ޒިޔަދަމް މަރު: ދައުވާ ލިބޭ މީހުންނަށް އިހުމާލުވާތީ ގާޒީގެ އެންގުމެއް ޕީޖީއަށް

ޒިޔަދަމްގެ މަރު: ގާތިލްގެ ގޮތުގައި ތުހުމަތުކުރެވޭ ސިފާމް --

ޒިޔަދަމްގެ މަރު: ގާތިލްގެ ގޮތުގައި ތުހުމަތުކުރެވޭ ސިފާމް --

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ދައުލަތުން އިހުމާލުވެފައިވާކަން ފާހަގަކޮށް، އެކަންކަމަށް ފަރުވާތެރިވުމަށް އަންގާ، ޕްރޮސެކިއުޓާ ޖެނެރަލްއަށް ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި އެވެ.

ޒިޔަދަމް މަރާލާފައި ވަނީ 20 މާޗް 2015 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރަށާއި ބުރަކަށްޓަށް އަދި ފަލަމަސްގަނޑަށް މަސްކަނޑާ ވަޅިއަކުން ހަމަލާދީގެންނެވެ.

އެންމެ ފުރަތަމަ އޭނާގެ ފަލަ މަސްގަނޑަށް ވަޅި ޖެހުމުން، އެ ހަމަލާއިން ސަލާމަތްވުމަށް ދުވެފައި ދަނިކޮށް، ދެ މީހެއް އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

މި ދެމީހުންނަކީ އެ ރަށަށް ނިސްބަތްވާ އަލީ ސިފާމް އާއި މުހައްމަދު ޝަނޫން ކަމަށް ތުހުމަތުކޮށް، ދައުލަތުން އެ ދެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

މެއި 10, 2017 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައާ މީގެކުރިން ދެތިން ގާޒީއެއް ހަވާލުވެފައިވާއިރު، އެންމެ ފަހުން މައްސަލަ ބެއްލެވީ ގާޒީ އަލީ ސަމީރު އެވެ. އެހެން ނަމަވެސް އެ ގާޒީ ފެމިލީ ކޯޓަށް މިދިޔަ ޖޫން މަހު ބަދަލު ކުރެވުމާ ގުޅިގެން މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި މި މައްސަލައާ ހަވާލުވެވަޑައިގެންނެވީ ގާޒީ އިސްމާއިލް ޝަފީއު އެވެ.

މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާ ގުޅިގެން، މައްސަލަ ގޮސްފައިވާ ހިސާބު ސާފުކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ބުނީ ތިން ހެކިވެރިއެއްގެ އެއްބާރުލުން ލިބިފައި ނުވާތީ، އެ ހެކިވެރިންގެ ހެކިބަހާއި ނުލާ މި މައްސަލާގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަދި މި މައްސަލާގައި ހުށަހެޅި ޑޮކްޓަރުގެ ބަދަލުގައި، ސިއްހީ ދާއިރާގެ ހަބީރެއްގެ ރައުޔު ހޯދުމަށް ޕީޖީން އެދުނެވެ. އެކަމަށް ޝަރީއަތުން ހުއްދަ ދިނެވެ.

އެހެންކަމުން ދެން އޮންނަ އަޑުއެހުމެއް ތާވަލް ކުރާނީ މި މައްސަލާގައި ދައުލަތުން ހުށަހަޅާ އެންމެ ފަހު ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.

ގާޒީ ގަބޫލުކުރައްވާ ގޮތުގައި މަސް ދުވަސްތެރޭ މި މައްސަލައިގެ އަޑުއެހުންތައް ނިންމައި, ހުކުމާ ހަމައަށް ވާސިލްވެވޭނެވެ. އެގޮތުން އެ ހެކިބަހަށްފަހު ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި، ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލްކޮށް މި މައްސަލަ އިތުރަށް ދިގު ނުދަންމާ ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޝިފާންގެ ފަރާތުން ސިއްހީ ފަރުވާގެ ޝަކުވާ، ގާޒީގެ އިލްތިމާސްއެއް ދައުލަތަށް

މިއަދުގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ސިފާމް ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ އޭނާ ކަންބޮޑުވުން ފާޅުކުރީ ސިއްހީ ފަރުވާ ނުލިބި، އޭނާގެ އަޑު އިވުމުގެ ހިއްސު ގެއްލިގެން ދާތީ އެވެ. ޝިފާން ބުނި ގޮތުގައި އެންމެ ފަހުން ކްލިނިކަކުން ހެދި ޓެސްޓުން އެނގިގެން ދިޔައީ އޭނާގެ އަޑުއެހުމުގެ ހިއްސުގެ 95 އިންސައްތަ ގެއްލިފައިވާ ކަމެވެ.

ކަންފަތަށް ދަތުވެ، ލެޔާއި ދޮހާއި އަންނާތީ މާފުށީ ހެލްސެންޓަރަށް ދައްކާފައިވާ ކަމަށާއި، އެ ސެންޓަރުން އީއެންޓީގެ ސްޕެޝަލިސްޓަކަށް ދައްކަން ރިކޮމެންޑް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރުވެސް އެ އިންތިޒާމް ހަމަޖެހިފައި ނުވާ ކަމަށް ބުނެ ޝަކުވާކުރި އެވެ.

މިކަމާ ގުޅިގެން ދައުލަތުން ބުނީ، ކަރެކްޝަނުން އެކަން އިތުރަށް ސާފު ކުރަން ޖެހޭ ކަމަށެވެ. ގާޒީ ޝަފީއު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހެއްގެ ހައްގުތައް ކަށަވަރު ކުރުމަކީ ޕީޖީގެ ޒިންމާއެއް ކަމަށެވެ. އަދި އެ މައުލޫމާތުތައް ހޯދާ، ބެލުމުގައި އިތުރަށް ސަމާލުވުމަށް ނަސޭހަތްތެރިވި އެވެ.

މީގެ އިތުރުން އިންސާނެއްގެ ހިއްސެއް ގެއްލުމަކީ އެފަރާތަށް ލިބޭނެ އިޔާދަ ނުކުރެވޭނެ ގެއްލުމެއްކަން ފާހަގަކޮށް ގާޒީ ވަނީ އޭނާއަށް ހާއްސަ ސަމާލުކަމެއް ދީގެން، އެކަންކަން ކައިރިން ބެލުމަށް ޕީޖީއަށް އިލްތިމާސްކުރައްވާފަ އެވެ.

މި ވާހަކަތަކަށްފަހު ސިފާމް ދެން ގާޒީގެ ސަމާލުކަމަށް ގެނައީ އޭނާގެ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި އޭނާގެ އާއިލާ އާއި ބައްދަލު ނުކުރެވި، އަދި ފޯނުންވެސް ވާހަަކަ ނުދެއްކި ދެ އަހަރު ވެފައިވުމުން އެކަން ފާހަގަކޮށްފައިވާ ކަމަށާއި، ހިނގާ ކަސްރަތު ކުރުމަށް ނުނެރޭތީ އެކަންވެސް ފާހަގަކޮށްފައިވާ ކަމަށް ބުންޏެވެ.

ގާޒީ ވަނީ ޝަރީއަތަށާއި ދައުލަތަށް އެ ރިޕޯޓު ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި އެޗްއާރުސީއެމުން ލަފާދީފައިވާ ކަންކަމަށް ސަމާލުވެ، ސިފާމްގެ ހައްގުތައް ކަށަވަރު ކުރުމަށް ދައުލަތަށް އަންގާފަ އެވެ.

ފުލުހުން އަނިޔާކުރި ކަމުގެ ތުހުމަތު

ސިފާމްއަށް ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު އޭނާއަށް ފުލުހުން އަނިޔާ ކުރި ކަމަށެވެ. އެ ދުވަހު މާފުށީ ޖަލުގައި ކަރެކްޝަންގެ އެއްވެސް އޮފިސަރެއް ނެތް ކަމަށް މިއަދުގެ އަޑުއެހުމުގައި އޭނާ ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާ ގޮޅި ތެރެއަށް ވަދެ، ބިންމައްޗަށް ވައްޓާލާ، އަނިޔާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެ އެވެ. މި ހާދިސާގައި އޭނާއަށް ގިނަ އަނިޔާތަކެއް ލިބުނުކަން ފާހަގަކުރި އެވެ.

ޝަރީއަތުން ވަނީ މިކަންވެސް ހިނގައި ދިޔަ ގޮތް ބެލުމަށް ޕީޖީއަށް އަންގާފަ އެވެ. އަދި ދައުލަތުގެ ބެލުމުގައި ތިބި މީހުންނަށް އިހުމާލުނުވުމަށް ތަކުރާރުކޮށް ހަނދުމަކޮށްދީ، ނަސޭހަތްތެރިވެފަ އެވެ.

މައްސަލަ ހިނގައި ދިޔަ ގޮތް

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިއެއް ބުނާ ގޮތުގައި ޒިޔަދަމް މަރާލުމުގެ ކުރިން ހޫނު ގަދަ ޒުވާބެއް ހިނގި ކަމަށް ވެއެވެ. އަދި އެ ޒުވާބު ހިނގާ ދިޔައީ ސިފާމްގެ ކޮއްކޮ އާއި ޒިޔަދަމާ ދެމެދު ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އެނގޭ ކަމަށް ވެސް ހެކިވެރިޔާ ބުނެފައި ވެއެވެ.

އޭނާ ބުނާ ގޮތުން ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގެ ތެރެއިންނެވެ.

އެ ގޭގެ ބަދިގެއިން އޭނާގެ ހަށިގަނޑު ނަގައިގެން ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައިރުވެސް ހެކިވެރިޔާ ހުރި ކަމަށާއި، ސިއްހީ މަރުކަޒު ކައިރިން މައްސަލައިގައި ތުހުމަތު ކުރެވޭ ޝަނޫނު ފެނުނު ކަމަށާއި އޭނާ އެތަނުގައި ވަރަށް އަޑުގަދަކުރި ކަމަށް ހެކިބަސް ދެމުން އޭނާ ބުންޏެވެ. އަދި ޝަނޫނުގެ ސޯޓުގަ އާއި އަތުގައި އެވަގުތު ލޭ ހުރިތަން ފެނުނު ކަމަށްވެސް ހެކިބަސްދެމުން ބުންޏެވެ.

ޒިޔަދަމް މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox