ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އައިވީ ފްލުއިޑް ޕްރޮޑަކްޓެއްގައި ކޮލިޓީ މައްސަލަތަކެއް ހުރެގެން އެ ޕްރޮޑަކްޓް ވިއްކައި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ "އާރުއެލް" ބްރޭންޑުގެ އައިވީ ފްލުއިޑް ޕްރޮޑަކްޓެއްގައި ހުރި ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެ ޕްރޮޑަކްޓް ވިއްކައި އަދި ބޭނުންކުރުން އެ އޮތޯރިޓީން މިހާރު މަނާކޮށްފައިވާ ކަމަށެވެ.
އަދި މައްސަލަތައް ފާހަގަވި އައިވީ ޕްރޮޑަކްޓަކީ އެ އޮތޯރިޓީން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ޕްރޮޑަކްޓެއް ނޫން ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެ އެވެ.
އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ މަނާކުރި އެ ޕްރޮޑަކްޓްގެ ފޮޓޯތަކެއް ހިމަނާފަ އެވެ. އެ ފޮޓޯއިން ދައްކާ ގޮތުގައި އެމްއެފްޑީއޭއިން މަނާކޮށްފައިވަނީ "އާރުއެލް" ބްރޭންޑުގެ ނަމުގައި އުފައްދާފައިވާ ޕްރޮޑަކްޓެެކެވެ.

އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ "އާރުއެލް" ބްރޭންޑުގެ ޕްރޮޑަކްޓް އުފައްދަނީ އިންޑިއާގެ ފްރެސެނިއަސް ކަބީ އިންޑިއާ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ހުއްދަ ދީފައިވާ ކުންފުންޏަކީ ޖަރުމަންވިލާތުގެ ފްރެސެނިއަސް ކަބީ ކުންފުނީގެ ސަބްސިޑިއަރީ އެކެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނުގައިވާ ގޮތުންނަމަ އެ ޕްރޮޑަކްޓް އެތެރެކޮށް ވިއްކުން މަނާކުރީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެމްއެފްޑީއިން ވަނީ އެ ޕްރޮޑަކްޓް އެއްވެސް ފާމަސީއެއްގައި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފަ އެވެ.













