މޫސަގެ މަރު: އަނިޔާ ލިބުނު ކުއްޖާ ހެކިބަސްދިނީ ހައްޔަރުކުރި އެކަކުވެސް ނުފެންނަ ކަމަށް

މޫސަގެ މަރު: އައިޓަމްސް ފިހާރަ ސަރަހައްދު ބަންދުކޮށް ކްރައިމް ސީންގައި ފުލުހުން ހަރަކާތްތެރިވަނިކޮށް -- ފޮޓޯ: އަދަދު ފައިލް

މޫސަގެ މަރު: އައިޓަމްސް ފިހާރަ ސަރަހައްދު ބަންދުކޮށް ކްރައިމް ސީންގައި ފުލުހުން ހަރަކާތްތެރިވަނިކޮށް -- ފޮޓޯ: އަދަދު ފައިލް

މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގެ ތެރެއިން ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންވެސް އެރޭ އެސަރަހައްދުން ނުފެންނަ ކަމަށް އެ މާރާމާރީގެ ތެރެއިން އަނިޔާވި ކުޑަކުއްޖާ ހެކިބަސް ދެމުން ބުނެފި އެވެ.

ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ފަސް މީހެއްގެ މައްޗަށެވެ. އެއީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީއާއި، އަލީ ހަސަންއާއި، މުހައްމަދު ރިޔާޒްއާއި، އަހުމަދު އީޖާދު މުހައްމަދު އަދި މުހައްމަދު ނާޝިޒް ނާޒިމްގެ މައްޗަށެވެ.

އޭގެ ތެރެއިން ސައްމާހުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. ބާކީ ތިބި ތިން މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ނާޝިޒްގެ މައްޗަށް ކުރީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމުގެ މަރުހަލާ އެވެ. ސިއްރު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ވަނީ އެރޭ އަނިޔާލިބުނު ކަމަށް ބުނާ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. ދައުލަތުގެ ސުވާލާއި، ދިފާއުގެ ސުވާލު ލިޔުމުން ފޮނުވައިގެން އެކުއްޖާގެ ހެކިބަސް ނަނގާފައި ވަނީ ކޯޓުންނެވެ. ސިއްރުން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގެ ރިކޯޑިން ދައުލަތަށާއި، ދައުވާ ލިބޭ ފަރާތުގެ ވަކީލުން ކޯޓަށް ހާޒިރުކޮށް އަޑުއިއްވާފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

އެ ކުއްޖާގެ ހެކިބަހާއި ގުޅިގެން ތާވަލް ކުރި އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް އައިމިނަތު ޝީޒާ އަހްމަދު ކަންބޮޑުވުން ފާޅުކުރެއްވީ ދައުލަތުން އެދުނު ހުރިހާ ސުވާލެއް، އެދުނު ގޮތަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާއާއި، ޝަރީއަތުން ކޮށްފައި ނުވާކަން ފާހަގަކޮށެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބި ކުރިއަށްދާން އުނދަގޫ ވާނެކަން އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ދިފާއީ ހަތަރު ވަކީލުންވެސް ވަނީ އަލުން އެ ކުއްޖާގެ ހެކިބަސް ނެނގުމަށް އިއުތިރާޒްކޮށް، ޝަރީއަތުން ހެކިބަސް ނެގުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅަށް ކަމަށް ބުނެފަ އެވެ. އަދި ހެކިވެރިޔާއާ ސުވާލުކުރެވޭނީ ކުރާ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތަކުން ކަމަށް ދިފާއީ ވަކީލުން ފާހަގަކުރި އެވެ.

އެގޮތުން އީޖާދުގެ ވަކީލް މުހައްމަދު ރާގިބު ވިދާޅުވީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ފަސް މީހުން އެ ހާދިސާ ހިނގި ސަރަހައްދުން ނުފެންނަކަން ދައުލަތުން ހުށަހެޅި ހެކިވެރިޔާގެ ހެކިބަހުން ފާހަގަވެގެން ދިޔަ ކަމަށެވެ.

"ވަކިވަކިން ދައުވާ ލިބޭ ފަސް މީހުންގެ ފޮޓޯ ދެއްކީމާ އެ ކުއްޖާ ބުނެފައި އެބަވޭ ތި މީހުންނެއް ނޫނޭ ތިމަންނައަށް އަނިޔާ ދިނީކީ، އަނިޔާ ދިން މީހުން ފެނިއްޖިއްޔާ ތިމަންނައަށް އެނގޭނެއޭ" ރާގިބް ވިދާޅުވި އެވެ.

