2015 ވަނަ އަހަރު ފެބްރުއަރީ މަހު ވަޅިން ހަމަލާދީ ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގައި ހުންނަ ހ. ހަންޑްރެޑް ފްލާވާސްގޭ ކައިރީ މަރާލި، ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ހަ އަހަރަށް ފަހު ނިމުމަކާއި ހަމައަށް ގޮސްފި އެވެ.
ޖައިލަމް މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދާއި ގ. ސިނަމާލެ އިސްމާއިލް އަނީގު އާއި ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން އަދި ގއ.ވިލިނގިލީ، ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.
މި މައްސަލައިގައި އަނީގު އާއި ހުމައިދުގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އެވެ. ނަސީބާއި އިރުފާނުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި ދިގުލައިގެންދާ މި މައްސަލަ ހުއްޓުމަކާއި ހަމައަށް އައީ، އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ، އިސްމާއީލް ރަޝީދު އެ ކޯޓުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެއަށްފަހު އޮކްޓޯބަރު މަހު، އެންމެ ފަހުން ބޭއްވުނު އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ގާޒީ ސޮއްފަތު ހަބީބު އެވެ. މިއަދު މި މައްސަލައާއި ރަސްމީކޮށް ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓާ ދާދި ފަހުން ގުޅިވަޑައިގެންނެވި ގާޒީ އިސްމާއިލް ޝަފީއު އެވެ.
އެގޮތުން މިއަދު ކުރިއަށް ގެންދިޔައީ، މައްސަލަ ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށް ކުރިއަށް ގެންދެވުނު އިދާރީ އަޑުއެހުމެކެވެ. ގާޒީ އެންމެ ފުރަތަމަ ވެސް އެއްސެވީ ޝަފަހީ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުންނެވެ.

ދައުލަތުގެ ވަކީލް އާލިޔާ އަބްދުއްސަމަދު ވިދާޅުވި ގޮތުގައި މި ކުށް ސާބިތުކުރުމަށް ހަ ހެކިވެރިންގެ ހެކިބަސް ނަގާފައި ވާއިރު، އެއް ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނުނަގާ ކުރިއަށް ދާން ނިންމާފައިވާ ކަމަށެވެ. ދެން ބާކީ ނުނެގި އޮތީ ޖައިލް މަރާލިކަމުގެ މެޑިކަލް ލީގަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރުގެ ހެކި ބަސް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ޑޮކްޓަރު މިވަގުތު ރާއްޖޭގައި ނެތުމުން، ދައުލަތުން ވަނީ ހަބީރެއްގެ ހެކިބަސް ނެގުމަށް އެދިފަ އެވެ. ނަމަވެސް ދިފާއީ ވަކީލުން އެކަމާއި އިއުތިރާޒް ކުރި އެވެ.
ދައުވާ ރައްދުވާ ނަޖީބު ތަމްސީލު ކުރާ މުހައްމަދު ވަކީލް މުހައްމަދު ޝާހް ވިދާޅުވީ، އެ ރިޕޯޓު ސާބިތު ކުރަން ހަބީރެއްގެ ހެކިބަސް ނަގަން ޖެހޭ ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ އެ ހެކިބަހުގައި ހުސޫމާތެއް ނެތުމުންކަން ފާހަގަކުރެއްވި އެވެ.
"މެޑިކަލް ލީގަލް ރިޕޯޓް ހުށަހަޅާފައި އޮތީ ތުހުމަތު ކުރެވޭ ފަރާތްތައް ކަޝްފުވާ ގޮތަކަށް ނޫން. އެހެންކަމުން މައްސަލަ އިތުރަށް ލަސްކުރަން އެ ހެކިބަސް ނެނގުމަށް އަޅުގަނޑު އިއުތިރާޒް ކުރަން،" ވަކީލް ޝާހު ވިދާޅުވި އެވެ.
މި ވާހަކައަށް ދައުވާ ރައްދުވާ ހުމައިދުގެ ވަކީލް މުހައްމަދު ވިޝާމާއި ނަސީބުގެ ދިފާއީ ވަކީލް ތާއީދު ކުރެއްވި އެވެ.
ނަސީބުގެ ވަކީލް ވިދާޅުވީ ހަބީރަކަށް ދައުލަތުން ހުށަހަޅާފައި ވަނީ މެޑިކަލް ލީގަލް ރިޕޯޓް އިގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެއްވި މީހާ ކަމަށެވެ. އެހެންވެ އޭނާ ވަނީ ތަރުޖަމާނަކީ، ހަބީރެއް ނޫން ކަމަށް ބުނެ، އެ ހެކިވެރިޔާގެ ހެކި ބަހުގައި ބުރަދަނެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
މައްސަލަ ގޮސްފައިވާ ހިސާބު ދައުލަތުންނާއި، ދިފާއުން އޮޅުންފިލުވުމަށް ފަހު ގާޒީ ވިދާޅުވީ މައްސަލަ އަވަސް ކުރުމަށްޓަކައި ރިސެސްގެ މުއްދަތުގައި ހުލާސާ ބަޔާން އިއްވުމަށާއި، ހެއްކާއި ބެހޭ ގޮތުް ވާހަކަދެއްކުމަށް އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށެވެ. އެއީ މިމަހުގެ 27 ވަނަ ދުވަހަށެވެ.
އެ އަޑުއެހުމަށްފަހު އެއްމަސްދުވަސް ތެރޭގައި ހުކުމާއި ހަމައަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ގާޒީ ޝަފީއު ދެއްވި އެވެ.
ދިފާއީ ވަކީލުން ގަބޫލުކުރާ ގޮތުގައި މި މައްސަލަ ސާބިތުވުމަކީ ނާދިރު ކަމެެކެވެ. އެއީ މައްސަލަ ސާބިތުވާ މިންވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާތީ ކަމަށް އެފަރާތްތަކުން ބުންޏެވެ.












