުވީ އެކަމަށް ދައުލަތުން އެދުނީ އަޑުއެހުމެއް ނުބޭއްވި އަށް މަސް ދުވަސް ފާއިތުވުމުން ކަމަށެވެ. އަދި ދައުވާ ރައްދުވާ ފަރާތްތަކަށް ދައުލަތުން އިހުމާލުވާ މިންވަރު އެކަމުގެ ރަމްޒުކޮށްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އާސިފް ވިދާޅުވި ގޮތުގައި އެ މައްސަލަ އަވަސްކޮށްދިނުމަށް މަހަކު ދެފަހަރު އޭނާ ކޯޓަށް ސިޓީ ފޮނުވަ އެވެ. ދައުވާ ރައްދުވާ ފަރާތުގެ އާއިލާއިން ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ސިޓީ ފޮނުވަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ގާޒީ ވިދާޅުވީ މި މައްސަލަ ވީހާވެސް އަވަހަކަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިފާއުން ހުށަހެޅި ބަންދުގެ މުރާޖައާ ކުރުމުގެ މައްސަލައާއި ގުޅިގެން ގޮތެއް ނިންމަމުން ގާޒީ ނަދީމް ވިދާޅުވީ، ދައުލަތުން އެކަމަށް އިއުތިރާޒް ކުރާނަމަ، އެ ފުރުސަތު ދިފާއަށް ލިބޭ ކަމަށެވެ. އެހެންވެ ބަންދު މުރާޖައާގެ ފޯމް ވީއެންމެ އަވަހަކަށް ދިފާއުން ހުށަހެޅުމަށް އެދުނެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު، ދައުވާ ލިބޭ ފަރާތްތަކުން ވެސް ވަނީ ދިފާއީ ހެކި ހުށައަޅާފަ އެވެ. އެގޮތުން ދިފާއީ ގިނަ ހެކިތަކަކީ ދައުވާ ލިބޭ ފަރާތް ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތްކަން ސާބިތު ކުރުމުގެ ގޮތުން ހުށައަޅާފައިވާ ހެކިތަކެވެ.

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ މި މައްސަލާގައި ދެން އޮންނާނީ ދިފާއީ ހެކިތައް ހުށަހެޅުމެވެ. ދިފާއީ ވަކީލުން ވަނީ އެކަމަށް އެއްދުވަސް އެއްކޮށް ހޭދަކުރައްވައިގެންވެސް، ވީ އެންމެ އަވަހަކަށް ނިންމަވައިދިނުމަށް އެދިފަ އެވެ. އެހެންވެ، އެއް ދުވަސް އެއްކޮށް ލިބޭނެ ދުވަހަކަށް ގާޒީ އެ މައްސަލަ ތާވަލްކުރެއްވި އެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހަށެވެ. އެދުވަހު މި މައްސަލައިގެ ބަންދު މުރާޖާ ކުރުމުގެ ބައި ވެސް ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox