އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ދަތުރުފުޅެއް ފަށްޓަވައިފި އެވެ.
ތިން ދުވަހުގެ މި ދަތުރަކީ ޗައިނާ ސަރުކާރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ މައްސަލަތަކާއި އދ. ކަންކަން ފަދަ ދެ ފަރާތުން ސަމާލުވާ ކަންކަމާ މެދު މި ދަތުރުގައި މަޝްވަރާކުރައްވަވާނެ ކަމަށެވެ.
އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ޖުން ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގެ އިސް ފަރާތެއްގެ ގޮތުގައި އދ. އިން އަދާކުރާ ދައުރަށް ޗައިނާ އިން ތާއީދުކުރާ ކަމަށާއި ޝާހިދުގެ މިދަތުރުފުޅާ އެކު ޗައިނާ އާއި އދ. ގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެއް އަހަރުގެ ދައުރަކަށް މިދިޔަ ޖޫން މަހު އދ. މަގާމަށް އިންތިހާބުވެވަޑައިގެންނެވި ޝާހިދު މިދުވަސްކޮޅު އެމެރިކާގައި ހުންނަވައި ކުރައްވަނީ އދ. ގެ މަސައްކަތްތަކެވެ. އެގޮތުން ދާދި ފަހުން ނިމުނު އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި ޖަލްސާތައް ވިލަރެސްކުރެއްވި އެވެ. ޝާހިދު ނެތުމުން މިވަގުތު ރާއްޖޭގެ ފޮރިން މިނިސްޓްރީ ހިންގަވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދުގެ ރަސްމީ ފުރަތަމަ ދަތުރުފުޅުކުރެއްވީ ރާއްޖެ އަށެވެ.











