ހާއްސަ ތިން ކެޓަގަރީއަކަށް ހިލޭ ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ނިންމައިފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެމްޓީސީސީގެ ބަސްތަކުން ހިލޭ ހިދުމަތް ލިބޭނެ އެވެ.
މާލެ ސަރަހައްދެކޭ އެއްގޮތަށް ބަހުގެ ހިދުމަތް ހިލޭ ދިނުމަށް ނިންމާފައި ވަނީ އަތޮޅުތެރޭގައި ވެސް މި އިންތިޒާމް އޮންނާނެ އެވެ.
އެމްޓީސީސީން ބުނީ އަންނަ މަހުން ފެށިގެން ހިލޭ ބަހުގެ ހިދުމަތް އެ ތިން ކެޓަގަރީގެ މީހުންނަށް ފެށިގެންދާނެ ކަމަށެވެ.
"މި ކުންފުނިން ފޯރުކޮށްދޭ އާންމު ފެރީ ހިދުމަތުގައި މީގެ ކުރިން ވެސް ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުކުރެވޭނެ،" އެމްޓީސީސީން ބުންޏެވެ.

މިވަގުތު އަތޮޅުތެރޭގައި ބަހުގެ ހިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ދޭ ބަހުގެ ހިދުމަތެއް ގޮތުގަ އެވެ.
އެމްޓީސީސީން ބުނީ އައްޑޫ، ފުވައްމުލައް އަދި ލ.އަތޮޅުގެ (ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ) ރަށްތަކުގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި އާ ބަސްތަކެއް ހޯދުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށެވެ.
"މި އާ ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ލ. އަތޮޅުގެ ރަށްތަކުގައިވެސް ބަހުގެ ހިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ލިބިގެންދާނެ،" އެމްޓީސީސީން ބުންޏެވެ.












