ފާތިރު މުހައްމަދުގެ މަރާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އިޖުރާއީ ބަހުސަކަށް ގޮސް، ދައުލަތުގެ ވަކީލާއި ދިފާއީ ވަކީލު ޒާތީވެ، އަރާރުންވެއްޖެ އެވެ.
ދިފާއީ ވަކީލް އަލީ ޝާހު ކަންބޮޑުވީ ދައުލަތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދިފައިވާއިރު، އެ ހެކިތައް ހާމަކުރުމަށް އުޒުރުވެރިވުމުންނެވެ. ހެކި ރައްކާތެރި ކުރުމުގެ ފޯމު ސިއްރު ކުރެވޭނެ ހަމައެއް ގާނޫނުގައި ނެތް ކަމަށް ވަކީލް ޝާހު ގަބޫލުކުރެ އެވެ. އަދި ސިއްރު ހެކިވެރިންގެ މައުލޫމާތު އުނިކުރުމަށް ފަހު އެ ފޯމު ދިފާއުއާ ހިއްސާކުރުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ ހެކި ރައްކާތެރިކުރުމުގެ އަމުރު ހާމަ ކުރުމުން ހެކިވެސް ހާމަ ކުރެވެނީ ކަމަށާއި، އެއީ ތަބީއީ ގޮތުން ބަލާއިރުވެސް އެކަން ވާނޭ ގޮތް ކަމަށެވެ. މިފަދައިން ވިދާޅުވުމާއެކު ޝާހު ވިދާޅުވީ "ޕީޖީއިން ވަކީލުންނަށް ފޮނުވަނީ ކުޑަކުދިން ކަމަށާއި، ކުޑަކުދިންނަށް އެފަދަ ގާނޫނީ ކަންކަން ނޭނގޭނެ" ކަމަށެވެ. އަދި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ސިއްރު ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، މަތީ މަރުހަލާގެ ކޯޓަކުން ވެސް އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހުގެ ވާހަކައަށް ދައުލަތުން އަނެއްކާވެސް ރައްދު ދިނެވެ. މިފަހަރު ވަކީލު ނައުޝާދު ވަނީ ޝާހުއަކީ "އަން ޕްރޮފެޝަނަލް ވަކީލެއް" ކަމަށް ސިފަކުރައްވައި، ވާހަކަ ދައްކަވާފަ އެވެ. ދެ ފަރާތުން އަރާރުންވާ ހިސާބަށް ދިއުމުން މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ޒާތީ ވާހަކަތައް ޝަރީއަތުގެ މަޖިލީހުގައި ނުދެއްކުމަށް އިލްތިމާސްކުރައްވާ، ގާނޫނީ ވާހަކަ ދެއްކުމަށް ނަސޭހަތްތެރިވެފަ އެވެ.
އެހެން ނަމަވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި އަނެއްކާވެސް ދެ ވަކީލުން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް އަމާޒު ކުރަން ފެށުމުން، ގާޒީ ވަނީ އެކަން ދެވަނަ ފަހަރަށް ހުއްޓުވާ އެފަދައިން ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް އަންގަވާފަ އެވެ.

ދިފާއީ ވަކީލު ޝާހު ވިދާޅުވީ ދައުލަތުން އާންމުކޮށް "ދިފާއީ ވަކީލުންނާއި ދިމާލަށް ވަޅިއާއި، ގާ އުކާ" ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީސްތަކުގެ ތެރެއިން ދިފާއީ ވަކީލުންނަށް "ފުރައްސާރަކޮށް މައްލަވަ" ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޝާހު ދެކޭ ގޮތުގައި ދައުލަތުގެ ވަކީލުންގެ ނަޒަރުގައި ދިފާއީ ވަކީލުންނަކީ ވަރަށް ދަށް ބައެކެވެ.
މި އިޖުރާއީ ބަހުސާއި މެދު ގާޒީ ނިންމެވީ ދައުލަތުން އެދުނު ގޮތަށް ހެކި ރައްކާތެރި ކުރުމަށް ކޯޓުގައި އެދުނު ފޯމު ސިއްރު ކުރުމަށެވެ. އަދި އެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމުގެ ހައްގު ދިފާއުއަށް ލިބިގެންވާ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.