ދައުވާ ލިބޭ ރިޔާޒްގެ ވަކީލް ހަމްޒާ ލަތީފް ވަނީ އެ ކުއްޖާ ލައްވާ ވަކި ގޮތަކަށް ހެކިބަސް ދޭން ދައުލަތުން މަޖުބޫރުކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ ކުއްޖާގެ ހެކިބަސް ނަނގާފައިވަނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް ބުނެ، އެ ހެކިބަސް ބަލައި ނުގަތުމަށް ވަކީލް ހަމްޒާ ކޯޓުގައި އެދުނެވެ.

ސައްމާހު އަދި އަލީ ހަސަންގެ ވަކީލް އަހްމަދު ފާއިޒް ވިދާޅުވީ އެ ކުއްޖާގެ ހެކިބަސް އަޑުއެހުމުން، އެ ހާދިސާ ހިނގައިދިޔަ ގޮތް އެ ކުއްޖާއަށް ރަނގަޅަށް ނޭނގޭކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެކުއްޖާ އެވަގުތު އެ ސަރަހައްދުގައި ހުރިކަން ހެކިބަހުން އެނގުނު ކަމުގައި ވީނަމަވެސް މާރާމާރީ ހިންގި މީހުން އެ ކުއްޖާއަށް ނޭނގޭކަން ވެސް އޭނާގެ ހެކިބަހުން އެނގޭކަމަށް އަހުމަދު ފާއިޒު ވިދާޅުވި އެވެ.

ހެކިން ހާޒިރުކުރުމުގެ ފުރުސަތު ދައުލަތަށް ގެއްލި، ދިފާއުއަށް އިތުރު ފުރުސަތެއް

ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ބައެއް ހެކިވެރިންގެ ހެކިބަސް އަދިވެސް ނެގިފައެއް ނުވެ އެވެ. ދައުލަތުގެ ވަކީލު މިކަން ޝަރީއަތުގެ ސަމާލުކަމަށް ގެނައުމުން ގާޒީ ހަސަން ސައީދު ވިދާޅުވީ ހެކިވެރިން ހާޒިރު ކުރުމުގެ ފުރުސަތު އެކި ދުވަސްމަތިން ދައުލަތަށް ދެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ ދުވަސްތަކުގައި ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނެގިފައި ނުވާތީ، މައްސަލަ އިތުރަށް ދިގުދެންމުމަށް ދައުލަތަށް އެ ފުރުސަތު ދެވެން ނެތްކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުވާ ރައްދުވާ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިވެރިން ހާޒިރު ކުރުމުގެ ފުރުސަތަކަށް އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. މި ނިންމުމާއި އިއުތިރާޒްކޮށް، ކަންބޮޑުވުން ފާޅުކުރަމުން ދައުލަތުގެ ވަކީލް ޝީޒާ ވިދާޅުވީ މޫސާ މަރާލި ސަރަހައްދުގައި ދައުވާ ރައްދުވާ ފަސް މީހުން ތިބިކަން ޝަރީއަތަށް ސާބިތު ކުރެވިފައިވާ ކަމަށާއި، އެކަން ސީސީޓީވީ ފޫޓޭޖުންނާއި، ވީޑިޔޯ އެނަލިސިސް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރުގެ ހެކިބަހުން ޝަރީއަތަށް ސާފުކޮށްދީފައިވާ ކަމަށެވެ. އަދި ޝަރީއަތަށް ސާފުކޮށްދީފައިވާ ވާގިއާތެއް، އިތުރަށް ނަފީކުރަން ހެކި ހުށަހަޅާނެ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލުގެ އެ ކަންބޮޑުވުމާ ގުޅިގެން ޝަރީއަތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ގޮތެއްވެސް ނުނިންމަވަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ ކުޑަ ކުއްޖާގެ ހެކިބަހާއި ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކަށް ހުކުމް ކުރުމުގައި ރިޔާއަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލައިގައި ދެން ގިނަވެގެން ބާއްވާނީ ތިން އަޑުއެހުން ކަމަށް ވިދާޅުވި އެވެ. އެއީ ދިފާއީ ހެކިވެރިން ހާޒިރުކުރުމަށް އަޑުއެހުމަކާއި، ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމަކާއި، ހުކުމް ކުރުމަށް ބާއްވާ އެންމެ ފަހުގެ އަޑުއެހުމެވެ.

ގާޒީ ވިދާޅުވި ގޮތުގައި ދެން އެންމެ އަވަހަށް މި މައްސަލައިގެ އަޑުއެހުމެއް ބޭއްވެން އޮތީ އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. އެއީ އޭނާ އޭނާ ނުނގާ ހުރި ޗުއްޓީތައް އަހަރު ނިމުމުގެ ކުރިން ނަނގަން ޖެހޭތީ ކަމަށް ވިދާޅުވި އެވެ. އަދި ޗުއްޓީއަށް ފަހު އެންމެ އިސްކަން ދޭނީ މި މައްސަލަ އިތުރަށް ލަސްނުކޮށް ނިންމަން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox