ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތް މިއަދު ކުރިއަށް ދިޔައިރު ޕީޕީއެމް އޮފީހުގައި ތަފާތު މަހާއުލެކެވެ;
ޕީޕީއެމްގެ ލީޑާޝިޕް އެކޮށް ކަހަލަ ގޮތަކަށް ތިބީ ޕީޕީއެމް އޮފީހުގަ އެވެ. އިސް އެކްޓިވިސްޓުންނާއި ސަޕޯޓަރުން ވެސް ޓިވީ ރޫމަށް ޖަމާވި އެވެ. އެންމެންގެ މޫނުމަތީން ފެންނަނީ ނުތަވަސްކަމެވެ. އެކަމަކު މޫނުމަތިން ފެންނަނީ ރައީސް ޔާމީނަށް އޮތް ލޯތްބާ ކުލުނެވެ.
ސްޕްރީމް ކޯޓުގެ ޝަރީއަތް ފެށިއިރު އެކަކު އަނެކަށް ބުނަމުން ދިޔައީ މިއަދު ނަސްރު ލިބޭނެ ކަމަށެވެ. ނަމަވެސް, ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔު އިއްވަމުން ދިޔަވަރަކަށް މުޅިތަނަށް ވެރިވަމުން ދިޔައީ ހާސްކަމެވެ. ނުތަނަވަސްކަމެވެ. އެކަމަށް ކެތްނުވެގެން ބައެއް މީހުން އެހޯލުން ނުކުމެގެން ދިޔަ މަންޒަރު ވެސް ފެނުނެވެ.
އިސްތިއުނާފީ ނުކުތާތައް ނަފީކުރަމުން ދިޔަވަރަކަށް ސަޕޯޓަރުންގެ މޫނުމަތީން ކަންބޮޑުވުމާއި ދެރަވުމުގެ އަސަރުތައް ފާޅުވަމުން ދިޔަ އެވެ. އެކަކު އަނެކަމުގެ މޫނަށް ބަލާލާނެހާ ހިތްވަރުވެސް ނެތް ކަހަލަ އެވެ.
މިފަދަ ކަންބޮޑުވުމާއި ހާސްކަމުގައި ތިބި ސަޕޯޓަރުނަށް އުއްމީދުގެ ހުޅުކޮޅެއް ދިއްލިގެން ދިޔައީ ފަނޑިޔާރު މަހާޒު "އެމްސީބީގެ އެކައުންޓް ސްޓޭޓްމަންޓްގައި ޗެކް ނަންބަރު ލިޔެފައިވާ ގޮތަށް ބަލާއިރު ހާމަވެފައިވާ ފުށުއެރުމާ ހެދި، އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމާމެދު ސުވާލު އުފެއްދުމުން" ކަމަށް ވިދާޅުވުމާ އެކު އެވެ.


އެ ހިސާބުން ޝަރީއަތުގެ މިޝްރާބު ބަދަލުވެ ޓީވީ ހޯލުގެ އޮއިވަރިވެސް ބަދަލުވެއްޖެ އެވެ.
ފަނޑިޔާރުގެ މިފަދަ ކޮންމެ ނިމުމަކާއެކު ސަޕޯޓަރުންގެ މޫނުތަކުން އުފާވެރިކަމުގެ ކުލަވަރު ފާޅުވަމުން ދިޔަ އެވެ. މިހިސާބުން އެކަކު އަނެކަކާ ވާހަކަ ދައްކާލާ ހީލާ ހަދަން ފެށި އެވެ. އެމީހުންގެ ހުރިހާ އުއްމީދެއްވެސް ގުޅިފައިވަނީ ރައީސް ޔާމީން މިނިވަންވުމާކަން ޔަގީންވި އެވެ.
ތިން ހަތަރު ގަޑި އިރުގެ ދިގު އިންތިޒާރުގެ ނިމުން ކައިރިވަމުން ދިޔަވަރަކަށް ޔާމީންގެ ސަޕޯޓަރުންގެ އުއްމީދު ދިޔައީ އާވަމުންނެވެ. ޕީޕީއެމް އޮފީހުގެ ތެރޭގައި ހަރަކާތްތެރިކަން ދިޔައީ އިތުރުވަމުންނެވެ.

ފަނޑިޔާރު މަހާޒު ހުކުމްގައި ރައީސް ޔާމީނާ އެއްކޮޅަށް ނުކުތާތައް ނިންމަވަން ފެއްޓެވުމުން އުއްމީދު އާވެ ސަޕޯޓަރުންގެ އުފާވެރިކަމުގެ އަޑުތައް އުފަލުން ގަދަވަމުން ދިޔަ އެވެ.
"ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމި ނިންމުން ބާތިލު ކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުއަށް ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދު ތާއީދުކުރެއްވި." ކަން ހަމާކުރެއްވުމާއެކު މުޅި ހަރުގެ ގުގުމައިގެން ދިޔަ އެވެ.
"ﷲ އަކުބަރު!!"

ޝަރީއަތުގެ ކުރީކޮޅު ނިންމުންތައް އައި ގޮތުން ކަރުނަ ހިލެމުން ދިޔަ ލޯތަކުން، އުފާވެރިކަމުގެ ކަރުނަ ހިފެހެއްޓުމެއް ނެތި އޮހޮރިގަތެވެ. އުފަލުން ރޮމުން އެކަކު އަނެކަކުގެ ގައިގައި އޮޅުލައި ގަތެވެ.
އެއްބަޔަކު ބޭނުންވީ ދުވެފައި ސްޕްރީމް ކޯޓް ކައިރިއަށްދާށެވެ. އަނެއްބަޔަކު ބޭނުންވީ ބޮޑު ހިނގާލުމަކަށް ތައްޔާރުވާށެވެ; ރައީސް ޔާމީނަށްޓަކައި ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރު ކަމަށް ގޮވަމުން ދިޔަ އެވެ.
"ހަމަ ވަރަށް އުފާވެއްޖެ," ސަޕޯޓަރަކު ބުންޏެވެ.
ކޮންމެއަކަސް ރައީސް ޔާމީން މިނިވަންވީ އެވެ. އެމަނިކުފާނަށް ސަޕޯޓުކުރާ އެތައް ބައެއްގެ ހިތްތައް އުފަލުން ފޮޅިއްޖެ އެވެ. އިދިކޮޅުން އަންނަ ރިޔާސީ އިންތިހާބަށް ކުރަމުންދިޔަ އުއްމީދުގައި ވެސް އުޖާލާ އެތައް ކުލަތަކެއް މިއަދު ޖެހިގެން ދިޔައީ އެވެ.











