ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާ ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދާއި ދިވެހިރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވައިދުގެ ދަށުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
އެ ގަވައިދުގައިވާ ގޮތުގެ މަތިން މިނިސްޓްރީގައި މިހާރު ރަޖިސްޓަރީކޮށް ހިންގަމުންދާ އިންސްޓިޓިއުޓްތަކާއި ކޮލެޖްތައް، އަލަށް ގެޒެޓް ކުރި ގަވާއިދުތައް ގެޒެޓްކުރެވުނު ތާރީހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓަރީ އާކުރަންޖެހެ އެވެ.
އެފަދަ ތަންތަން ރީ-ރަޖިސްޓަރީ ކުރަން ފީއެއް ނަގާ ގޮތަށް ހަމަޖެހިފައެއް ނުވެ އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އާ ނުކުރާ ތަންތަން އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގެ ދަފްތަރުން އުނިކުރެވޭނެ ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށް ހިންގުމާ ގުޅޭ އެންމެހާ ކަންކަމުގައި މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ registration@mohe.gov.mv އީމެއިލް އަށެވެ.
މަތީ ތައުލީމުގެ ބިލު ފާސްކޮށްފައި ވަނީ މި އަހަރު އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މޭ މަހުގެ 16 ވަނަ ދުވަހު އެވެ.