ވަކީލް ޝާހު ވަނީ ސިއްރު ހެކިވެރިންގެ ޒާތީ މައުލޫމާތުތައް އުނި ކުރުމަށްފަހު، ހެކި ރައްކާތެރި ކުރުމަށް އެދުނު ފޯމު ދިފާއަށް ހިއްސާ ކުރުމަށް އެދިފަ އެވެ. އެހެން ނަމަވެސް އެ ހުށަހެޅުމަށް ގާޒީ އިޖާބަދެއްވާފައި ނުވެ އެވެ.
2016 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލަ އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގަ އެވެ. ނަމަވެސް މި މައްސަލަ މަދަނީ މިންގަނޑުން އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ މިއަދު ކަނޑައެޅުއްވި އެވެ.
titledesc
ދިފާއުން ސުވާލު އުފެއްދީ ސީސީޓީވީ ފޫޓޭޖް އެނަލައިސްކުރި ސޮޕްޓްވެއާމެދު
މިއަދު ހެކި ހުށަހަޅަމުން ދައުލަތުން ބުނީ ފާތިރު އޭނާ ދިރިއުޅެމުންދާ ގޭގައި ހުރެ، ތިރިއަށް ފޭބީ އޭނާއަށް މީހަކު ގުޅުމުން ކަމަށެވެ. އަދި ސިޑިން ތިރިއަށް ފޭބި ވަގުތު ދެ މީހަކު އެ ގެއަށް ވަދެ އޭނާ ގަޔަށް ވަޅި ޖެހި ކަމަށާއި، ސީސީޓީވީ ފޫޓޭޖް އެނަލައިޒްކޮށް ބެލިއިރު، އެ ދެމީހުންގެ ތެރެއިން އެކަކީ މ. ކުރިރުއް، އިރުފާން ރުޝްދީ، 21 ކަން އެނގޭ ކަމަށެވެ. އެގޮތުން ވީޑިޔޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރިއިރު، އިރުފާންއާ އެއްގޮތް ހަ ސިފައެއް ފެނިފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
މި ހެކި ސާބިތު ކުރުމަށް އެ ރިޕޯޓް ތައްޔާރު ކުރި ދެ އޮފިސަރެއް ޝަފަހީ ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.
މި ހެކި ހުށަހެޅުމާއެކު ދިފާއުން ސުވާލު އުފެއްދީ އެ އެނަލިސިސްގެ ސައްހަކަމާއި މެދު އެވެ. އެގޮތުން މި ތަހުލީލުގައި ދައުލަތުން ބޭނުންކުރި އީއެމްޕީ ސޮޕްޓުވެއާއަކީ މީހާގެ ސިފަ ދެނިގަތުމަށް ބޭނުންކުރާ ސޮޕްޓްވެއާއެއް ނޫންކަން ފާހަގަކޮށް، އޭނާ ވަނީ އެ ސޮޕްޓްވެއާ އުފެއްދި މީހުންގެ ލިޔުމެއް ހުށަހަޅާފަ އެވެ. އަދި އެ ސޮޕްޓުވެއާ އަކީ މީހާގެ އިސްކޮޅު ބަލާ ސޮޕްޓުވެއާއެއް ކަމަށް ބުނެ، ދިފާއީ ވަކީލު ޝާހު ވަނީ އެފަދަ ކަންކަމަށް ހާއްސަ ނޫން ސޮޕްޓުވެއާއެއް މެދުވެރިކޮށް ކުރާ ތަހުލީލަށް އިތުބާރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ދައުލަތުން ދެން ހުށަހެޅީ، ފާތިރު މަރުވީ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުންކަން ސާބިތު ކުރުމަށް ބާރުދޭ ހެކިތަކެވެ. އެގޮތުން މަރުގެ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓާރާއި، ފުލުހުންގެ ރިޕޯޓެއް ހުށަހަޅާފައި ވެއެވެ. ދިފާއުން މި ހެކިތަކަށް ރައްދު ދެމުން ބުނީ ދައުވާ ރައްދުވާ އިރުފާން މި މާރާމާރީއާއި ގުޅުމެއް ނެތް ކަމަށާއި، އެކަމަށް ބާރުދޭ ހެއްކެއްވެސް ދައުލަތަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އިރުފާންއަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވިކަމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

އިރުފާން ރުޝްދީ --
ފާތިރު މަރާލީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީގައި ކ. ކާށިދޫ، އަހްމަދު އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން ކުރިން ހިނގާފައިވާ މާރާމާރީތަކުގައި ބައިވެރިވެފައިވާކަން ފާހަގަކުރެ އެވެ.












