ޕާކިސްތާނުގައި ސްރީލަންކާ ރައްޔިތަކު މަރާލި މައްސަލަ ބޮޑުވެއްޖެ

ޕްރިޔަންތަ ދިޔަވަދަނަގެ މަރާލުމާ އެކު ސްރީލަންކާ އާއި ޕާކިސްތާނުގައި ދަނީ މުޒާހަރާ ކުރަމުން. -- ފޮޓޯ: އީޕީއޭ

ޕްރިޔަންތަ ދިޔަވަދަނަގެ މަރާލުމާ އެކު ސްރީލަންކާ އާއި ޕާކިސްތާނުގައި ދަނީ މުޒާހަރާ ކުރަމުން. -- ފޮޓޯ: އީޕީއޭ

އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގައި ގްރޫޕަކުން ހަމަލާ ދީ އަނިޔާވެރި ގޮތަކަށް ސްރީލަންކާގެ ރައްޔިތަކު މަރާލި މައްސަލަ ބޮޑުވެއްޖެ އެވެ.

ޕާކިސްތާނުގެ ސިއަލްކޮތު ޑިސްޓްރިކްޓުގައި ފެކްޓްރީ މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ޕްރިޔަންތަ ދިޔަވަދަނަގެ ގައިގައި ތަޅައި އަނިޔާކޮށް މަރާލުމަށް ފަހު ހަށިގަނޑުގައި ރޯކޮށްލީ ހުކުރު ދުވަހު އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވީ އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިމްރާން ހާން އެކަން ސިފަކުރެއްވީ ގައުމަށް "ބޮޑު ލަދެއް" ލިބުނު ދުވަހެއްގެ ގޮތުގަ އެވެ. ސްރީލަންކާގައި ތިބި ދިޔަވަދަނަގެ އާއިލާ އިން ބުނީ އިންސާފު ބޭނުންވާ ކަމަށެވެ.

އޭނާގެ އަންހެނުން ނިރޯޝީ ދަސަނަޔަކެ ސްރީލަންކާ އާއި ޕާކިސްތާނުގެ ސަރުކާރަށް ގޮވާލީ ފުރިހަމަ ތަހުގީގެއް ހިންގައި "ފިރިމީހާ އާއި ދެ ކުދިންނަށް އިންސާފު ހޯދައިދިނުމަށެވެ."

"އޭނާ އަށް ހަމަލާ ދޭ މަންޒަރު އިންޓަނެޓުން އަޅުގަނޑަށް ފެނުނު... އެ މީހުން އަމަލު ކުރީ ވަރަށް ލާއިންސާނީކޮށް،" ދަސަނަޔަކެ ބުންޏެވެ.

ފާއިތުވި ހަފުތާ ބަންދުގައި އެ ހަމަލާއާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. ވީޑިއޯތަކުން ފެންނަނީ ގިނަ ބަޔަކު ދިޔަވަދަނަގެ ވަށާލައިގެން އޭނާ އަށް އަނިޔާ ކުރާ މަންޒަރެވެ.

އޭގެ ފަހުން ހަށިގަނޑުގައި ރޯކޮށްލައި، ބައެއް މީހުން ސެލްފީ ނަގާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެ އެވެ.

ހަމަލާ ދިނީ ކީއްވެ؟

ހަމަލާ ދޭން ފެށީ ދިޔަވަދަނަގެ އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެވެ. އެގޮތުން ކީރިތި ރަސޫލާއާ ގުޅުވައިގެން މެސެޖުތައް ލިޔެފައިވާ ޕޯސްޓަރުތަކަށް އޭނާ ގެއްލުން ދިން ކަމަށް އަޑު ފެތުރުނެވެ.

ނަމަވެސް ދިޔަވަދަނަގެއާ އެކު މަސައްކަތް ކުރާ މީހަކު ބުނީ ޕޯސްޓަރުތައް ފާރުން ނެއްޓީ އިމާރާތް ސާފު ކުރުމުގެ މަސައްކަތަށް ކަމަށެވެ. ދިޔަވަދަނަގެ އަންހެނުން ވެސް ބުނީ އޭނާ އިސްލާމްދީނަށް ފުރައްސާރަ ނުކުރާނެ ކަމަށެވެ.

"އެ ވާހަކަތައް އަޅުގަނޑު ދޮގުކުރަން. އޭނާ އަކީ ކުށެއް ނެތް މީހެއް،" ދަސަނަޔަކެ ބުންޏެވެ.

"ޕާކިސްތާނުގައި ދިރިއުޅުމުގެ ކަންކަން އޮންނަ ގޮތް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ. އެއީ މުސްލިމް ގައުމެއް. އެ ތަނުގައި ކޮށްގެން ނުވާނެ ކަންކަން އޭނާ އަށް އެނގޭ. އެ ތަނުގައި 11 އަހަރު ވަޒީފާގައި އެ އުޅެވުނީ އެހެންވެ."

އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގައި ބޮޑު ކުށެކެވެ. އެފަދަ ކަމެއްގެ ތުހުމަތު ކުރެވޭ މީހާއާ މެދު ޕާކިސްތާނު ރައްޔިތުން ވަރަށް ގިނަ ފަހަރު އަމަލު ކުރަނީ އަނިޔާވެރިކޮށެވެ.

ހުކުރު ދުވަހު ދިން ހަމަލާގައި ވެސް އެތައް ސަތޭކަ ބަޔަކު ބައިވެރިވި އެވެ. އެހެންވެ އެ ހަމަލާ އަށް ފަހު ގިނަ ބަޔަކު ދަނީ ހައިރާންކަން ފާޅުކުރަމުންނެވެ.

ބޮޑު ވަޒީރު އިމްރާން ހާން އެ ހަމަލާ ކުށްވެރި ކުރެއްވުމަށް ފަހު ވިދާޅުވީ ބައިވެރިވި އެންމެންނަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ވާހަކަދެއްކެވި ކަމަށާއި، އެ ހަމަލާ އަކީ ޕާކިސްތާނުން ބަލައިގަންނާނެ ހަމަލާއެއް ނޫން ކަމަށް ދަންނަވާފައި ވާނެ ކަމަށް އިމްރާން ހާން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ސްރީލަންކާގެ އިދާރާތަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ސްރީލަންކާގެ މުސްލިމުންނަށް ހަމަލާތައް އަމާޒުވެދާނެ ކަމުގެ ބިރު ބޮޑެވެ.

ދިޔަވަދަނަގެ ހަށިގަނޑު ހޯމަ ދުވަހު ސްރީލަންކާ އަށް ފޮނުވާނެ އެވެ. ބެލެވޭ ގޮތުގައި ވެރިރަށް ކޮލޮމްބޯގައި މުޒާހަރާތައް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox